ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް ސްރީލަންކާގެ ސެންޓްރަލް ކަލްޗަރަލް ފަންޑުގެ ޑިރެކްޓަރ ޖެނެރަލް މިސްޓަރ ސުދަރުޝަން ސެނެވިރަތުނެ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮޅުނބުގައި ހުންނަވާ ހިލްޓަން ހޮޓެލްގައި މިއަދު މެންދުރުފަހު އޮތް މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޘަޤާފީ ކަންތައްތައް ތަރައްޤީ ކުރެއްވުމުގަޔާއި އަދި ރާއްޖޭގެ އާސާރީ ޤަދީމީ ތަންތަން ހޯދުމުގެ މަސައްކަތުގައި ސްރީލަންކާ ސަރުކާރުން ވެދެއްވާ އެއްބާރުލެއްވުމަށްޓަކައި ސްރީލަންކާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިމަސައްކަތުގައި ކޮލަމްބޯ ޔުނިވަރސިޓީން ވެދެއްވީ ވަރަށް ޚާއްޞަ އެހީތެރިކަމެއް ކަމަށް ވިދާޅުވެ، އެޔުނިވަރސިޓީއަށްވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، ރާއްޖޭގައި ހުރި އާސާރީ ތަންތަން ޙިމާޔަތްކޮށް ކުރިއެރުވުމަށްޓަކައި ދެޤައުމުގެ ދެމެދުގައި ވެވެން އޮތް އެހީތެރިކަމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޘަޤާފީ ރޮނގުންނާއި ތާރީޚީ ރޮނގުން ދެޤައުމުގެ ދެމެދުގައި ވަރަށް ރަނގަޅު ގުޅުމެއް ޤާއިމުކޮށްދެއްވުމަށް އަލްމަރްޙޫމް ކޮލިގޭ ޙަސަން އަޙްމަދު މަނިކު ކޮށްދެއްވި މަސައްކަތްޕުޅުތަކުގެ ހަނދާން އާކުރެއްވިއެވެ.

ސްރީލަންކާގެ ސެންޓްރަލް ކަލްޗަރަލް ފަންޑުގެ ޑިރެކްޓަރ ޖެނެރަލް މިސްޓަރ ސުދަރުޝަން ސެނެވިރަތުނެ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އާސާރީ ތަންތަން ޙިމާޔަތް ކުރެއްވުމުގައި ދިވެހި ސަރުކާރުން ކުރައްވާ މަސައްކަތުގައި އެއްބާރުލެއްވުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި މިކަމުގައި އެ ފަންޑުން ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދިވެހި ވަފްދުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.