بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު، ކްރޮސްރޯޑްސް މޯލްޑިވްސްގެ ސީ.އީ.އޯ ކުންތިޓީ، ދައުލަތުގެ ވަޒީރުން، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.


މިއީ މި އަހަރުގެ ފަތުރުވެރިކަމުގެ ދުވަހަށްފަހު، މި ދާއިރާގެ ބޭފުޅުންނާ އަޅުގަނޑަށް ބައްދަލުކޮށްލެވޭ ފުރަތަމަ ފަހަރު. އެހެންކަމުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތް ކުރައްވާ ހުރިހާ ފަންތިއަކާއި ހުރިހާ ގިންތިއެއްގެ ބޭފުޅުންނަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވަން. އަދި ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފް ކުރެއްވި ބޭފުޅުންނަށް ވަރަށް ޚާއްޞަ ޝުކުރެއްވެސް އަދި މަރުޙަބާއެއްވެސް އަޅުގަނޑު ކިޔަން.

މި އަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަމުން މި އަންނަނީ ވަރަށް ކުލަގަދަކޮށް. އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ، ވަރަށް ތަފާތު ޙަރަކާތްތަކެއް، ޓޫރިޒަމް މިނިސްޓްރީން ކުރިއަށް އެބަ ގެންދޭ. އެކަމަށްޓަކައި މިނިސްޓަރ ޢަލީ ވަޙީދަށާއި، އެ މިނިސްޓްރީގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

މި އަހަރަކީ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް، މިހާތަނަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅައިގެން މަސައްކަތްކުރާ އަހަރު. ދުނިޔޭގެ ބާޒާރަށް ދިވެހި ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް، އެމް.އެމް.ޕީ.އާރް.ސީ އިން ކުރަމުންދާ މަސައްކަތް ފާހަގަކޮށް، އެ ކުންފުނީގެ އެމް.ޑީ، ޠައްޔިބު މުޙައްމަދަށާއި، އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު މިއަދު ޝުކުރު ދަންނަވަން.

ރާއްޖޭގެ ޤައުމީ އާމްދަނީގެ އެންމެ މަތީ އިންސައްތައެއް، މިހާރު ޙިއްޞާކުރާ ޞިނާޢަތަކީ ޓޫރިޒަމް. އަދި ރާއްޖެއަށް އެންމެ ގިނައިން ބޭރު ފައިސާ ވަންނަ ވަސީލަތަކީވެސް މި ޞިނާޢަތް. ހަމައެފަދައިން އެންމެ ގިނަ ވަޒީފާގެ ފުރުޞަތު އޮތީވެސް މި ޞިނާޢަތުގައި.

އެނގިވަޑައިގަންނަވާނެ، ކޮންމެ އަހަރެއްގެ ފަތުރުވެރިކަމުގެ ދުވަސް، ފާހަގަކުރަމުން މި އަންނަނީ، އެ ދުވަހަށް ޚާއްޞަ ޝިޢާރެއް ކަނޑައެޅިގެން. ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމުޢިއްޔާއިން މި އަހަރަށް ކަނޑައެޅި ޝިޢާރަކީ،
“Tourism and Jobs: a better future for all”


މި ޝިޢާރުންވެސް އެނގެނީ، އަޅުގަނޑުމެން ދައްކަމުން މި އަންނަ ވާހަކައިގެ ތެދުކަން. ފަތުރުވެރިކަމުގެ މަންފާ ވީހާ ގިނަ ބަޔަކަށް ލިބޭނެގޮތަށް ކަންކަން ރޭވުމުގެ މުހިންމުކަން. ރާއްޖޭގެ ފަތުރުވެރިކަން، އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމާއި، ފަރުދީ ފުދުންތެރިކަމާ ގުޅިފައިވާ މިންވަރު މި ޝިޢާރުން ހާމަކޮށްދޭ.

ރިޒޯޓްތަކުގެ މަތީ މަޤާމުތަކުން ދިވެހިންނަށް ފުރުޞަތު ލިބުމަކީ، މި ޞިނާޢަތު ކުރިއެރުވުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއް. ރިޒޯޓް ވަޒީފާތަކުގެ ވަރަށް ޒިންމާދާރު މަޤާމުތަކުގައި މިހާރުވެސް ކޮންމެވެސްވަރަކަށް ދިވެހިން އެބަތިބި. އަޅުގަނޑުމެން ބޭނުންވަނީ، އެ ނިސްބަތް އެތައް ގުނައަކަށް އިތުރުކުރަން.

ދިވެހި ފަތުރުވެރިކަން އުފެދި ކުރިއަރައިގެން އައީވެސް ދިވެހިންގެ ބުރަ މަސައްކަތުން. ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި މުޅިން އާ ބްރޭންޑެއްގެ ގޮތުގައި، ދިވެހި ފަތުރުވެރިކަން މަޝްހޫރުވެގެން އައީވެސް، ރާއްޖެއަށް މިކަން ތަޢާރަފް ކުރެއްވި ބޭފުޅުން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ސަބަބުން. އެކަމަށްޓަކައި އަދިވެސް އެއްފަހަރު އެބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

މީގެ ކުޑަދުވަސްކޮޅެއް ކުރިން، އަޅުގަނޑު އޮފީހުގައި އިންދައި، ނަސީމް އަޅުގަނޑާ ބައްދަލުކުރައްވާފައި އަޅުގަނޑަށް ފޮތެއް ހަދިޔާކުރެއްވި. އެއީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރި އަދި އެންމެ ފުރަތަމަ އައި ކަމަށް ބެލެވޭ ޖޯޖް ކޯބިން ލިޔުއްވާފައި އޮތް ފޮތެއް. އެ ފޮތުގެ ފުރަތަމަ ޗާޕް، ކުރައްވާފައި އޮތީ 1973 ގައި. މި ވާހަކައަކީ، ރާއްޖެއަށް ޓޫރިޒަމް ފެށިގެން އައި ގޮތުގެ ވާހަކައަކީ، އާ ވާހަކައެއް ނޫން ނަމަވެސް، މިފަދަ ރެއެއްގައި ހަމަ އެ ވާހަކަ ތަކުރާރުކޮށްލުމަކީ، ބޭކާރު ކަމަކަށް ވެގެނެއްނުދާނެ.

އާދެ، އިޓަލީގެ ޓުއަރ އޮޕަރޭޓަރެއް، އެތަނުގައި އޭރު މަސައްކަތް ކުރަމުން ގެންދިޔަ ބޭކަލެއް، ޖޯޖް ކޯބިންއަކީ. އޭނާ ފުރަތަމަ ރާއްޖެއަށް އަންނަން ގަސްދުކުރި ކަމަށްވަނީ 1968 ވަނަ އަހަރު. އެއީ ހަމަ ރާއްޖޭގައި ޓޫރިޒަމް ތަރައްޤީ ކުރެވިދާނެތޯ ބެލުމަށް ކުރަން ނިންމި ދަތުރެއް. އެހެންނަމަވެސް، އެ އަހަރު އޭނާއަށް ރާއްޖެ އާދެވޭގޮތެއްނުވި.

އެހެންނަމަވެސް، 1971 ވަނަ އަހަރު އޭނާ ރާއްޖެ އައުމަށްޓަކައި ސިލޯނަށް ދިޔަކަމަށްވަނީ. ގޮސް ރާއްޖެ އާދެވޭނެގޮތެއް ހޯދުމަށްޓަކައި ރާއްޖޭގެ އެމްބަސީއަށް ޒިޔާރަތްކުރި. އޭރު އެމްބެސެޑަރަކަށް ހުންނެވި ޙުސައިން ޢަލީދީދީއާ ބައްދަލުކޮށް، އެކަމުގައި އެހީތެރިވުމަށް އެދިވަޑައިގެންނެވި. އެމްބެސެޑަރު ދެއްކެވީ އަޙްމަދު ނަސީމް. ނަސީމް އޭރު އުޅުއްވަނީ ފޮރިން މިނިސްޓްރީގައި. ދަތުރެއްގައި ކޮޅުނބަށް ވަޑައިގެން ހުންނެވީ. ނަސީމް ތަޢާރަފް ކުރެއްވުމަށްފަހުގައި ނަސީމް، ޖޯޖް ކޯބިން އަށް ދެންނެވީ ރާއްޖެ ވަޑައިގަތުމަށް. މިއީ އެ ފޮތުގައި ލިޔެފައި ހުރި ވާހަކަތައް. ނަސީމާއި ޖޯޖް ކޯބިން ރާއްޖެ އައީ އެމް.ވީ މޯލްޑިވްސް އެކްސްޕޯޓަރ ކިޔާ ކަނޑުބޯޓެއްގައި. އައިސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވޭތޯ ބެލުމަށްފަހުގައި، އެނބުރި އޭނާ ރާއްޖެއިން ގޮސް، 1972 ވަނަ އަހަރުގެ ފެބުރުވަރީ މަހު ފުރަތަމަ ޓޫރިސްޓް ގްރޫޕަކާ އެކީގައި ރާއްޖެއަށް ޒިޔާރަތްކުރި. 12 މީހުން ހިމެނޭ އިޓަލީގެ ޓޫރިސްޓް ގްރޫޕެއް ރާއްޖެ އައިސް މާލޭގައި، ނަސީމްގެ ޢާއިލާއަށް ނިސްބަތްވާ ލަކްސްވުޑާއި، މާގިރީގައި އަދި މުޙައްމަދު ޢުމަރު މަނިކުގެ ގެއެއް ކަމުގައިވާ، ޢާއިލާގެ ގެއެއް ކަމުގައިވާ ކަނީރުވިލާގައި އެމީހުން ތިބި ކަމަށް މިވަނީ. އެކަމުގައި އެންމެ ބޮޑަށް އެހީތެރިވި އެއް ބޭފުޅަކީ ޗަމްޕާ ޙުސައިން ޢަފީފް. އަދި އަނެއް ބޭފުޅަކީ ނަސީމުގެ ދައްތަ ސަލީމާ މުޙައްމަދު ކަލޭފާނު.

އެއަށްފަހުގައި، ރާއްޖޭގައި ފުރަތަމަ ޓުއަރ އޮޕަރޭޓަރ، ޓުއަރިސްޓް އޭޖެންސީ އުފެދިގެންދިޔައީ. އެއީ މުޙައްމަދު ޢުމަރު މަނިކާއި ނަސީމާ ދެ ބޭފުޅުން ޝެއަރވާ ކުންފުންޏެއް. އެއީ މިއުމަން އޭޖެންސީގެ ނަމުގައި. ޖޯޖް ކޯބިންގެ ލަފަޔާ އެއްގޮތަށް އުފެދި، ޖޮއިންޓް ވެންޗަރއެއް ޖޯޖް ކޯބިންއާ އެކީގައި ހެދިގެން ދިޔައީ.

ހަމައެއާއެކީގައި، ފުރަތަމަ ރިޒޯޓް ޤާއިމުކުރުމުގެ މަސައްކަތް، އެ އޭޖެންސީ އިން ފެށި. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ވެއްޖިއްޔާ، އެ މަސައްކަތަށް، އެ ރިޒޯޓް ތަރައްޤީ ކުރުމަށް ފައިސާއިން އެހީއެއްވީ ނަސީމުގެ ބައްޕަ މުޙައްމަދު ކަލޭފާނު. އެބޭފުޅުންނަށް ޙިއްޞާވާގޮތަށް، އަނބުރާ ފަހުން ފައިސާ ދައްކާގޮތަށް ނަސީމުގެ ބައްޕަ ދެއްވި ފައިސާއިން އެ ދެބޭފުޅުން އެ ރިޒޯޓު ޤާއިމުކުރީ. ރިޒޯޓް ހުޅުވިގެންދިޔައީ މީގެ 47 އަހަރު ކުރިން ހަމަ މިއަދު. 3 އޮކްޓޫބަރު 1972 ގައި. 30 ކޮޓަރީގެ 60 އެނދުގެ ރިޒޯޓެއްގެ ގޮތުގައި. ފުރަތަމަ މެނޭޖަރެއްގެ ގޮތުގައި އެ ރިޒޯޓުގައި މަސައްކަތް ކުރެއްވި ބޭފުޅަކީ ޗަމްޕާ ޙުސައިން ޢަފީފް.

ހަމަ އެއާއެކުގައި، ހަމަ އެ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު ދެވަނަ ރިޒޯޓެއް ރާއްޖޭގައި ހުޅުވިގެންދިޔައީ. އިތުރު ރިޒޯޓެއް ހުޅުވިގެންދިޔައީ. އެއީ އޭރުގެ ވެރިކަމުގައި ހުންނެވި އިބްރާހީމް ނާޞިރު އިސްވެ ހުންނަވައިގެން އުފެއްދެވި ކްރެސެންޓް ޓުއަރިސްޓް އޭޖެންސީގެ ދަށުން އުފެދިގެންދިޔަ ރިޒޯޓެއް. އެއީ 20 ކޮޓަރީގެ 40 އެނދުގެ ރިޒޯޓެއް. އެ ރިޒޯޓުގެ ފުރަތަމަ މެނޭޖަރަކީ ހިކަރި އަޙްމަދު އާދަމް. އެއީ ފުރަތަމަ މެނޭޖަރު.

މިއީ އަޅުގަނޑުމެން މިއަދު މި ދެކޭ ޓޫރިޒަމް ރާއްޖެއަށް ތަޢާރަފްކޮށްދެއްވި މިކަމުގެ ފަޚްރުވެރި ޝަރަފު ލިބިގެންދާ އަޅުގަނޑުމެންގެ ދިވެހި ދަރީންތަކެއް.

ނަސީމުމެން އެ މަސައްކަތް، އެމް.ޔޫ މަނިކުމެން އެ މަސައްކަތް ފަށައިގަތީ، ރާއްޖޭގައި ޓޫރިޒަމް ތަރައްޤީ ނުކުރެވޭނެ ކަމަށް އޭރުގެ ދިރާސާއަކުން ދައްކާފައި އޮއްވާ. ރާއްޖޭގައި 1965 ވަނަ އަހަރު އެއަރޕޯޓު ހުޅުވުމާ ގުޅިގެން، ޔޫ.އެން.ޑީ.ޕީ.ގެ އޮފިޝަލެއް ރާއްޖެއަށް ވަޑައިގެން ދިރާސާއެއް ހެއްދެވި. އެ ދިރާސާގައި ބުނެފައި މި އޮންނަނީ، މާލެ މި އޮތް ތަނުން ކަނޑުމަގުންނާއި، ވައިގެ މަގުން ދަތުރުކޮށް އުޅުމަކީ ޚަރަދު ބޮޑު އުނދަގޫ ކަމެކޭ. ރާއްޖޭގެ މޫސުމަށް ބަލާއިރުގައި، ރާއްޖޭގައި ޓޫރިޒަމް ތަރައްޤީކުރާކަށް ފުރްޞަތެއް ނެތޭ. ފީޒިބަލެއް ނޫނޭ. އެހެންނަމަވެސް، މި ކަންތައްތަކަށް ގޮންޖެހުމަށްފަހުގައި، މި ދެބޭފުޅުން ފެށްޓެވި މަސައްކަތުން މިއަދު މިވަނީ މި ރާއްޖެއަކީ ދުނިޔޭގައި އެންމެ މަޤްބޫލު އެއް ޑެސްޓިނޭޝަނަށްވެފައި.

އަދި ރާއްޖޭގައި މިވަގުތު މިވަނީ ދުނިޔޭގައި ނަން މަޝްހޫރު ހުރިހާ ހޮޓެލް ޗޭނެއްގެ ރިޒޯޓުތައް ހުޅުވިފައި. އޯވަރ ވޯޓަރ ބަނގަލޯރ އާއި، އަންޑަރ ވޯޓަރ ރެސްޓޯރެންޓާއި، މިހެންގޮސް ރާއްޖެއިން ނުފެންނަ ޓޫރިޒަމްގެ ވަސީލަތެއް، ދުނިޔޭގެ އެހެން ތަނަކުންނެއް ފެންނާނެ ކަމަކަށް އަޅުގަނޑު މިއަދަކު ނުދެކެން.

އާދެ، މި ޞިނާޢަތު މިހިސާބުން ކުރިއަށް ގެންދެވޭނީ، ހަމަ އަޅުގަނޑުމެން ދިވެހީންނަށް. އެހެންވީމާ، މި ދާއިރާގައި ދިވެހިންގެ ޙިއްޞާ އިތުރުކުރުން ވަރަށް މުހިންމު. ދިވެހިން މި ދާއިރާގައި މަސައްކަތް ކުރަނީ، ހަމައެކަނި ވަޒީފާއެއް އަދާކުރުމުގެ ގޮތުގައެއް ނޫން. އަދި ކުރަންޖެހޭނީވެސް އެގޮތުގައެއް ނޫން. އެއަށްވުރެ މާ މުހިއްމު އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން ކުރަންޖެހޭ ކަމެއް ޓޫރިޒަމް ދާއިރާ ތަރައްޤީ ކުރުމަކީ.

މި އަހަރުގެ މިހާތަނަށް ބަލާއިރު، ފަތުރުވެރިކަން ކުރިއަރަމުން އަންނަނީ، އަޅުގަނޑުމެން ކުރިން އަންދާޒާކޮށްފައި އޮތް ވަރަށްވުރެ މާ ހަލުވި ދުވެއްޔެއްގައި. އޭގެ އެންމެ ބޮޑު ސަބަބަކީ، ސިޔާސީގޮތުން ރާއްޖެއަށް ލިބުނު ހަމަޖެހުން. ރާއްޖެއަށް ލިބުނު ހަމަޖެހުމާ ގުޅިގެން، ދިވެހި ފަތުރުވެރިކަމާމެދު އިންވެސްޓަރުންނަށް ލިބުނު އިތުބާރާއި ޔަޤީންކަން.

މި ދެންނެވި ބަދަލުތަކާއެކު، ރާއްޖޭގައި އިތުރު އެތައް ރިޒޯޓެއް ހުޅުވިއްޖެ. ކިތަންމެ ރަށެއްގައި ގެސްޓްހައުސްތައް އިތުރުވެއްޖެ. މި އަހަރުގެ މިހާތަނަށް 19 ރިޒޯޓާއި، އެއް ޔޮޓް މެރީނާ މިހާރު ވަނީ ހުޅުވިފައި. އެނދުގެ ޢަދަދަށް ބަލާނަމަ މިއީ 4127 އެނދު. ވަޒީފާގެ ގޮތުން ބަލާނަމަ މިއީ 10000 އަށްވުރެ ގިނަ ވަޒީފާ މި އަހަރު ޓޫރިޒަމް އިންޑަސްޓްރީން އުފެދިގެން މިއައީ.

ވަޒީފާގެ ފުރުޞަތުތައް އިތުރުވަމުން އަންނަ ވަރަކަށް، އެ ދާއިރާތަކަށް ދިވެހި ޒުވާނުން އުފެއްދުމަކީވެސް ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް. އާދައިގެ ވަޒީފާތަކަށް ޢާންމުކޮށް މީހުން ނެގުމުގައި މިހާރު ގެންގުޅޭ ޢާންމު އުޞޫލަކީ، ކައިރި ރަށަކުން ޒުވާނަކަށް ވަޒީފާދީފައި ރިޒޯޓަށް ގެނައުން. ދެން އެ ވަޒީފާގައި މަސައްކަތް ކުރަމުން، އެމީހަކު އަމިއްލައަށް ތަމްރީނު ލިބިގަތުން.

އަޅުގަނޑު ހިތުން މިއީ މިކަން އޮންނަންވާނެ އެންމެ ރަނގަޅު ގޮތެއް ނޫން. ވަޒީފާގައި މީހުން ހަރުނުލުމަކީވެސް، މިކަމާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމެއް. ކިތަންމެ އާދައިގެ ވަޒީފާތަކެއް ވިޔަސް، އެކަމާ ގުޅޭ ތަމްރީނާއި ތަޢުލީމާ އެކުގައި މީހުން ބިނާކުރުމުން، ވަޒީފާގައި ދެމިތިބޭ ނިސްބަތް އިތުރުކުރެވޭނެ.

ރާއްޖޭގެ ރިޒޯޓްތަކުގައި މިހާރުވެސް ވަރަށް ގިނަ ޢަދަދެއްގެ ބިދޭސީން ވަޒީފާތަކުގައި އެބަތިބި. ހަމައެއާއެކު، ވަޒީފާނެތި ދިވެހި އެތައް ޒުވާނުންނެއް އެބައުޅޭ. ރިޒޯޓްތަކުގައި ބިދޭސީން މިހާރު ކުރަމުންދާ މަސައްކަތްތައް މާފުރިހަމައަށް ކުރާނެ ބައިވަރު ދިވެހިންވެސް އެބައުޅޭ.

ފަތުރުވެރި ވަޒީފާތަކަށް ދިވެހި ޒުވާނުން ޝައުޤުވެރިކޮށް، ދިވެހިންނަށް ފުރުޞަތު ހޯދައިދިނުމަކީ، ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް. އަޅުގަނޑުމެން ރޭގައި އިފްތިތާޙުކުރި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވެސް، އެންމެ މުހިންމު އިސްކަމެއް ދީފައިވާނީ، ފަޚުރުވެރި ފުދުންތެރި ޢާއިލާއެއް ބިނާކުރުމަށް.

އެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި، ސަރުކާރާއި އަމިއްލަ ކޮންމެ މުއައްސަސާއަކުން އަދާކުރަންޖެހޭ ޒިންމާތަކެއް އެބަހުރި. ޤައުމެއް ތަރައްޤީ ކުރެވެނީ، ސަރުކާރާއި ރައްޔިތުން ގުޅިގެން. އެކަމަށްޓަކައި ވަކި ރޭވުންތަކެއް ރާވައިގެން މަސައްކަތްކުރާއިރު، ހުރިހާ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރަށް މިއަދު އެބަ ބޭނުންވޭ.

ހުރިހާ މައިދާނެއްގައިވެސް ރާއްޖޭގެ މިސްރާބު މިހާރު ހުރީ ތަރައްޤީއާއި ކުރިއެރުމަށް. ފަތުރުވެރިކަމަށް ބަލައިލިޔަސް، މި އަހަރުގެ ޖަނަވަރީން ފެށިގެން މިހާތަނަށް ފަތުރުވެރިން ރާއްޖެ އައި ޢަދަދުވެސް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު މާބޮޑަށް އިތުރުވެއްޖެ. މިއީ ރައްޔިތުންނާއި ސިޔާސީ ބޭފުޅުން ގުޅިގެން ގެނައި ހެޔޮ ބަދަލުގެ ނަތީޖާ.

މިދިޔަ އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައީ، އެ އަހަރުގެ ސެޕްޓެމްބަރު މަސް ނިމެނިކޮށް. ނަމަވެސް މި އަހަރުގެ އޮގަސްޓު މަހުގެ 2 ވަނަ ދުވަހު އަޅުގަނޑުމެންނަށް، އެ ލަނޑުދަނޑި ވަނީ ހާސިލުކުރެވިފައި. އެހެންވީމާ، ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގެ ވާދަވެރިކަމާއެކުވެސް، ދިވެހި ފަތުރުވެރިކަން، މާތް ﷲގެ ވާގިފުޅާއެކު މިދަނީ ކުރިއަރަމުން.

މިކަންކަމަށް ބަލާއިރު، މި ޞިނާޢަތުގެ ކުރިމަގު، އަޅުގަނޑަށް ފެންނަނީ ވަރަށް އުޖާލާކޮށް. ނަމަވެސް، މި ޞިނާޢަތު އިތުރަށް ތަރައްޤީ ކުރުމަށް، އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތައް އަދިވެސް ވަރަށް ގިނަ. ހަމައެއާއެކު، މި ޞިނާޢަތަށް ކުރިމަތިވާ ގޮންޖެހުންތަކެއްވެސް އެބަހުރިކަން ހަނދާނުގައި ބަހައްޓަންޖެހޭ.

ތިމާވެށީގެ މައްސަލަތައް އެއީ މި ދެންނެވި ގޮންޖެހުންތަކުގެ އެއްބައި. ޓެރަރިޒަމްގެ ނުރައްކަލަކީވެސް އަޅުގަނޑުމެން ސަމާލުކަން ދޭންޖެހިފައިވާ ވަރަށް މުހިންމު ކަމެއް. އޭގެ އިތުރުން، ދުނިޔޭގެ އިޤްތިޞާދީ ޙަރަކާތްތަކަށް އަރާ ކޮންމެ ލޮޅުމެއްގެ އަސަރު، ސީދާގޮތުންނާއި ނުސީދާގޮތުން ރާއްޖޭގެ ފަތުރުވެރިކަމަށް ފޯރާ.

އިހަށްދުވަހު ބަނގުރޫޓުވެގެން އެ ދިޔައީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ގެންނަ ޓްރެވަލް އެއް އޭޖެންސީ ކަމަށްވާ ތޯމަސް ކުކް. އެތައް ބުކިންގތަކެއް އެއާއެކީގައި ކެންސަލް ވެގެންދިޔައީ. ނަމަވެސް އެ އޭޖެންސީ މެދުވެރިވެގެން ރާއްޖެ އައިސް ތިބި ފަތުރުވެރިންނަށް، އެއްވެސް ދައްޗެއްނެތި، އެމީހުންގެ ޗުއްޓީ ފުރިހަމަކުރެވޭނެ ގޮތް ވަނީ ހަމަޖައްސައިދެވިފައި.

އެކަމަށްޓަކައި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދަށާއި، އެމިނިސްޓްރީގެ އިސް ވެރިންނަށާއި، އެމް.އެމް.ޕީ.އާރު.ސީ.ގެ ވެރިންނަށާއި، މަޓީގެ ހިންގުންތެރި ޓީމަށްވެސް އަދި ރިޒޯޓްތަކުގެ މެނޭޖްމަންޓްތަކަށްވެސް، އެބޭފުޅުން އެ ކޮށްދެއްވި މަސައްކަތަށް އަޅުގަނޑު ޝުކުރު އަދާކުރަން.

އަޅުގަނޑުމެން ބޭނުންވާ ތަރައްޤީގެ ޙަޤީޤީ ތަޞައްވުރަކީ، މި ރާއްޖޭގެ ޖަޒީރާވަންތަ ސިފަތަކާއެކު، ކުރިމަގުގެ ޖީލަށް މި ރާއްޖެ ގެންގޮސްދިނުން. އެކަމާ އެންމެ ބޮޑަށް ގުޅިފައިވަނީ، މިރާއްޖޭގެ ޤުދުރަތީ ވެށި. ފަތުރުވެރިކަން ކުރިއެރުވުމުގައިވެސް، ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހެނީ މި ސަބަބުތަކަށްޓަކައި.

މި ރާއްޖޭގައި މާގިނަ އާސާރީ ތަންތަނާއި، މާގިނަ ސަގާފީ ތަރިކަތަކެއް ނެތް. ނަމަވެސް މަދު ޤައުމަކަށް ނޫނީ ލިބިފައިނުވާ ޠަބީޢީ ހިތްގައިމުކަމެއް މި ރާއްޖެއަށް ވަނީ ލިބިފައި. ކަނޑުފަޅުތަކާއި، ގިރިފަރުތަކާއި، ނޫ ވިލުތަކަކީ، މި ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ޤުދުރަތީ މުއްސަނދިކަން.

ދޮންވެލި ގޮނޑުދޮށްތަކާއި، ތުނޑިތަކާއި، ހޭޅިފަށާއި، ވައުތަކާއި، ކުޅިތަކާއި، ފާތަކުގައި އެވާ ދިރުންތަކަކީވެސް، މި ރާއްޖޭގެ ޖަޒީރާވަންތަކަމުގެ ވަރަށް މުހިންމު ބައެއް. އެހެންކަމުން، ފަތުރުވެރިކަން ކުރިއެރުވުމަށް އަޅާ ކޮންމެ ފިޔަވަޅަކާއެކު، ތިމާވެށީގެ ޙިމާޔަތަށް ދެފިޔަވަޅު އަޅަން އަޅުގަނޑުމެންނަށް އެބަ މަޖުބޫރުވޭ.

ތިމާވެށީގެ ޙިމާޔަތަށް ކުރަން ޖެހިފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ، ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުން. ސަރުކާރުން މިހާރު ކަނޑައަޅާފައިވަނީ، 2023 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖެއަކީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންނުކުރާ ޤައުމަކަށް ހަދަން. މިއީ ވަރަށް މުހިންމު، ވަރަށް ބޭނުންތެރި ކަމެއް.

މިކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ އެއް ފަރާތަކީ، ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭ ފަރާތްތައް. ފަތުރުވެރިކަމާ ގުޅިފައިވާ މި މުހިންމު ލަނޑުދަނޑި ހާސިލުކުރުމަށް، ސަރުކާރާ ގުޅިގެން، ހުރިހާ ރިޒޯޓްތަކުން މަސައްކަތްކޮށްދެއްވުމަކީ، އަޅުގަނޑުގެ ވަރަށް މުހިންމު އެދުމެއް. ތިޔަބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އަޅުގަނޑަށް މިއަދުވެސް އެބައޮތް.

އާދެ، ރާއްޖޭގެ ޓޫރިޒަމް އިތުރަށް، ރާއްޖޭގެ ހުރިހާ އަތޮޅުތަކަކަށް ފުޅާކުރުމަކީ، އަޅުގަނޑުމެންގެ އެއް ސިޔާސަތު. އެގޮތުން، ރާއްޖޭގެ އާ ޓޫރިޒަމް މާސްޓަރ ޕްލޭން ނިންމުމުގެ މަސައްކަތް މިހާރު އެދަނީ ކުރެވެމުން. އަދި އެއާއެކީގައި، އެ ތަރައްޤީ ކުރާނެ ރަށްތައް ފައިނަލް ކުރުމުގެ މަސައްކަތްވެސް ޓޫރިޒަމް މިނިސްޓްރީން އެ ގެންދަނީ ކުރަމުން.

އެހެންވީމާ، މާސްޓަރ ޕްލޭން ނިމިގެންދާއިރުގައި، ރާއްޖޭގެ ޓޫރިޒަމް އިތުރަށް ތަރައްޤީ ކުރެވިގެންދާނެގޮތާއި، އަދި އޭގެއިތުރުން ރިޒޯޓްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް އަދި މުޅި ރާއްޖޭގައިވެސް ވަޒީފާ އަދާކުރާ ފަރާތްތަކުގެ މިނިމަމް ވޭޖް އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ނިމި، އެކަން ތަންފީޛު ކުރެވިގެންވެސްދާނެ.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިންވެސް، ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، ފަތުރުވެރިކަން އިޝްތިހާރުކޮށް ތަރައްޤީ ކުރުމަށް ސަރުކާރުގެ ތެރެއިން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބެމުންދާނެ ކަމުގައި. ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރާ ހޭދަވެސް ސަރުކާރުން ކުރިއަށް އޮތް ތަނުގައި އަދިވެސް އިތުރުކުރާނަން.

އަޅުގަނޑުގެ އުންމީދަކީ، ރާއްޖޭގެ ފަތުރުވެރިކަމަށް މިހާރަށްވުރެވެސް ކާމިޔާބު ދުވަސްތަކެއް މާތް ﷲ މިންވަރުކުރެއްވުން. ހަމަޖެހުމާއި ޞުލްޙަވެރިކަމުގައި ދިރިއުޅޭ ފަޚުރުވެރި ފުދުންތެރި ޢާއިލާއެއް ބިނާކުރުމަށް، އަޅުގަނޑުމެން އެންމެން ގުޅިގެން މިކުރާ މަސައްކަތުގައި، މާތް ﷲ ބަރަކާތް ލައްވައި ހެޔޮ ތައުފީޤު މިންވަރުކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.