ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލެއްވުމެއް ލިބިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުރިހާ މުވައްޒަފުންނާ އެމަނިކުފާނު މިއަދު މެންދުރުފަހު އެއޮފީހުގައި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވެރިކަން ބަދަލުވެގެންދިޔަ ވަގުތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުން އެމަނިކުފާނަށް ވެދެއްވި އެއްބާރުލެއްވުމާއި އެހީތެރިކަން ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވަމުން، ހުރިހާ ކަމެއްވެސް ހަމަޖެހިގެން ދިޔައީ، ވަރަށް އޮމާންކަމާއި އަމާންކަމާ އެކުގައި ކަމުގައި ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭ ކަންކަމުގައި އޯގާތެރިކަމާއި މަޑުމައިތިރިކަމާއެކު ފުރިހަމައަށް ޖަވާބުދާރީވެވަޑައިގަތުމަށްވެސް އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 33 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަދި ސަރުކާރުގައި 49 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ޚިދްމަތް ކުރެއްވުމަށްފަހު، ޢުމުރުން 65 އަހަރުވެގެން މިމަހުގެ 8 ވަނަ ދުވަހު ވަޒީފާއިން ވަކިވެވަޑައިގަންނަވާ އެއޮފީހުގެ މުޝީރު މާފަންނު މުއިވިލު އަލްފާޟިލް ޢަބްދުލްޤައްޔޫމް ޙަސަންގެ ޚިދްމަތްތައް ފާހަގަކުރައްވައި، އޭނާއަށް ޝުކުރު އަދާކުރެއްވިއެވެ.