ރާއްޖޭގައި އޮންނާނީ އިސްލާމްދީންކަމަށާއި ދީނަށް ގޮންޖަހައި، ބަދުބަސްބުނެ، ކީރިތި ރަސޫލުﷲ صلّى اللّه عليه وسلّمއަށް މަލާމަތްކުރުމަށް ސަރުކާރުން ފުރުޞަތު ނުދެއްވާނެކަމަށާ އަދި އިސްލާމް ދީނުގެ ނަމުގައި ފިތުނަފަސާދަ އުފެއްދުމަށް ވެސް ޖާގަ ނުދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދ. ހުޅުދެއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދ. ހުޅުދެލީގެ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެންޓިޓެރަރިޒަމްގެ ޤާނޫނަށް ގެންނެވި އިޞްލާހުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ މި އިޞްލާހު ގެނައުމުގެ ބޭނުމަކީ ރާއްޖޭގައި އޮތް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގާލުން ނޫންކަމަށެވެ. ޤާނޫނުއަސާސީން ލިބިދީފައިވާ އެއްވެސް މިނިވަންކަމަކަށް ސަރުކާރުން ހުރަސްނާޅާނެ ކަމަށާއި ނަމަވެސް ހަމަނުޖެހުމަށް ގޮވާލާ ގޮވާލުންތަކަށް ސަރުކާރުން ފުރުޞަތު ނުދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ތަރައްޤީއަށްޓަކައި އެންމެ މުހިންމު ކަމަކީ ރާއްޖޭގައި ހަމަޖެހުން ޤާއިމުވެފައި އޮތުންކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ހަމަޖެހުން ނެތްތަނެއްގައި އިޤްޠިޞާދު ކުރިނާރާނެކަން ފާހަގަކުރައްވައި ސަރުކާރުގެ އެންމެ އިސްވާޖިބެއްކަމުގައި ދެކެވަޑައިގަންނަވަނީ ރާއްޖޭގައި ހަމަޖެހުން ޤާޢިމުކުރެއްވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އެއްވެސް މީހަކު ސީރިޔާ ނުވަތަ އަފްޣާނިސްތާނު ފަދަ ޤައުމަކަށް ގޮސް އެތަންތަނުގައި ކުރާ ހަނގުރާމަ ތަކުގައި ބައިވެރިވާން ނުޖެހޭނެކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެތަންތަނުގައި ހިނގާ ހަނގުރާމަތަކަކީ ދުނިޔެވެސް ބަލައިނުގަންނަ ޓެރަރިޒަމްގެ ހަނގުރާމަތަކެއް ކަމުގައެވެ. އަދި އެތަންތަނަށްގޮސް އެ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވިޔަ ނުދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުން މިކަންކަމަށް ހިތްވަރުދީ، ބާރުދޭ ފަރާތްތައް ހޯދާ އެފަރާތްތައް ހުއްޓުވާނެކަމަށާ އެއީ ރާއްޖޭގެ ޞުލްޙައާ އަމާންކަމަށްޓަކައި އެއިރަކު އޮންނަ ސަރުކާރަކުން ކުރަންޖެހޭ ކަމެއްކަންވެސް ރައީސުލްހުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ހުޅުދެލީ ރައްޔިތުންނާ މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވެރިޔަކަށް ހުންނަ މީހަކު ރަށްރަށަށް އައިސް ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުން ބޭނުންވެފައި ހުންނަ ކަންކަން ދެނެގަތުމަކީ ކުރަންޖެހޭ ކަމެއްކަމަށާއި އެމަނިކުފާނު ކުރައްވަމުން ގެންދަވަނީ އެ މަސައްކަތް ކަމުގައި ވިދާޅުވިއެވެ. ހުޅުދެއްޔަށްވެސް އަސާސީ ބައެއް ޚިދުމަތްތައް ނުލިބި ހުރިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުދެލީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު ހާމަކޮށްދެއްވާފައެވެ. އެގޮތުން މަޝްރޫޢު ބީލަމަށް ހުޅުވާލައި މިހާރު ކުރިއަށްދަނީ ބީލަން ދިރާސާ ކުރުމުގެ މަސައްކަތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މިހާރު އޮތް 150 ފޫޓު 300 ފޫޓު ބަނދަރު ތަރައްޤީ ކުރެވިގެންދާއިރު ރަށު ކައުންސިލުން އެދިވަޑައިގެންފައިވާގޮތަށް 300 ފޫޓު ބަނދަރަށް އިތުރުކުރެވިގެން ދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރަށުގެ މަސްވެރިންގެ އެދިވަޑައިގެންފައިވާ ގޮތަށް ރަށާ ކައިރިން މަސްކިރޭނެ އިންތިޒާމެއް މިފްކޯއާ ވާހަކަދައްކަވައިގެން ހަމަޖައްސަވައި ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަހަށް ރަނގަޅު އަގު ހޯދައިދިނުމަކީ ސަރުކާރުގެ ވަޢުދެއްކަން ފާހަގަކުރައްވައި، މިހާރު އިންޑިޔާ ކަނޑުގައި ދާ އަޅައިގެން މަސްވެރިކަން ކުރުން ކޮންޓްރޯލްކުރެވިފައިވާތީ ރާއްޖޭގެ މަސްވެރިކަން ރަނގަޅުވުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މަސްގަނެވޭ މިންވަރު އިތުރުކޮށް އެސިނާޢަތް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން ފެލިވަރާ ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.