ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ، ސްރީލަންކާގެ ރައީސް މިސްޓަރ މަހިންދަ ރާޖަޕަކްސާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ރާޖަޕަކްސާގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ސްރީލަންކާއަށް ވަޑައިގެންފިއެވެ.

ބަންޑާރަނަޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ސްރީލަންކާ ސަރުކާރުން ދެންނެވީ ވަރަށް ހޫނު މަރްޙަބާއެކެވެ. އެދެކަނބަލުން މަތިންދާބޯޓުން ފައިބާވަޑައިގަތުމާއެކު މަރްޙަބާ ވިދާޅުވީ، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސާ އާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ރާޖަޕަކްސާއެވެ. އެއަށްފަހު، ސްރީލަންކާ ސަރުކާރުގެ އިސްބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ތަޢާރުފުކޮށް އެރުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފްދުގެ ބޭފުޅުން ސްރީލަންކާގެ ރައީސަށް ތަޢާރުފުކޮށް އެރުވިއެވެ.

ވައިގެ ބަނދަރުގައި އޮތް މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 21 ބަޑީގެ ސަލާމެއް އެރުވިއެވެ. ސްރީލަންކާގެ އާމީ، ރިޔާސީ ކުރުނީހެއް އަރުވައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ޤައުމީ ސަލާން ކުޅުނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ގާޑް އޮފް އޮނަރެއް އެމަނިކުފާނު އިންސްޕެކްޓްކޮށްދެއްވިއެވެ.

ވައިގެ ބަނދަރުގައި ޢިއްޒަތްތެރިން ސޮއިކުރައްވާ ގޯލްޑަން ބުކްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސޮއިކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މިދަތުރުފުޅުގައި ބައެއް ކެބިނެޓް މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ ބައެއް ބޭފުޅުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ބައެއް ވެރިންނާއި، ދިވެހި ވިޔަފާރިވެރިންގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ސްރީލަންކާއަށް މިއަދު މިފެށްޓެވި ފުރަމާނަ ދަތުރުފުޅުގައި ސްރީލަންކާގެ ރައީސާއި ބޮޑުވަޒީރާއި އަދި ސްރީލަންކާ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކުރައްވާނެއެވެ. އަދި ދެޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ.