މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި ރާއްޖޭގެ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލަށް އެހެން ޤައުމުތަކުންވެސް ޢަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ މިހާރު އެމެރިކާގެ ނިއުޔޯކްގައި ކުރިޔަށްދާ 74 ވަނަ އ.ދ.ގެ ޢާންމު މަޖިލީހުގެ ތެރެއިން، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް ބޭއްވެވި ކްލައިމެޓް އެކްޝަން ސަމިޓްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ސަމިޓަކީ ޕެރިސް އެގްރީމެންޓުގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ކަންކަން އެންމެ ހަރުދަނާގޮތެއްގައި ތަންފީޒުކުރެވިގެންދާނެ ގޮތްތައް ހޯދުމާއި ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒަށް ވާޞިލުވުމަށް ޤައުމުތައް ގުޅިގެން ކުރަންހުރި ކަންކަން ދެނެގަތުމަށް ބޭއްވެވި ސަމިޓެކެވެ.

މި ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހިރާއްޖެއިން ޢަމަލު ކުރަމުން ގެންދާ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަތިލުމަށް ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ނުވަތަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ހާސިލުކުރެވޭނެ ފަދަ ވަށާޖެހޭ ފިޔަވަޅުތަކެއްގެ މައްޗަށް ބިނާވެފައިވާ މޮޑެލެއް ކަމަށެވެ. އަދި، މިފަދަ މޮޑެލެއް އިޙުތިޔާރު ކުރުމުގެ މައިގަނޑު ބޭނުމަކީ ޤުދުރަތީ ވެށްޓާއި ގުޅި ލާމެހިފައިވާ ދެމެހެއްޓެނިވި މުޖުތަމަޢެއް ބިނާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި ކުދި ޖަޒީރާ ޤައުމުތައް ޙިއްޞާވާ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ފަދަ ޖަމާޢަތްތަކުގެ އެހީއާއެކު ކުދި ޖަޒީރާ ޤައުމުތަކުން އެންމެ ރަނގަޅަށް މަސައްކަތްކުރެވޭނެ ގޮތް ޙިއްޞާކުރައްވާފައެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ޢަމަލުކުރަން އެންމެ ރަނގަޅު ޕްލޭނަކީ ރާއްޖޭގެ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލްކަން ފާހަގަކުރައްވައި އެއީ ކުދި ޖަޒީރާ ޤައުމުތަކަށް އެކަށޭނެ އަދި ގުޅިގެން ހާސިލުކުރެވޭނެ ފިޔަވަޅުތަކެއް ހިމެނޭ މޮޑެލެއްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" މޮޑެލް މައިގަނޑު ގޮތެއްގައި އަމާޒުހިފާފައި ވާނީ ތިމާވެޢްޓާބެހޭ 11 މައިގަނޑު ދާއިރާއަކުން ހާސިލުކުރާނެ ކަންތައްތަކެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއް ކަނޑައެޅުމާއި، އެއްފަހަރު ބޭނުންކޮށްފައިވާ އުކާލެވޭ ޕްލާސްޓިކުގެ ބޭނުންކުރުން ހުއްޓާލުމާއި، އައު އީޖާދުތަކުގެ އެހީހޯދުމާއި، އެއް ރަށާއި އަނެއް ރަށާ ދަތުރުފަތުރުން ގުޅުވާލުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ތިމާވެއްޓާ ރަޙުމަތްތެރި ފަތުރުވެރިކަން ކުރިއެރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުންތައް ކުޑަވާނެގޮތަކަށް އުމުރާނީ ތަރައްޤީ ގެނައުމާއި، އިޔާދަކުރަނިވި ހަކަތައިގެ ބޭނުން ހިފުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމާއި އަދި މިފަދަ އިތުރު ބައެއްކަންކަން ހިމެނެއެވެ.

މިބައްދަލުވުމުގައި ރާއްޖެއިން ތަންފީޒު ކުރަމުންދާ "ކްލައިމެޓް ސްމާޓް ރެސިލިއަންޓް އައިލެންޑް އިނިޝިއޭޓިވް" ފަދަ މޮޑެލެއްގެ ބޭނުން ހިފުމަށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ގޮވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއީ، ކާބަން ބޭނުންކުރާ މިންވަރު މަދު އިޤްތިޞާދެއް ބިނާކުރުމާއި، މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ނުރައްކާތެރިކަން ކުޑަ ކުރުމަށް އެޅިދާނެ ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ބޮޑުކަމާއި އޭގެ ނުރާއްކާތެރިކަން ފާހަގަކުރައްވައި މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުން ދުނިޔެ ސަލާމަތްކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން މަސައްކަތްކޮށްދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.