އަބޫދާބީގެ ވަލީއަޙުދު، އަދި އެކުވެރި ޢަރަބި އިމާރާތުގެ އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާ ޝައިޚް މުޙައްމަދު ބިން ޒާޔިދު އަލް ނަޙްޔާންގެ ބޭބޭފުޅު، ހިޒް ހައިނެސް ޝައިޚް ސުހައިލް ބިން މުބާރަކް އަލް ކަޠްބީ އަވަހާރަވުމާއި ގުޅިގެން، އަބޫދާބީގެ ވަލީއަޙުދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

އަބޫދާބީގެ ވަލީއަޙުދަށް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ޝައިޚް ސުހައިލް ބިން މުބާރަކް އަލް ކަޠްބީ އަވަހާރަވުމާ ގުޅިގެން ޝާހީ ޢާއިލާއަށް ކުރިމަތިވި ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އަބޫދާބީގެ ޝާހީ ޢާއިލާއަށާއި، އެޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

ޝައިޚް ސުހައިލް ބިން މުބާރަކް އަލް ކަޠްބީ އަވަހާރީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅެއްގައި އުޅުއްވުމަށްފަހު މިދިޔަ އާދިއްތަދުވަހު ލަންޑަންގައެވެ. އަވަހާރިވި އިރު އުމުރުފުޅަކީ 73 އަހަރެވެ. މަރްޙޫމްގެ ހަށިކޮޅު ފަސްދާނުވަޑުވާފައި ވަނީ އަންގާރަދުވަހު އަބޫދާބީގައެވެ.