ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްރީލަންކާގެ ރައީސް މިސްޓަރ މަހިންދަ ރާޖަޕަކްސާއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ސްރީލަންކާގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއަޓްގައި މިއަދު ހަވީރުއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް، ދަޢުވަތު ދެއްވިކަމަށްޓަކައި ރައީސް މަހިންދަ ރާޖަޕަކްސާއަށާއި ސްރީލަންކާ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން، މިދަތުރުފުޅުގެ ސަބަބުން، އިތުރު ދާއިރާތަކުގައި މިގުޅުން ބަދަހިވުމުގެ ފުރުސަތު ތަނަވަސްވެގެންދާނޭ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރައީސް މަހިންދަ ރާޖަޕަކްސާ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްރީލަންކާއަށް ދަތުރުފުޅެއް ކުރެއްވި ކަމަށްޓަކައި ވަރަށްބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ތަހުނިޔާ ރައްދުކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައިވާ ގުޅުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ޒަޢާމަތުގައި އިތުރަށް ތަރައްޤީވަމުންދާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމަށްފަހު ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބޭއްވެވިއެވެ. މިމަޝްވަރާތަކުގައި ރާއްޖޭގެ އިޖްތިމާޢީ، އިޤްތިޞާދީ ދާއިރާތަކުގައި ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ރަސްމީ މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަރިހުގައި ސްރީލަންކާއަށް ގެންދެވި ވަފްދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ސްރީލަންކާގެ ރައީސްގެ އަރިހުގައި ސްރީލަންކާ ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދެކަނބަލުން ބޭއްވެވި ފުރަމާނަ ޖާފަތެއް ޕްރެޒިޑެންޓް ހައުސްގައި މިރޭ އޮތެވެ.