بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.

އާދެ، ހުޅުދެއްޔަށް އަޅުގަނޑަށް އާދެވުނު ފުރަތަމަ ފަހަރު މިއީ. އަޅުގަނޑުމެން، އަޅުގަނޑާއި އަޅުގަނޑުގެ ޓީމު ހުޅުދެއްޔަށް އައުމުން، މި ރަށުގެ ލޮބުވެތި ރައްޔިތުން ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށް އިޚްލާޞްތެރިކަމާއެކުގައި އަޅުގަނޑު އެންމެ ފުރަތަމަވެސް ޝުކުރު ދަންނަވަން.

އަދި މި ދަތުރު ރޭވުމާ އެކީގައި މި ރަށުގެ ކައުންސިލުގެ މެންބަރުންނާއި، ރަށުގެ އިސް ބޭފުޅުން މިކަމަށް ތައްޔާރުވަމުންދިޔަ މިންވަރު އަޅުގަނޑަށް އެނގޭ. އެކަމަށްޓަކައިވެސް ކައުންސިލުގެ މެންބަރުންނަށްވެސް އަޅުގަނޑު އިޚްލާޞްތެރިކަމާއެކުގައި، އާދެ، ޝުކުރު ދަންނަވަން.

އާދެ، ވެރިޔަކަށް ހުންނަ މީހަކު ރަށްރަށަށް އައިސް، ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުން ބޭނުންވެފައި ހުންނަ ކަންތައްތައް ދެނެގަތުމަކީ ކުރަންޖެހޭ ކަމެއް. އަޅުގަނޑު ކުރަމުން މި ގެންދަނީ އެ ކަންތައްތައް. މި ރަށަށްވެސް ބޭނުންވެފައި ހުރި ތަރައްޤީގެ ކަންތައްތަކެއް އެބަހުރި. އަސާސީ ޚިދުމަތްތައް. ބައެއް ޚިދުމަތްތައް ނުލިބިހުރިކަންވެސް އަޅުގަނޑު ފާހަގަކުރަން.

މި އަހަރުގެ ކުރީކޮޅު، އެޕްރީލް މަހުގައި، މި ރަށުގެ ކައުންސިލާ އަޅުގަނޑާ މާލެއިން ބައްދަލުކުރުމުގެ ފުރުޞަތު ލިބުނު. އެ ބައްދަލުވުމުގައިވެސް ރަށަށް ދިމާވެފައި ހުރި، މިހާރުން މިހާރަށްވެސް ކުރަންޖެހިފައި ހުރި ކަންތައްތަކުގެ ވާހަކަ، އެބޭފުޅުން އަޅުގަނޑާ ޙިއްޞާކުރި. އެގޮތުން ރަށުގެ ބަނދަރުގެ ވާހަކައާއި، ބިމުގެ ވާހަކަ، ޚާއްޞަ ގޮތެއްގައި ފާހަގަކުރި.

އަޅުގަނޑުމެން މި ރަށަށް ގެންނަ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި، މި ރަށުގެ ބަނދަރު ބޮޑުކުރުން އެބައޮތް. އިރާދަކުރެއްވިއްޔާ، މިހާރު މިދަނީ އެ ބިޑަށްލައި އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުން. މި ރަށުގައި މިހާރު އޮތީ ސަތޭކަ ފަންސާސް ފޫޓް، ތިންސަތޭކަ ފޫޓުގެ ބަނދަރެއް. އިރާދަކުރެއްވިއްޔާ، ކައުންސިލުންވެސް އެދިފައި އޮތްގޮތަށް، މި ރަށުގެ ބަނދަރު، އިތުރަށް ތިންސަތޭކަ ފޫޓް ބޮޑުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން. އަދިވެސް އިތުރަށް ރައްޔިތުން ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމުގެ ފުރުޞަތު އަދިވެސް އޮތް ވާހަކަ ތިޔަބޭފުޅުންނަށް ދަންނަވަން.

ތެދުފުޅެއް، މި ރަށަކީ މަސްވެރިކަމުގެ ރަށެއް. މަހަށް ރަނގަޅު އަގު ހޯދައިދިނުމަކީ، މި ސަރުކާރުން ވެފައިއޮތް ވަޢުދެއް. އަޅުގަނޑުމެން އެ މަސައްކަތް ކުރަމުން އެބަ ގެންދަން. އެނގިވަޑައިގަންނަވާނެ، މި އަހަރަކީ ރާއްޖެއަށް ވަރަށް ރަނގަޅަށް މަސްވެރިކަން އައިސްފައި އޮތް އަހަރެއް. ކުރިއަށް އޮތް ތަނުގައިވެސް މަސްވެރިކަން ރަނގަޅުވާނެކަމުގެ ނިޝާންތައް އެބަ ފެނޭ. ސަބަބަކީ، އިންޑިޔާ ކަނޑުގެ މަސްވެރިކަމަށް ދާއެޅުން. މީގެކުރިން ދާއަޅަމުން އައި މަސްވެރިކަމަށް މިހާރުވަނީ ކޮންޓްރޯލެއް ގެނެވިފައި. އެރެބިއަން ސީގައި ޚާއްޞަކޮށް، ދާ އަޅައިގެން މަސް މިހާރު ނެގެނީ ކޯޓަރއެއްގެ ދަށުން. މި އަހަރު އެއަށް ޢަމަލުކުރަން ފެށުމާ އެކީގައި، ވަކިވަރަކަށްވުރެ ގިނައެއްކޮށްނެތް، ކުރިންވެސް ދެންނެވި ފަދައިން، ދާއަޅައިގެން މަސްވެރިކަމެއް ނުކުރެވޭ.

އެހެންކަމުން، 1980ގެ އަހަރު ތެރޭގައިވެސް ރާއްޖެއަށް އެ އައިފަދަ ރަނގަޅު މަސްވެރިކަމެއް، ކުރިއަށް އޮތް ތަނުގައި އަންނާނެކަމީ މިހާރު ފެންނަން އޮތް ޙަޤީޤަތެއް.

އެހެންކަމުން، ސަރުކާރާއި އަދި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން މިކަމަށް ވިސްނައި، ބަދަލުތަކެއް ގެންނަން އެބަޖެހޭ. މިފްކޯގެ ކެޕޭސިޓީ މިހާރަށްވެސް ކުޑަ. ސަރުކާރުން މިގެންދަނީ މިފްކޯއަށް ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތް ކުރަމުން. އެގޮތުން ފެލިވަރާއި، ކޫއްޑޫ އިތުރަށް ބޮޑުކުރުމުގެ މަސައްކަތް، އިންފްރާސްޓްރަކްޗަރ އިތުރުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން މިގެންދަނީ.

މިހާރު މިފްކޯއަށް މި ގަންނަ އަގުގައި ގަނެގެން، އޭގެ ފައިދާ ލިބޭގޮތުގައި، ދުނިޔޭގެ މާކެޓަކަށް ވިއްކޭކަށް ނެތް. އެހެންކަމުން، މިހާރުން މިހާރަށް ކުރަންޖެހިފައި އޮތް ކަމަކީ އަޅުގަނޑުމެން މިފްކޯއަށް ގަންނަ މަސް، ވެލިއު އެޑްކޮށް، އެ ބަންދުކޮށް، ޕްރޮސެސްކޮށް، ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރުން. އިރާދަކުރެއްވިއްޔާ، އޭގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް، މި އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި މިފްކޯއިން ކުރަން ފަށާނެ. އެކަން ފެށުމާ އެކީގައި މިފްކޯއަކީ، ދެކޮޅުޖެހޭ ކުންފުންޏަކަށް ބަދަލުވެ، ގަންނަ މަހަށް، މިހާރަށްވުރެ ރަނގަޅު އަގު ލިބޭނެގޮތް ހަމަޖެއްސުމުގެ މަސައްކަތް، އެ ބޭފުޅުން ކުރައްވަމުން އެބަ ގެންދަވާ.

މިހާރުން މިހާރަށް ތިޔަބޭފުޅުން ތިޔަ ވިދާޅުވި ފަދައިން ކުރަންޖެހޭ ކަމެއް އެބައޮތް. މި ރަށުގެ މަސްވެރިން ބާނާ މަސް، މި އަތޮޅުން، ނޫނީވިއްޔާ، މިހިސާބު ކައިރިން، މި ރަށުން، ކިރޭނެގޮތެއް އެބަ ހަދަންޖެހޭ. އަޅުގަނޑު މިފްކޯއަށް މި މައްސަލަ ގެންގޮސް، އިރާދަކުރެއްވިއްޔާ މިއަށް ރަނގަޅު ޙައްލެއް ގެނެސްދޭނަން.

އާދެ، އަޅުގަނޑުމެންނާ އޭރު ކައުންސިލުން ބައްދަލުކުރިއިރުގައި ދެއްކި، އިންޖީނުގޭގެ ވާހަކަވެސް. އަދި މި ރަށުގައި ސާފު ބޯފެން، ޑީސެލިނޭޝަން ޕްލާންޓެއް ބަހައްޓައިގެން ލިބޭނެ އުސޫލެއް އަދިއެއް ނެތް. އިރާދަކުރެއްވިއްޔާ މިހާރު އިންޖީނުގޭގެ މަސައްކަތް، ޢަމަލީ މަސައްކަތް ފެށުމާ ހިސާބުގައި އެއޮތީ. ދެންހުރި ކަންތައްތައްވެސް އަޅުގަނޑު މި ދެންނެވި ފަދައިން، ފެނުގެ ނިޒާމުވެސް އެއީ އަޅުގަނޑުމެން ސަރުކާރުން ވެފައި އޮތް ވަޢުދާ އެއްގޮތަށް، މި ސަރުކާރުގެ މި ދައުރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މި ރަށަށްވެސް ފޯރުވިގެންދާނެ.

ސަރުކާރުން މިހާރު މި ދުވަސްކޮޅު، ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ. އެގޮތުން ދެ ހަފްތާ ކުރިން، އަޅުގަނޑުމެން ވާނީ ސަރުކާރުގެ ސްޓެރެޓީޖިކް އެކްޝަން ޕްލޭން އިޢުލާނުކޮށްފައި. އަޅުގަނޑުމެންގެ ފަސް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ވީ ވަޢުދާއި، ތިޔަބޭފުޅުންގެ އެދުމާ އެއްގޮތަށް ރާއްޖޭގެ ރަށްރަށުން، އަތޮޅުތަކުން ރައްޔިތުން އެދިފައި ހުރި ކަންތައްތައް ތަންފީޒުކުރާނެ ގޮތްތަކެއް، ތާވަލެއް އެއޮތީ ރާވައި ނިމިފައި. ތިޔަ ހުރިހާ ބޭފުޅުންވެސް އެއަށް ބައްލަވައިލެއްވީމާ، މިވެނި ރަށެއްގައި، މިވެނި ކަމެއް ކުރާނީ ކޮންއިރަކުންކަން ވަރަށް ސާފުކޮށް އެނގިގެންދާނެ. އެގޮތުން މި ރަށަށްވެސް، މި އަތޮޅަށްވެސް ކުރަންހުރި ކަންތައްތައް، ވަރަށް ސާފުކޮށް އޭގައި ހިމަނާފައި ހުންނާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ފަސް އަހަރު ދުވަހުގެ ތެރޭގައި، އެ ކަންތައްތައް ތަންފީޒު ވެގެންދާއިރުގައި، ރައްޔިތުން މި ބޭނުންވާ އަސާސީ ޚިދުމަތްތަކާއި، ތަރައްޤީއަށް ބޭނުންވާ ކަންތައްތައް ފަހިވެގެންދާނެ.

ހަމަ އެއާއެކުގައި، މިދިޔަ ހަފްތާ ނިމުނުއިރުގައި، އަޅުގަނޑުމެން ވާނީ ރައްޔިތުންގެ މަޖިލީހަށް ލާމަރުކަޒީ ޤާނޫނު ހުށަހަޅާފައި. އެ އަންނަނީ ވަރަށް، ވަރަށްބޮޑު ބަދަލެއް ހިންގުމަށް. ސަރުކާރުން ކުރަމުން އައި ވަރަށްގިނަ ކަންތައްތައް، އަޅުގަނޑުމެން ކައުންސިލުތަކަށް އެބަ ދޫކޮށްލަން. ބާރުތައް އެބަ ދޫކޮށްލަން. މާލީގޮތުން ފުދުންތެރިކަން އެބަ ގެނެސްދެން.

ކުރިއަށް އޮތީ ކައުންސިލުގެ އިންތިޚާބު. ރައްޔިތުން ވިސްނުންތެރިކަމާ އެކީގައި އެކަން އެބަޖެހޭ ކުރަން. އަޅުގަނޑުމެން މި ދޫކޮށްލާ ބާރުތަކާއި، މާލީ ތަނަވަސްކަމުގެ ރަނގަޅު ފައިދާ ހެޔޮގޮތުގައި ރައްޔިތުންނާ ހިސާބަށް ގެނެސްދޭނެ ކައުންސިލެއް، ހަރަކާތްތެރި ކައުންސިލެއް އެބަޖެހޭ ހޯދަން. އަޅުގަނޑު ހިތުން ރައްޔިތުން، އެ އިންތިޚާބުގައި އެކަމާ ދޭތެރޭގައި ވިސްނައި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް މަގުފަހިކޮށްދޭ ކަހަލަ ކައުންސިލެއް ހޮވައިދެއްވާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް މި ރަށުގައިވެސް އެބައޮތް.

އަޅުގަނޑުމެން އޭގެއިތުރުން، އިއްޔެ އެވަނީ އިންކަމް ޓެކްސްގެ ޤާނޫނުވެސް މަޖިލީހަށް ހުށަހަޅާފައި. މިއީވެސް ގެނެވޭ ވަރަށްބޮޑު ބަދަލެއް. އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި، ރާއްޖޭގައި މިހުރި ޤުދްރަތީ ވަސީލަތްތަކާއި، ތަނަވަސްކަމުގެ ހަމަހަމަކަން، ވީހާވެސް ބޮޑަކަށް ރައްޔިތުންނާ ހަމައަށް ގެނެސްދޭނެ ގޮތް، އޭރަކު އޮންނަ ސަރުކާރަކުން ކުރަންޖެހޭނެ. މަސައްކަތްކުރަން ބޭނުންވާ މީހުންނަށް މަސައްކަތް ކުރުމުގެ ފުރުޞަތު ދިނުމަށްފަހުގައި، އެ ލިބޭ އެއްޗެއް ވީހާވެސް ބޮޑަކަށް ރައްޔިތުންނާ ހަމައަށް، ހަމަހަމަކޮށް ގެނެސްދިނުމުގެ މަސައްކަތް އެއީ ސަރުކާރުން ކުރަންޖެހޭނެ ކަމެއް. އަޅުގަނޑުމެން މިވަނީ ވިޔަފާރިވެރިންނަށް ވިޔަފާރި ކުރުމުގެ ފުރުޞަތު ހުޅުވާލާފައި. ފަހި ގޮތްތަކެއް އަޅުގަނޑުމެން ހޯދައިދޭނަން. ރާއްޖޭގެ، މި ދެންނެވި ޤުދްރަތީ ވަސީލަތްތަކުން ލިބޭ މަންފާ ރައްޔިތުންނާ ހިސާބަށް ގެނެސްދިނުމަށްޓަކައި ކުރަންޖެހޭ އެއްކަމެއް އެއީ، ލިބޭ އާމްދަނީއިން ޓެކްސްއެއް ހޯދައި، އެ ރައްޔިތުންނާ ހިސާބަށް ގެނެސްދިނުން. އަޅުގަނޑުމެން ކުރަން މިއުޅެނީ އެކަންތައް.

އިރާދަކުރެއްވިއްޔާ، މި ޓެކްސް ތަޢާރުފުވެގެން ދިޔުމާއެކީގައި، އަޅުގަނޑުމެންނަށް ދައުލަތަށް ވަންނަ ފައިސާ މިހާރަށްވުރެ އިތުރުވެގެންދާނެ. އޭގެ ނަތީޖާއަކަށް ވެގެންދާނީ އަޅުގަނޑުމެން ރައްޔިތުންނަށް ކޮށްދޭން މި ބޭނުންވާ ކަންތައްތައް ކުރުމަށް، އިތުރު ފައިސާ، ސަރުކާރުގެ ބަޖެޓުގައި ހިމަނަން ފުރުޞަތު ލިބުން. އިރާދަކުރެއްވިއްޔާ، އެ ބިލުވެސް ފާސްވެގެން ދިޔުމާއެކީގައި، އަޅުގަނޑު މި ދެންނެވި ފަދައިން، ރައްޔިތުންނަށް އަޅުގަނޑުމެން ކޮށްދޭން ހުރި ކަންތައްތައް އިތުރަށް އަވަސްކޮށް، ހަލުވިކޮށް ކުރެވިގެންދާނެ.

މި ދެންނެވީ، މި ވަގުތަށް އަޅުގަނޑުމެން ކުރަމުންގެންދާ ބައެއް މުހިންމު ކަންތައްތައް. އޭގެ އިތުރުން، އަޅުގަނޑުމެންގެ މި ސަރުކާރުން އަބަދުވެސް ވިސްނާ އެއްކަމެއް އެއީ ހަމަޖެހުމާއި، އިންޞާފު ރާއްޖޭގައި ޤާއިމުވެފައި އޮތުން. ތަރައްޤީއަށްޓަކައި އެންމެ ބޭނުންވާ މުހިންމު އެއްކަމަކީ ހަމަޖެހުން. ހަމަޖެހުން ނެތް ތަނެއްގައެއް އިޤްތިޞާދެއް ކުރިއެއްނާރާނެ. އެހެންކަމުން، ސަރުކާރުގެ އެންމެ އިސް ވާޖިބެއް ކަމުގައި އަޅުގަނޑު ދެކޭ އެއްކަމަކީ، ރާއްޖޭގައި ހަމަޖެހުން ޤާއިމުވެފައި އޮތުން. ރާއްޖޭގައި ޤާނޫނުއަސާސީ އިން ލިބިދީފައި އޮތް މިނިވަންކަން އޮންނާނެ. އެއަކަށް އަޅުގަނޑުމެން ހުރަހެއްނާޅަން.

އެހެންނަމަވެސް، ރާއްޖޭގައި ހަމަނުޖެހުމަށް ގޮވާލާ ގޮވާލުންތައް އަޅުގަނޑުމެން ހުއްޓުވާނަން. އެއީކީއެއް އަޅުގަނޑުމެން ފުރުޞަތުދޭނެ ކަމެއް ނޫން. ރާއްޖޭގައި އޮންނާނީ އިސްލާމްދީން. އިސްލާމްދީނަށް ގޮންޖަހާފައި، އެއަށް ބަދުބަސް ބުނެ، ރަސޫލާއަށް މަލާމާތްކޮށް، އެއީ އަޅުގަނޑުމެން ފުރުޞަތުދޭނެ ކަމެއް ނޫން. ހަމައެއާއެކީގައި، އިސްލާމްދީނުގެ ނަމުގައި ފިތުނަފަސާދަ އުފެއްދުމަށްޓަކައި އެއްވެސް ކަމެއް ކުރުމަކަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން.

އެނގިވަޑައިގަންނަވާނެ، އިހަށްދުވަހު އަޅުގަނޑުމެން ވާނީ އެންޓި-ޓެރަރިޒަމްގެ ޤާނޫނަށް އިޞްލާޙުތަކެއް ގެނެސްފައި. އެ އިޞްލާޙުތަކުގެ ބޭނުމަކީ، ރާއްޖޭގައި އޮތް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގާލުމެއްނޫން. އަޅުގަނޑު ގަބޫލުކުރާގޮތުގައި، ރާއްޖޭގެ އެއްވެސް ރައްޔިތަކު ނުޖެހޭ ސީރިޔާއަށް ގޮސް ހަނގުރާމަކުރާކަށް. އެއީކީއެއް ދިވެހީން ކުރަންޖެހޭ ކަމެއްނޫން. ސީރިޔާގައި، އަފްޣާނިސްތާނުގައި އެ ކުރާ ހަނގުރާމަތަކަކީ ޓެރަރިސްޓް ހަނގުރާމަތަކެއް. ދުނިޔެ ބަލައިގަންނަ ހަނގުރާމަތަކެއް ނޫން އެއީކީ. އެހެންވީމާ، އެ ތަންތަނަށް ގޮސް އެކުރާ ހަނގުރާމަތަކުގައި ރައްޔިތުން ބައިވެރިވިޔަނުދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން. އަދި އެކަމަށް ހިތްވަރުދީ، ބާރުދޭ ފަރާތްތައް ހޯދައި، އެކަންވެސް އަޅުގަނޑުމެން ކުރާނަން. އެއީ ރާއްޖޭގެ ޞުލްޙައާއި، އަމާންކަމަށްޓަކައި އޭރަކު އޮންނަ ވެރިކަމަކުން ކުރަންޖެހޭ ކަމެއް.

އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ވެރިކަމަށް މި އައިގޮތް، ރައްޔިތުން އަޅުގަނޑުމެން ވެރިކަމަށް މި ގެނައި ސަބަބު، އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭތީ، ރައްޔިތުންގެ ހަމަޖެހުމާއި، އިންޞާފާއި، ތަރައްޤީއަށްޓަކައި ކުރަންޖެހޭ ކަންތައްތައް، އަޅުގަނޑުމެން ރާވައިގެން، އިންތިޒާމުކޮށްގެން، ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން، ތިޔަބޭފުޅުންނަށް އަރުވަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އޮތީ ރަނގަޅު އުފާވެރި މުސްތަޤުބަލެއް.

އަޅުގަނޑުމެންގެ ދުޢާއަކީ، މި ރަށަށާއި، މި ރަށުގެ ރައްޔިތުންނަށާއި، ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް ފާގަތި މުސްތަޤުބަލެއް ﷲ މިންވަރު ކުރެއްވުން.

އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް ޝުކުރު އަދާކުރަމުން އަޅުގަނޑުގެ ވާހަކަ ނިންމާލަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.