ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ވ. އަތޮޅުގައި ބޭއްވި "ޖަޒީރާ ކެނޯ ރޭސް" ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހަވީރު ވ. ތިނަދޫ އަތިރިމަތީ ސަރަޙައްދުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޖަޒީރާ ކެނޯ ރޭހުން 1ވަނައަށް ހޮވުނު ޓީމަށް މެޑަލް އަދި ފައިސާގެ އިނާމު ޙަވާލުކޮށްދެއްވާފައެވެ. މި މުބާރާތުގައި އެއްވަނަ ހާޞިލުކޮށްފައި ވަނީ ކ. އަތޮޅުގެ ޓީމެވެ.
ޖަޒީރާ ކެނޯރޭސް ފެށުމުގެ ގޮތުން ފުރަތަމަ ބާއްވާފައި ވަނީ އަންހެން ޓީމުތަކުގެ ކެނޯ ރޭހެވެ. ރޭސް ފެށުމުގެ ގޮތުން ޓީމުތަކުގެ އަންހެން ބައިވެރިން ކެނޯގައި ފަލިޖަހާފައި ދަތުރުކުރީ ވ.ފެލިދުއަށެވެ. ޓީމުތަކުގެ ފިރެހެން ބައިވެރިން ފެލިދޫ ފަލިޖަހާފައި ކެނޯގައި ދަތުރުކުރީ ވ ތިނަދޫއަށެވެ.

މިއަދު ހަވީރު ތިނަދޫ އަތިރިމަތީގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފެލިދެއަތޮޅު ތިނަދޫ ކައުންސިލް އިދާރާގެ ވެބްސައިޓް ވެސް ލޯންޗްކޮށްދެއްވާފައެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ހިންގާ ހަރަކާތްތައް ރަސްމީކޮށް ފެށުމާ އަދި މި މުނާސަބަތާއި ގުޅުވައިގެން ކުރިޔަށްގެންދާ ޕްރޮގްރާމުތަކުގައި ހިމެނިގެން ބާއްވާ ސަޤާފީ ކެއުމެއް މިރޭ ތިނަދޫގައި ބޭއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.