މަސްތުވާތަކެއްޗާ ޒުވާނުން ދުރުކުރުމުގައި ގިނަ ޤައުމުތަކެއްގައި ކާމިޔާބު މަސައްކަތްތަކެއް ކުރަމުންގެންދާ ތުރުކީގެ ޖަމުޢިއްޔާއެއް ކަމުގައިވާ ގްރީން ކްރެސެންޓް ސޮސައިޓީގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ގްރީން ކްރެސެންޓް ސޮސައިޓީން ވަނީ ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައި އެޖަމުޢިއްޔާއިން ދުނިޔޭގެ އެކި ޤައުމުތަކުގައި ޚާއްޞަކޮށް ޒުވާނުން މަސްތުވާތަކެއްޗާ ދުރުކުރުމުގެ ދާއިރާގައި ކޮށްފައިވާ ކާމިޔާބު މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރައްވާފައެވެ. އެގޮތުން މަސްތުވާތަކެއްޗާ ޒުވާނުން ދުރުކުރުމަށް ތުރުކީގެ މި ޖަމުޢިއްޔާއިން ސިންގަޕޫރު، މެލޭޝިޔާ އަދި ސްރީލަންކާފަދަ ޤައުމުތަކުގައި ކޮށްފައިވާ ކާމިޔާބު މަސައްކަތްތައް އެ ޖަމުޢިއްޔާގެ ޢިސްވެރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން އެ ޖަމުޢިއްޔާގެ އިސްވެރިން ވަނީ މި ދާއިރާއިން އެ ޖަމުޢިއްޔާއިން ހިންގާ ޕްރޮގްރާމުތަކުގެ ތެރޭގައި ވަރަށް ޅަ އުމުރުން ފެށިގެން ކުދިން އެފަދަ ތަކެއްޗާ ދުރުހެލިކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.
ގްރީން ކްރެސެންޓަކީ ޚާއްޞަކޮށް ދުންފަތާއި މަސްތުވާތަކެއްޗާއި ޓެކްނޮލޮޖީއަށް ޒުވާނުން ދެވިހިފުންފަދަ ކަންކަމާ ޒުވާނުން ދުރުހެލިކޮށް މުޖުތަމަޢުގެ ދުޅަހެޔޮކަމަށް މަގުފަހިވާ ކަންކަމަށް ފުޅާ ދާއިރާއެއްގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ތުރުކީގެ އަމިއްލަ ޖަމުޢިއްޔާއެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބާއެކު މިއަދު ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު އިތުރު ކަންކަމުގެ ތެރޭގައި ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ޙާލަތާއި މަސްތުވާތަކެތީގެ ޙާލަތާއި އަދި ޓެކްނޮލޮޖީއަށް ދެވިހިފުން ފަދަ ކަންކަން ރާއްޖޭގައި އޮތް މިންވަރާއި މިކަންކަން ޙައްލުކުރުމުގައި ހުރި ގޮންޖެހުންތައް ހިމެނެއެވެ.
މަސްތުވާތަކެތިން ސަލާމަތްވެފައިވާ މުޖްތަމަޢެއް ބިނާކުރުމަކީ މި ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވަޢުދެކެވެ.