ޙަޤީޤީ ނަތީޖާ ނެރެވޭނީ ވާހަކަ ދައްކައިގެން، އެކަމެއް ޙައްލު ކުރަން މަސައްކަތް ކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު މެންދުރުފަހު ފާދިއްޕޮޅު ކުރެންދުއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެއްވެސް ބާވަތެއްގެ ބާރެއް ބޭނުންކުރަން އަޅުގަނޑުމެން ފިކުރުކޮށްފިނަމަ، އޭގެ ސަބަބުން ރަނގަޅު ނަތީޖާއެއް ނުނުކުންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުރެންދޫ ރައްޔިތުންނަކީ ތަޢްލީމަށް އަބަދުވެސް ވަރަށްބޮޑު އިސްކަމެއް ދެއްވާ ރައްޔިތެއް ކަމަށް ވިދާޅުވިއެވެ. އަދި ކުރެންދޫ މަދަރުސާއާ ގުޅޭގޮތުން ރައްޔިތުންގެ ތެރޭގައި ބައެއްކަހަލަ ހިތްހަމަނުޖެހުންތައް ހުރިކަން އެނގިވަޑައިގެންފައިވާ ކަމަށާއި، އެ މައްސަލަތައްވެސް ވާހަކަ ދައްކައިގެން ޙައްލު ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު، ޙަސަދަވެރިކަމާއި ފިތުނައާއި ނަފްރަތުން ސަލާމަތްވެވި، ޙަޤީޤީ ތަރައްޤީގެ މަސައްކަތްތަކަށް ދެވެންވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރެންދޫ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވަމުން، ކުރެންދޫ ރައްޔިތުން އެދިވަޑައިގަންނަވާ ކަންތައްތައް، ވެވަޑައިގެންނެވި ވަރަކުން ކޮށްދެއްވަން ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ވިދާޅުވިއެވެ. އަދި ކުރެންދުއަށް ކުރިމަތިވެފައިވާ ބައެއް މައްސަލަތަކުގެ މައްޗަށް ބައްލަވާލައްވައި، އެކަންކަން ޙައްލުކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢްލޫމާތު ރައްޔިތުންނަށް ދެއްވިއެވެ.