ރާއްޖޭގައި އިސްލާމާއި ދިވެހި ކިޔަވައިދެއްވާ މުދައްރިސުން މަދުކަމާއެކު، އެކަން ޙައްލު ކުރެވޭނެ ގޮތެއް ވީހާވެސް އަވަހަކަށް ހޯއްދަވައިދެއްވޭތޯ ބައްލަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ފާދިއްޕޮޅަށް ކުރެއްވި ދަތުރުފުޅުގައި، މިއަދު މެންދުރުފަހު އެއަތޮޅު އޮޅުވެލިފުށްޓަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޮޅުވެލިފުށީގައި މިއަހަރު ގްރޭޑް 10 އަށް ކިޔަވައިދޭން ފަށާކަން ފާހަގަކުރައްވަމުން، އެ މަދަރުސާއަށް ކުރިމަތިވެފައިވާ އެންމެބޮޑު މައްސަލައަކީ، އިސްލާމް ޓީޗަރަކާއި ދިވެހި ޓީޗަރަކު ނެތުން ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއަށް ބޭނުންވާ ދިވެހި މުދައްރިސުންނާއި އިސްލާމް މުދައްރިސުން ހޯއްދެވުމަށް ވިސްނާވަޑައިގަންނަވާއިރު، އެކަމަށް ދިގު މުއްދަތެއް ނަގާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ ތެރެއިން މިހާރު -/2000 ރުފިޔާ ނުލިބޭ ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ސަރުކާރުން ކޮންމެ މަހަކު -/2000 ރުފިޔާގެ ޕެންޝަނެއް ދެއްވާ ގޮތަށް ހަމަޖައްސަވާފައި ވުމާއެކު، އިރާދަކުރެއްވިއްޔާ އޮޅުވެލިފުށީގައި ތިއްބެވި 65 އަހަރުން މަތީގެ ހުރިހާ ބޭފުޅުންނަށް، މި މަސް ނިމޭއިރު މި ޕެންޝަން ލިބިވަޑައިގަންނަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން އެބޭފުޅުންގެ ދިރިއުޅުއްވުމާއި ޢާންމު ޙާލަތު މިހާރަށްވުރެ ރަނގަޅުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ހެލްތް އިންޝުއަރެންސްގެ ޢަމަލީ މަސައްކަތްތައްވެސް މިހާރުވަނީ ފެށިފައި ކަމަށާއި، އިރާދަކުރެއްވިއްޔާ މިމަހުގެ ތެރޭގައި އެކަންވެސް ހިނގައިގަންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރިޒޯޓް ހެދުމުގެ މަސައްކަތް ނިންމަންޖެހޭ ތާރީޚު ފަހަނަޅައި ގޮސްފައިވާ ރިޒޯޓުގެ ކަންތައްތަކާ ގުޅޭގޮތުން ސަރުކާރުން ޢަމަލު ކުރައްވާނެ އެއް އުޞޫލެއް ކަނޑައެޅުއްވުމަށް ވަޒީރުންގެ ކޮމިޓީއެއް އެކުލަވާލައްވާފައިވާ ކަމަށާއި، އިރާދަކުރެއްވިއްޔާ އެ ކޮމިޓީގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރިޒޯޓުތައް ހެދުމުގެ މަސައްކަތްވެސް ލަސްތަކެއްނުވެ ހިނގައިގަންނާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފާދިއްޕޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މެންދުރުފަހު ވަނީ މާލެ ވަޑައިގެންފައެވެ.