ޤާނޫނުއަސާސީ ޙިމާޔަތް ކުރުމުގައި ސަރުކާރު ފަހަތަކަށް ނުޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ފާދިއްޕޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިރޭ ހިންނަވަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޗުއްޓީ ނެންގެވީމާ ކުރިމަތިވެފައިވާ މައްސަލައަށް އިޝާރާތް ކުރައްވަމުން، ޤާނޫނުއަސާސީ ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވެރިކަމަށް މި ވަޑައިގަތީ ރާއްޖޭގެ ރައްޔިތުންނަށް މިއަދަށްވުރެ ރަނގަޅު ގޮތެއް ފެންނާނެ މަގުތަކެއް ހޯއްދަވައިދެއްވުމަށް ކަމަށް ވިދާޅުވިއެވެ. އަދި ވެރިކަން ހިންގަވަމުން ގެންދަވާއިރު، ރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށާއި ޢާންމުކޮށް ކަންކަން ހިނގަމުން އަންނަ ގޮތްތަކަކާ ޚިލާފުވެވަޑައިނުގަންނަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރިވެތި ގޮތުގައި ވެރިކަން ކުރައްވައި، އިރާދަކުރެއްވިއްޔާ ފަސް އަހަރު ހަމަކުރައްވާނެ ކަމަށާއި، ރައްޔިތުން އެދިވަޑައިގަންނަވާ ތަރައްޤީ ފޯރުއްވައިދެއްވޭނެ ހުރިހާ މަގެއް ހޯއްދަވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ހިންނަވަރު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އަތޮޅުތަކުގައި ތަރައްޤީގެ މަސައްކަތްތައް ގެންދެވުމަށް ސަރުކާރުން މިހާރު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މީގެކުރީގައި ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގަވަމުން ގެންދަވާފައިވަނީ، ބަޖެޓުގައި ހިމަނުއްވައިގެން، ބަޖެޓުން އެ ޚަރަދުތައް ކުރައްވަމުން ގެންދަވާ ގޮތަށް ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް، ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އަސާސީ ޚިދްމަތްތައް ފޯރުއްވައިދެއްވަން ބައްލަވާއިރު، މިއީ ބަޖެޓުގެ ތެރެއިން ކުރެއްވޭނެ ކަމެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށާއި، ސަރުކާރުން ނިންމަވާފައިވަނީ ރާއްޖޭގެ އަތޮޅުތައް، 7 ސަރަޙައްދަކަށް ބައްސަވާލައްވައިގެން ގެންދެވުމަށް ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ނ. ރ. ބ. ޅ. މި ހަތަރު އަތޮޅު ހިމެނޭ ގޮތަށް ޔޫޓިލިޓީޒް ކުންފުންޏެއް އުފައްދަވާނެ ކަމަށާއި، މި ކުންފުނީގެ ބޭނުމަކަށްވާނީ، މި ހަތަރު އަތޮޅުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ދެއްވުމަށް ކުރައްވަންޖެހޭ ކަންތައްތައް ކުރެއްވުން ކަމުގައި ވިދާޅުވެ، ކުންފުނީގެ މަސައްކަތްތައް ރާއްވަވާފައިވާ ގޮތުގެ ތަފްޞީލު، ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހިންނަވަރަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ވަރަށްބޮޑު ރަށެއްކަން ފާހަގަކުރައްވަމުން، ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންތައްތައް ވަރަށްގިނަ ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުން ކަނޑައަޅުއްވާ ސިޔާސަތުގެ ދަށުން ހިންނަވަރުގެ ރައްޔިތުން އެދޭ ކަންތައްތައް، އިރާދަކުރެއްވިއްޔާ ކޮށްދެއްވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.