ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް ސްރީލަންކާގެ މިނިސްޓަރ އޮފް ކަލްޗަރަލް އެފެއާޒް އެންޑް ނޭޝަނަލް ހެރިޓޭޖް މިސްޓަރ މަހިންދަ ޔާޕާ އަބޭވަރުދަނާ މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮޅުނބުގައި ހުންނަވާ ހިލްޓަން ހޮޓެލްގައި އޮތް މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އާސާރީ އަދި ޤަދީމީ ތަންތަން ހޯދުމުގެ މަސައްކަތުގައި ސްރީލަންކާ ސަރުކާރުން ވެދެއްވާ އެހީތެރިކަމާއި، ރާއްޖޭގެ ޘަޤާފީ ދާއިރާއަށް ވެދެއްވާ އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖޭގައި ހުރި އާސާރީ ތަންތަން ޙިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ދެޤައުމުގެ ދެމެދުގައި ވެވެން އޮތް އެހީތެރިކަމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ސްރީލަންކާގެ ކަލްޗަރަލް އެފެއާޒް އެންޑް ނޭޝަނަލް ހެރިޓޭޖް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، މިރޮނގުން ވެދެއްވެން އޮތް އެހީތެރިކަމެއް ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރަށް ވެދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް މިކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ޖަރުމަނުވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ މިސްޓަރ ޖަރގަން ވީޗަރ އާއި، ކެނެޑާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ މިސިޒް އެންޖެލާ ބޮގްޑަނާ މިއަދު ބައްދަލުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި މި ޤައުމުތަކާ ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.