ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްރީލަންކާގެ ބޮޑުވަޒީރު މިސްޓަރ ރަތުނަސިރީ ވިކްރަމަނަޔަކައާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ރަޙްމަތްތެރި ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި ތާރީޚީ ރޮނގުންވެސް ވަރަށް ރަނގަޅު ގުޅުމެއް ޤާއިމުވެފައިވާ ކަމަށް ވިދާޅުވެ، ތާރީޚީ ރޮނގުންނާއި ޘަޤާފީ ރޮނގުން ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ވެދެއްވާފައިވާ އަދި ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒާއި ސްރީލަންކާގެ ކަމާބެހޭ އިދާރާއާ ގުޅިގެން، ރާއްޖޭގެ އާސާރީ އަދި ތާރީޚީ ތަންތަން ރައްކާތެރިކޮށް ފަންނީ އެހީ ހޯދުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ.

ބޮޑުވަޒީރު މިސްޓަރ ރަތުނަސިރީ ވިކްރަމަނަޔަކަ ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައި އެކިދާއިރާތަކުގައި ގުޅުން އިތުރަށް ތަރައްޤީ ކުރެއްވުމަށް ސްރީލަންކާ ސަރުކާރުންވެސް ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ބޮޑުވަޒީރުގެ އަރިހުގައި ސްރީލަންކާގެ މިނިސްޓަރ އޮފް ހައުސިންގ އެންޑް ކޮންސްޓްރަކްޝަން މިސިޒް ފަރިޔާލް އަޝްރަފް ބައިވެރިވެވަޑައިގެންނެވިއެވެ. މިބައްދަލުކުރެއްވުމުގައި އެކަމަނާ ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ހައުސިންގ ދާއިރާއަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ސްރީލަންކާ ސަރުކާރުން ދެއްވާނެ ކަމަށާއި، ކަމާބެހޭ ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުއްވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ.