ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއް ބޭއްވޭނެ ޤާނޫނެއްނެތި، އެކަހަލަ ފައްތަރަކަށްދާން ޖެހިއްޖެނަމަ، ޤާނޫނީ ހުސްކަމެއް އަޔަކަނުދެއްވާނެ ކަމަށާއި، ލިބިވަޑައިގެންފައިވާ ޤާނޫނީ ބާރު ބޭނުންކުރައްވައިގެން ރައްޔިތުންގެ މަޖިލީހުގެ ޞައްޙަ އިންތިޚާބަކަށް، އިރާދަކުރެއްވިއްޔާ އެންމެ ލަސްވެގެން މާޗް މަހުގެ 2 ވަނަ ދުވަހު ގޮވާލައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ސްރީލަންކާގައި ދިރިއުޅުއްވަމުން ގެންދަވާ ދިވެހި ޢާއިލާތަކާއި ކިޔަވަން ތިބި ދިވެހި ކުދިންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެމަނިކުފާނުގެ އެންމެބޮޑު ވާޖިބަކަށްވެފައިވަނީ، ޤާނޫނުއަސާސީ ތަންފީޒު ކުރަމުންދާއިރު، ޤާނޫނީ ހުސްކަމެއް އަޔަނުދެއްވައި، ޤާނޫނުއަސާސީގެ އެންމެހާ މާއްދާތައް ތަންފީޒު ކުރެއްވުމެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ޗުއްޓީއަށް ވަޑައިގަންނަވަން ބޭނުންފުޅުވިއިރު، އެބޭފުޅުންގެ ކުރިފުޅުމަތީގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން ކޮންމެހެން ނިންމަވަންޖެހޭ ދެޤާނޫނެއް ފާސްކުރެއްވުމުގެ މަސައްކަތް އޮތްކަމުގައި ވިދާޅުވިއެވެ. އެމަސައްކަތް ނުނިމި މަޖިލީހުގެ މެންބަރުން ޗުއްޓީއަށް ވަޑައިގަތީމާ، މިކުރިމަތިވެވަޑައިގެންނެވި ދަތިތަކަކީ، ޤާނޫނުއަސާސީގެ އިންތިޤާލީ ބާބު މަޖުބޫރުކުރާ ތާރީޚަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނުބޭއްވޭނެގޮތް މެދުވެރިވުން ކަމުގައި ވިދާޅުވިއެވެ. މިހާރު މިއޮތް ރައްޔިތުންގެ މަޖިލީހުގެ ޞައްޙަ ދައުރު މާޗް 1 ގައި ނިމޭއިރު، ޢާންމު އިންތިޚާބެއް ބާއްވާނެ ޤާނޫނެއް ނެތިއްޖެނަމަ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއް ބާއްވަން ވަރަށް ދަތިވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ޤާނޫނުއަސާސީ ޙިމާޔަތް ކުރެއްވުމަށްޓަކައި އެވަގުތު ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް، އެމަނިކުފާނުގެ ރިޔާސަތުން ކުރައްވާނެ ކަމަށާއި، އެއްވެސް ކަމެއް ކުރައްވާކަށް ފަހަތަކަށް ޖެހިވަޑައެއްނުގަންނަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ރާއްޖޭގެ ވެރިކަމުގައި ތާއަބަދަށް ދެމިހުންނަވަން ބޭނުންފުޅުނުވާ ކަމަށާއި، އެމަނިކުފާނު ބޭނުންފުޅުވަނީ، ރާއްޖޭގެ ރައްޔިތުންނަށް ރިވެތިގޮތުގައި ދިރިއުޅެވޭނެ ގޮތެއް ހޯއްދަވައިދެއްވުމަށް ކަމުގައި ވިދާޅުވިއެވެ.
ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހި ޢާއިލާތަކާއި އަދި ކިޔަވަމުންދާ ގެންދާ ދިވެހި ކުދިންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިރޭ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރު ހިންގަމުން އަންނަ ގޮތާއި، ސަރުކާރަށް ދިމާވެފައިވާ ބައެއް ކަންކަމާއި، ރާއްޖޭގެ ސިޔާސީ މަޞްރަޙުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިސަރުކާރު ދެމިއޮންނާނީ ހަމައެކަނި އެންމެ ބޭނުމަކަށް ކަމަށާއި، އެއީ ރައްޔިތުންނަށް ޚިދްމަތް ކުރުން ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރައްވާނީ، ވެވަޑައިގެންފައިވާ ވަޢުދުތައް ރައްޔިތުންނަށް ފުއްދަވައިދެއްވުން ކަމަށް ވިދާޅުވެ، މި ވަޢުދުތައް ފުއްދަވައިދެއްވުމުގައި ޢަމަލު ކުރައްވަމުން ގެންދަވާ ސިޔާސަތުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.
ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގެ ރައްޔިތުންނަށް އަސާސީ އެކިއެކި ޚިދްމަތްތައް ވަރަށް ބޮޑަށް ބޭނުންވެފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. ސަރުކާރު ހިންގުމަށް ފައިސާ ނެންގެވުމަށްފަހު، ތަރައްޤީއަށް ޚަރަދު ކުރައްވާނެ ފައިސާ، ދިވެހި ސަރުކާރުގައި ނުހުންނަ ކަމަށާއި، އެކަމުގެ ސަބަބުން ސަރުކާރަށް ޖެހިވަޑައިގަންނަވަނީ ދަރަންޏަށް ފައިސާ ނަންގަވަން ކަމުގައި ވިދާޅުވިއެވެ. މިވޭތުވެދިޔަ އަހަރުތަކުގައި، ސަރުކާރުން ދަރަންޏަށް ފައިސާ ނެންގެވުމުގެ ސަބަބުން ދިވެހި ސަރުކާރު މިހާރު ވަނީ ވަރަށް ބޮޑަށް ދަރާފައި ކަމަށާއި، އެހެންވީމާ، ސަރުކާރުގެ ނަމުގައި އިތުރަށް ދަރަންޏަށް ފައިސާ ނެންގެވުމަކީ ބުއްދިވެރި ކަމެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކުރީގެ ސަރުކާރުން ނަންގަވާފައިވާ ދަރަނީގެ ބޮޑުބައެއް، ކޮންމެ މަހަކު ދައްކަވަންޖެހޭ ކަމަށާއި، އިރާދަކުރެއްވިއްޔާ އެ ދަރަނިވެސް އަދާކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ރައްޔިތުންނަށް ދެއްވަންޖެހޭ އަސާސީ ޚިދްމަތްތައް ދެއްވުމަށްޓަކައި ސަރުކާރުން ހިންގަވަންޖެހޭ ކަންކަން ވިޔަފާރީގެ އުޞޫލުން ހިންގަވަން ރާއްވަވާފައިވާ ކަމުގައި ވިދާޅުވިއެވެ. ނަރުދަމާތައް ހެދުމާއި، ބަނދަރު ހެދުމާއި، ބޯހިޔާވަހިކަން ހޯދައިދިނުންފަދަ ކަންކަމަކީ، ޕްރައިވެޓް ސެކްޓަރަށް ކޮށްދެއްވިދާނެ ކަންކަން ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، މިކަންކަން ކުރާނެ އެކިއެކި ވިޔަފާރި ޖަމާޢަތްތަކާއި، ވިޔަފާރިވެރިން ހޯއްދެވުމުގެ މަސައްކަތް، ސަރުކާރުން ކުރައްވަމުން އެބަގެންދަވާ ކަމަށާއި، މިފަދަ މަސައްކަތްތަކަށް ޝައުޤުވެރިވާ ބައިނަލްއަޤްވާމީ ކުންފުނިތައް އެބަހުރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ފޯރުއްވައިދެއްވުމުގައި، އެންމެ އައުލާކަންބޮޑީ އެމަސައްކަތް، ސަރުކާރުން ކުރެއްވުން ނޫން ކަމަށާއި، ޙިއްޞާވާނެ ބައިވެރިން ހޯދައިގެން، ވިޔަފާރީގެ އުޞޫލުން އެކަން ކުރުމަކީ ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު އުންމީދު ކުރައްވާ މައިގަނޑު މަސައްކަތުގެ ޢަމަލީ މަންޒަރުތައް، އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ރަށްތަކުން ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިބައްދަލުކޮށްލެއްވުމުގައި ބައިވެރިވި ހުރިހާ ދިވެހިންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަކިވަކިން ބައްދަލުކުރައްވައި ސަލާން ކުރެއްވިއެވެ.