بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޢަލީ، ކުޑަފަރީ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު ޙުސައިން، ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫއާއި ހޮޅުދޫ ދާއިރާގެ މެމްބަރުން، ނ. އަތޮޅު ކައުންސިލްގެ ރައީސް ޢަލީ ޒާފިރު، ކުޑަފަރީ ކައުންސިލްގެ ރައީސް ޙަސަން މުޙައްމަދު، ކުޑަފަރީ ސްކޫލްގެ އެންމެހައި މުވައްޒަފުންނާއި، ލޮބުވެތި ދަރިވަރުން. އަދި އެ ދަރިވަރުންގެ ބެލެނިވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އެންމެ ފުރަތަމަވެސް މި ސްކޫލްގެ ފަރާތުން ތިޔަ ދިން މަކްތަބުލް ބިދާޔާގެ ޝަރަފަށްޓަކައި މި ސްކޫލްގެ ވެރިންނަށާއި، ލޮބުވެތި ދަރިވަރުންނަށް އަދި ހުރިހާ މުވައްޒަފުންނަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

ކުޑަފަރިއަށް މިއަދު ވެރިވެފައި މިވާ އުފާވެރިކަމުގައި އަޅުގަނޑު މި ބައިވެރިވަނީ ހަމަ މި ރަށުގެ އުފަން ރައްޔިތެއްގެ ހައިސިއްޔަތުން. މި ރަށަކީ އަޅުގަނޑުގެ އަދި އަޅުގަނޑުގެ ޢާއިލާގެވެސް ވަރަށް ގާތް އެކުވެރި ރަޙްމަތްތެރިން ތިބި ރަށެއް. މި ރަށު ސްކޫލްގެ ރަން ޔޫބީލްގެ މުނާސަބަތުގައި، މި ސްކޫލްގެ އިސް ވެރިންނަށާއި، މުދައްރިސުންނަށާއި، ދަރިވަރުންނަށް ހެޔޮއެދުމާއި ތަހުނިޔާ އަޅުގަނޑު ދަންނަވަން. އަދި ބެލެނިވެރިންނާއި، މި ސްކޫލްގެ އިސް ދަރިވަރުންނަށާއި، އަދި މި ރަށުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށްވެސް ތަހުނިޔާ ދަންނަވަން.

ދެންމެ މީގެ ކުޑައިރުކޮޅެއް ކުރިން ފެނުނު ވީޑިއޯ ޕްރެޒެންޓޭޝަނުން، މި ރަށާއި މި ސްކޫލްގެ ވަރަށް ގިނަ ތާރީޚީ މަޢުލޫމާތު އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ. އަޅުގަނޑަށް އެންމެ ފާހަގަކުރެވުނު ކަމަކީ، މި ރަށުގެ ރައްޔިތުން އެދުވަސްވަރުވެސް، މި ދެންނެވީ މީގެ 50 އަހަރު ކުރިންވެސް، ދަރިންނަށް ކިޔަވައިދިނުމަށް ދެއްވި ސަމާލުކަން. ރަށުން ބޭރުން، ރާވާ ގެއެއް ގެނެސްގެން ކިޔަވައިދިނުމުގެ ކަންތައް ހަމަޖެއްސިކަން.

ދެން އެންމެ ފާހަގަކުރެވުނު ކަމަކީ، ފެންވަރު ރަނގަޅު ތަޢުލީމް ދިނުމަށް ޚާއްޞަ ސަމާލުކަމެއް ދިންކަން. އެކަން އެނގެނީ، އެ ދުވަސްވަރު މި ރާއްޖޭގައި ޢިލްމީ ގޮތުން އެންމެ މަޝްހޫރު ރަށްރަށުގެ އެދުރުން ގެނެސް، އުޖޫރަ ދީގެން ކުދިންނަށް ކިޔަވައިދީފައިވާތީ. މިއީ، ކުދީންނަށް ކިޔަވައިދިނުމުގެ ބޭނުންތެރިކަން، މި ރަށުގެ ރައްޔިތުންނަށް އޭރުވެސް ވަޒަންކުރެވޭ ކަމުގެ ހެތްކެއް.

މި މަދަރުސާގެ ޢުމުރުން 50 އަހަރު ފުރުން މިއަދު ފާހަގަ ކުރިޔަސް، މި ރަށުގެ ތަޢުލީމީ ތާރީޚަކީ، އެއަށްވުރެ މާ ދޮށީ ތާރީޚެއް. އާދެ! އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ ގާތްގަނޑަކަށް 80 ވަރަކަށް އަހަރުގެ ދިގު މާޒީއެއް އޮތް ސްކޫލެއް. އޭގެ ތެރެއިންވެސް، ވަރަށް ގިނަ އަހަރުތަކެއް ވަންދެން ސްކޫލް ހިންގީ، ރައްޔިތުން އަމިއްލައަށް ހުރިހާ ޚަރަދުތަކެއް ހަމަޖައްސައިގެން.

ކިތަންމެ ދަތީގައި ސްކޫލް ހިންގިޔަސް، މި ސްކޫލަކީ، ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ސްކޫލެއް. އެކަން އެނގެނީ، ޢިލްމީ ގޮތުންނާއި އަދަބީ ގޮތުން، އަދި ހުނަރުގެ ގޮތުންނާއި، ކުޅިވަރުގެ ރޮނގުންނާއި، ވިޔަފާރީގެ ރޮނގުންވެސް، މި ސްކޫލްގެ އިހާއި ފަހުގެ ދަރިވަރުން، ޤައުމީ ފެންވަރުގައި ހޯދަމުން އަންނަ ކާމިޔާބީތަކުން.

އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތް ކުރަން ނުކުމެ މިތިބީ، ހުރިހާ ދާއިރާއަކުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވަރަށް ގާތުން ބަލައި އޮޅުންފިލުވައިގެން. ތަޢުލީމީ ދާއިރާއާ ގުޅޭގޮތުން ޓީޗަރުންގެ ހުރި ކަންބޮޑުވުންތައް އަޅުގަނޑުމެން ބެލިން. ދަރިވަރުން އެންމެ ބޭނުންވާ ކަންކަން ދެނެގަނެ، ބެލެނިވެރިންގެ ޝަކުވާތައްވެސް އަޅުގަނޑުމެން އަޑުއެހިން.

އެކަންކަމަށް ރިޢާޔަތްކޮށް، އަޅުގަނޑުމެން މި އަންނަނީ ސިޔާސަތުތައް ބަދަލުކުރަމުން، އަދި މުހިންމު ޙައްލުތައްވެސް ގެންނަމުން. އެންމެ ޅަފަތުގެ ތަޢުލީމުން ފެށިގެން، ޔުނިވަރސިޓީ ތަޢުލީމާ ހަމައަށް އަޅުގަނޑުމެން މި އަންނަނީ އިޞްލާޙީ ހެޔޮ ބަދަލުތަކެއް ގެންނަމުން. މި ދާއިރާ ހަރުދަނާކުރުމަށް، ކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް އެބަހުރިކަން އަޅުގަނޑުމެން ގަބޫލުކުރަން.

ރާއްޖޭގެ މުޅި ތަޢުލީމީ ސިޔާސަތު ބަދަލުވެ، ކިޔަވައިދިނުމަކީ ދައުލަތުގެ ޒިންމާއަކަށް މިއަދު ވެއްޖެ. ރާއްޖޭގެ މުޅި ތާރީޚުގައިވެސް، ރައްޔިތުންނަށް ކިޔަވައިދިނުމަށް ދައުލަތުގެ ފަރާތުން، އެންމެ ބޮޑު އެހީތެރިކަމެއް ދޭން ފެށީ މި ސަރުކާރުން. އެކަމުގެ ހެޔޮ ނަތީޖާ، މާތް ﷲގެ ވާގިފުޅާއެކު މާ ލަސްތަކެއްނުވެ ފެންނާނެ.

އަޅުގަނޑު މި ދަންނަވަނީ، ކިޔަވައިގެން މޮޅެތި ކުދިންނަށްވުމަށް ތިޔަ ދަރިވަރުން މަސައްކަތް ކުރަންޖެހޭ ވާހަކަ. މި ދަންނަވަނީ، އަޅުގަނޑުމެން މި ދެންނެވި ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް، ބެލެނިވެރިން ދަރިވަރުންނަށް މަގުދައްކައިދޭންޖެހޭ ވާހަކަ. އަދި މުދައްރިސުންނާއި ސްކޫލްތަކުގެ ވެރީން، އެ ނަތީޖާ ހާސިލުކުރަން އިތުރު މަސައްކަތް ކުރަންވެއްޖެ ކަމުގެ ވާހަކަ.

އަޅުގަނޑު ގަބޫލުކުރަން، މުދައްރިސުން އެ ކުރައްވާ ކަމަކީ، ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމެއް ނޫންކަން. މުދައްރިސުން އެވެވަޑައިގަންނަވަނީ، އެއަށްވުރެ މާ މަތިވެރި ޤުރްބާނީއެއް. ނަމަވެސް އެ މަސައްކަތް އިތުރަށް ހަރުދަނާ ކުރައްވައިގެން، އަޅުގަނޑުމެން މި އެދޭ ނަތީޖާ މާ ރަނގަޅަށް ހާސިލުކުރެވޭނެ.

އަޅުގަނޑުމެންގެ ތަޢުލީމީ ސިޔާސަތުގެ އެންމެ ބޮޑު ތަފާތަކީ، ޢިލްމީގޮތުން ސިކުނޑިތައް ހުޅުވައިދިނުމާއެކު، ދިރިއުޅުމުގެ ޢަމަލީ މައިދާނަށް އެ ކުދިން އަހުލުވެރި ކުރުވުން. ވަށާޖެހޭ ތަޢުލީމީ ނިޒާމެއްގެ ތެރެއިން، ބަރާބަރު ޖަޒީރާ ސްކޫލްތަކެއް ހިންގުމަށް އަޅުގަނޑުމެން މެނިފެސްޓޯގައި ކަނޑައެޅީ، މި ދެންނެވި މަޤްޞަދު ހާސިލުކުރުމުގެ ބޭނުމުގައި.

މި ހިނގާ ދިރާސީ އަހަރުގައި، ޕްރީ-ސްކޫލުން ފެށިގެން ގްރޭޑް 12އާ ހަމައަށް ހަތްދިހަ ހާހަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލު ކުރަމުން އެބަދޭ. މިހާރު ހުރި ސަރުކާރުގެ 213 ސްކޫލްގެ ތެރެއިން 144 ސްކޫލް މިހާރު އެވަނީ އެއް ދަންފަޅިއަށް ބަދަލުކުރެވިފައި. ދެން ހުރި 69 ސްކޫލް، އެއް ދަންފަޅިއަށް ބަދަލުކުރުމުގެ ތަންފީޒީ މަރުޙަލާ މިހާރު އެވަނީ ފެށިފައި.

މި ނިޒާމަށް ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަދަލުވުމުން، އޭގެ ނަތީޖާ ވަރަށް އަވަހަށް ފެންނަން ފަށާނެ. މި ނިޒާމުގެ ތެރެއިން ދަސްވެނިވާއިރު، ކޮންމެ ދަރިވަރެއް ހުންނާނީ، އަމިއްލަ ޒިންމާތަކަށް ފަރިތަވެފައި. ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ހޭނެން ފަށާފައި. އެ ކުދިން ތިބޭނީ ސްކޫލްގައި ދަސްކުރި އެއްޗެތި، ޢަމަލީ ގޮތުން ތަންފީޒުކުރަން އަހުލުވެރިވެފައި.

އަޅުގަނޑު މި ރަށުގައި މިކަން މި ފާހަގަކޮށްލީ، މި ސްކޫލަކީވެސް މަތީ ސާނަވީ ފުރިހަމަވަންދެން ކިޔަވައިދޭ ސްކޫލަކަށްވާތީ. މަތީ ސާނަވީ ނިންމުމަށްފަހު، އެކުދިން ދެން ކުރިމަތިލާނީ މަތީ ތަޢުލީމުގެ މަރުޙަލާތަކާ. ބައެއް ކުދިން މަތީ ސާނަވީއާ ހަމައިން ކިޔެވުން ދޫކޮށްލައި، ހަމައެކަނި ދިރިއުޅުމުގެ ކަންކަމަށް އެނބުރޭތަންވެސް ފެނޭ.

އަޅުގަނޑު ހިތުން، ރާއްޖޭގައި މިހާރު ފަހިވެފައި ހުރި ފުރުޞަތުތަކަށް ބަލާއިރު، ގްރޭޑް 12 ނިންމާފައި ކިޔެވުން ހުއްޓާލުމަކީ، އެންމެ ރަނގަޅު ގޮތެއް ނޫން. މިހެން ދަންނަވާއިރުވެސް އަޅުގަނޑަށް އެނގޭ، ޢާއިލީ އެތައް ސަބަބުތަކަކާއި، މާލީ އެތައް ދަތިތަކެއްވެސް، އެކަމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާކަން.

މަތީ ތަޢުލީމް ހާސިލުކުރުމަށް ތަނަވަސްކޮށްދީފައިވާ ފުރުޞަތުތައް، އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ސަރުކާރުން މި އަންނަނީ ކުރަމުން. އަޅުގަނޑުގެ އުންމީދަކީ، އަދި އަޅުގަނޑުގެ އެންމެ ބޮޑު އެދުމަކީ، ސަރުކާރުން ފަހިކޮށްދީފާވާ ފުރުޞަތުތަކުގެ ބޭނުން، ވީ އެންމެ ރަނގަޅަކަށް ހިފައި، ޤައުމަށް ބޭނުންތެރި ކުދިންތަކަކަށް ތިޔަ ކުދިންވުން.

ދިވެހީންނަކީ ވަރަށް ހުނަރުވެރި، ކަންކަމަށް ވަރަށް ހުޝިޔާރު ބައެއްކަން އަޅުގަނޑުމެންގެ ތާރީޚުން އެނގެން އެބައޮތް. ވީމާ، ތިޔަ ކުދިންނަކީވެސް، އެފަދަ ކޮންމެވެސް ހުނަރެއް ހުންނާނެ ކުއްޖެއް. ތީގެ ތެރޭގައި އަތްތެރި މަސައްކަތަށް ފަރިތަ ކުދިން ތިބޭނެ. އިންޖިނޭރުކަމުގެ ވިސްނުންހުރި ކުދިން ތިބޭނެ. ޑޮކްޓަރުންނަށް ވާން އެދޭ ކުދިންވެސް ތިބޭނެ.

މިއަދު ތިޔަ ކުދިންގެ ސިކުނޑީގައި އުފެދޭ އެފަދަ ވިސްނުންތަކަކީ، ތިޔަ ކުދިންގެ ކުރިމަގު އާރާސްތުކޮށްދޭނެ މަގު ޗާޓު. އަބަދުވެސް ވިސްނަމުން ދާންވީ، ތިމާގެ ކިބައިގައި ހުރީ ކޮން ހުނަރެއްތޯ. އެ ހުނަރު އިތުރަށް ކުރިއެރުވޭނެ ގޮތަކީ ކޮބައިތޯ. އެ ހުނަރު ކުރިއެރުވުމަށް ބޭނުންވާ ޢިލްމުތަކަކީ ކޮބައިތޯ. ދިރިއުޅުމުގައިވެސް ކާމިޔާބު ހޯދަނީ އެފަދަ ވިސްނުންތައް ގެންގުޅޭ ކުދިން.

ތިޔަ ދަރިވަރުން ސްކޫލަށް ދަނީ ވަރަށް މަތިވެރި މަޤްޞަދެއްގައި ވަރަށް ފޮނި އުންމީދުތަކެއް ހާސިލުކުރުމަށް. ހަމަ އެގޮތަށް، ތިޔަ ދަރިވަރުންނާމެދު މި ޤައުމު ކުރާ އުންމީދުތަކެއްވެސް އެބަހުރި. އެއީ މި ޤައުމުދެކެ ލޯބިވާ، ޤައުމަށް ޚިދުމަތްކުރާ ދިވެހި ދަރިންތަކަކަށްވުން. ޒަމާނީ ޓެކްނޮލޮޖީގެ ލުއިފަސޭހަތަކާއި ވަސީލަތްތައް ފަހިކޮށްދެނީ، އެފަދަ ދަރީންތަކަކަށް ތިޔަ ކުދިން ހެދުމުގެ ބޭނުމުގައި.

ތިޔައީ އެފަދަ ކުދިންތަކަކަށް ވާނެކަމާމެދު، އަޅުގަނޑު ޝައްކެއްނުކުރަން. އެފަދަ ކުއްޖަކަށްވުމަކީ، ތިޔަ ކުދިންގެ ކުރިމަގަށް ރައްކާކުރެވޭނެ އެންމެ އަގުހުރި ރައުސްމާލު. އެއީ މި ރަށަށާއި މިއަތޮޅަށްވެސް ލިބޭނެ ވަރަށް ބޮޑު ޝަރަފަކަށްވާނެ. އަދި ތިޔަ ކުދިންގެ ބެލެނިވެރިންނާއި މައިންބަފައިންގެވެސް އެންމެ ފޮނި އުންމީދަކީ އެއީކަން އަޅުގަނޑަށް ޔަޤީން.

ކުޑަފަރީއަކީ ރާއްޖޭގެ ނިސްބަތުން އާބާދީ އެހާ ބޮޑު ރަށެއް ނޫން. އާބާދީ ކިތަންމެ ކުޑަޔަސް، ޙައްޤުތަކާއި ވަސީލަތްތަކުގެ ގޮތުން، އެއްވެސް ރަށެއް ބާކީނުކުރުމަކީ، އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ސިޔާސަތު. އެގޮތުން މި ސްކޫލަށްވެސް، ލިބެންޖެހޭ ވަސީލަތްތަކާއި، ހުރިހާ އެހީތެރިކަމެއް، ސަރުކާރުން ފޯރުކޮށްދެމުންދާނެ.

އޭގެތެރެއިން މި ވަގުތަށް ބޭނުންވެފައިވާ ދެ ކަމެއްގެ ވާހަކަ އަޅުގަނޑު ދަންނަވާލާނަން. މި ސްކޫލަށް މިހާރު އެންމެ ބޮޑީ އިމާރާތުގެ ދަތިކަން. މި ސްކޫލްގެ އާ އިމާރާތް އިރާދަކުރެއްވިއްޔާ، އަންނަ އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން ހިމަނާނަން. އަދި އިރާދަކުރެއްވިއްޔާ، މާތް ﷲގެ ވާގިފުޅާއެކު އެ މަސައްކަތް، އަންނަ އަހަރުގެ ތެރޭގައި ފެށިގެންވެސްދާނެ. އަދި ސްމާޓް ކްލާސްރޫމްތަކުގެ މަސައްކަތް، މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން ފަށައި، އެކަން އިރާދަކުރެއްވިއްޔާ ނިންމައިދޭނަން. 

ކުޑަފަރީ ސްކޫލަށާއި، މި ރަށުގެ ރައްޔިތުންނަށް އަޅުގަނޑު އަބަދުވެސް އެދެނީ، ވަރަށް ބާއްޖަވެރި، ވަރަށް އުފާވެރި ދުވަސްތަކަކަށް. ރާއްޖޭގެ އެންމެހައި ދަރިވަރުންނަކީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބޭ، ޤައުމަށް ވަފާތެރި އިޚްލާޞްތެރި ދަރީންތަކެއް ކަމުގައި ލެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. ތިޔަ ދަރިވަރުންނަކީ، ޢިލްމު ހޯދުމަށް ލޯބިކުރާ، ހިތްއަލި ބަޔަކު ކަމުގައި ލައްވައި، ތަޢުލީމީ ޒުވާން ހެޔޮލަފާ ޖީލެއް ބިނާކުރުމުގެ ހެޔޮ ނަސީބު މާތްﷲ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.