އަޅުގަނޑު އެންމެ ބޭފުޅުންނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން. މިއަދަކީ އިޞްލާޙް ކުރެވުނު ޤާނޫނުއަސާސީގެ ދަށުން ފުރަތަމައަށް ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ހިނގައިދާ ދުވަސް. މިމަސައްކަތް އެކުލަވާލުމުގައި އަޅުގަނޑުމެން ބަލަމުން މިއައީ، މިޤާނޫނުއަސާސީގެ ރޫޙާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު ވީހާވެސް ފުޅާ ގޮތެއްގައި ބޭނުން ކޮށްގެން ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް މުސްތަޤްބަލުގައިވެސް ލިބިވަޑައިގެންފައިވާ ފުރުސަތެއް އެއީ. ސަރުކާރު ހިންގުމުގައި މަސްޢޫލުވެ ތިއްބެވި ވަޒީރު ބޭފުޅުން، ތިޔަބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އެދިވަޑައިނުގަންނަވާ ގޮތަކަށް ނުވަތަ ހިތްހަމަޖެހިވަޑައިނުގަންނަވާ ގޮތަކަށް ޢަމަލުކުރައްވައި ކަންތައްތައް ކުރައްވަނީނަމަ، އެބޭފުޅުން މަގާމުން ދުރުކުރެއްވުމުގެ މަސައްކަތް ހިންގެވުން. އެއީ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ޤާނޫނީގޮތުން އަދާކުރައްވަންޖެހޭ ވާޖިބެއް.

އަޅުގަނޑު މިއަދު ހަމަ އިތުރަށް ފާހަގަކޮށްލަން ބޭނުން. 3 މަސްފަހުން ބޭއްވޭނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު. ކާމިޔާބު ލިބުނު ޕާޓީ ސަރުކާރެއް އެކުލަވާލަން މަސައްކަތްކުރާ ވަގުތު، ވަކިވެވަޑައިގަންނަވާ ސަރުކާރުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ސަރުކާރާ ހަވާލުވާ ޕާޓީގެ ވަޒީރުންގެ މަޖިލީހަށް އުސޫލެއްގެ ގޮތުން ރައްޔިތުންގެ ރުހުމާ އެއްގޮތަށް ރައްޔިތުންގެ އަޣްލަބިއްޔަތު ދީފައިވާ ސަރުކާރަށް އެބޭފުޅުން އެދެއްކެވި ނަމޫނާ އަދި އެބޭފުޅުން އެދެއްވި ވޯޓު.

އަޅުގަނޑު އުންމީދު ކުރަނީ، އަޅުގަނޑު ދެކޭނީ މުސްތަޤްބަލުގައިވެސް ޕާޓީއެއް އިންތިޚާބަކުން ނާކާމިޔާބުވެއްޖެ ހާލަތެއްގައި އެ ދެމިއޮންނަ ރައްޔިތުންގެ މަޖިލީހަކުން ކާމިޔާބުވާ ޕާޓީއަކަށް އުސޫލެއްގެ ގޮތުން މިތާއީދު ދެއްވާ އެވޯޓު ދެއްވާނެ ކަމަށް.

އެހެންވީމާ، މިއަދަކީ އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑުމެންގެ ރާއްޖޭގެ ސިޔާސީ ޙަޔާތުގައި އާ ޞަފްޙާތަކެއް ލިޔެވިގެންދިޔަ ދުވަހެއް. މިއަދު އަޅުގަނޑުމެންނަށް އެތައް އާދައެއް ޤާއިމު ކުރެވިއްޖެ. އަޅުގަނޑު އުންމީދު ކުރަނީ ކުރިއަށްއޮތްތަނުގައިވެސް އަޅުގަނޑުމެންގެ ސަރުކާރު ހިންގުމުގައި ރައްޔިތުންގެ މަޖިލީހުގެ ބައިވެރިވުން ވީހާވެސް ފުޅާކޮށް ގެންދެވޭނެކަމަށް.

އެންމެ ބޭފުޅުންނަށް ވަރަށްބޮޑަށް ޝުކުރިއްޔާ.