ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ތާރީޚަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށްޓަކައި ފާސްކުރަން ހުށަހެޅިފައިވާ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ ބިލާއި، އިންތިޚާބާބެހޭ ޤާނޫނުގެ ބިލްގެ މަސައްކަތްތައް ނުނިންމަވައި، މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުން ޗުއްޓީ ދެއްވި ދެއްވުމާ ގުޅިގެން، ދިވެހިރާއްޖޭގެ ބައެއް ޤާނޫނީ ވަކީލުން ދައުލަތާ ދެކޮޅަށް ހުށަހަޅާފައިވާ ދަޢުވާގެ އަޑުއެހުމެއް، މާދަމާ 6 ޖަނަވަރީ 2009ވާ އަންގާރަ ދުވަހު ބާއްވަވާ ގޮތަށްވަނީ ހަމަޖައްސަވާފައެވެ.

ދައުލަތަށް ދަޢުވާ ލިބޭ މިމައްސަލައިގެ ދިފާޢުގައި ވަކާލާތު ކުރެއްވުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުގެ ވަކީލަކު ވަޑައިގެންދެއްވުމަށްވެސް ވަނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ބަންޑާރަ ނައިބުގެ އޮފީހަށް އަންގަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށްޓަކައި ބޭނުންވާ ދެޤާނޫނު ކަމުގައިވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނާއި، އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނުގެ މަސައްކަތް ނިންމުމީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ، ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ލާޒިމުކުރާ ކަމަކަށްވީހިނދު، ރައްޔިތުންގެ މަޖިލީހުން އެ ދެ ޤާނޫނު ފާސްނުކުރައްވައި ޗުއްޓީ ނެންގެވުމީ، އެ މަޖިލީހުން ކުރެއްވި ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ. އަދި އެ ޢަމަލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޙުރްމަތްކެނޑި، ދިވެހިރާއްޖޭގައި ޤާނޫނީ ވެރިކަން ހިންގުމަށް އެޅޭ ހުރަހެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުން ކަނޑައަޅާފައިވާ ކަންތައްތައް އިޚްލާޞްތެރިކަމާއެކު ތަންފީޛުކޮށް، ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުން، ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް ބާރުއެޅުން އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ހ)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާ ޙަވާލުވެގެންވާ މަސްއޫލިއްޔަތަކަށްވީހިނދު، ރައްޔިތުންގެ މަޖިލީހުން ކުރެއްވި މިޢަމަލުގެ ދިފާޢުގައި ދައުލަތުގެ ފަރާތުން ސްޕްރީމް ކޯޓުގައި ވަކާލާތު ކުރެއްވުން އެއީ އެދެވިގެންވާ ކަމެއް ނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އެޓަރނީޖެނެރަލަށް މިއަދު ފޮނުއްވި ސިޓީފުޅުގައި ވަނީ ވިދާޅުވެފައެވެ.