ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިނގިރޭސިވިލާތުގެ ކޮންޒަރވެޓިވް ޕާޓީގެ އެމް.ޕީ މިސްޓަރ ރިޗަޑް ސްޕްރިންގ އާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރުއެވެ. މިސްޓަރ ސްޕްރިންގއަކީ ވެސްޓްމިންސްޓަރ ފައުންޑޭޝަންގެ ގަވަރނަރވެސްމެއެވެ.

މިބައްދަލުކުރެއްވުމުގައި، އިނގިރޭސިވިލާތުގެ ކޮންޒަރވެޓިވް ޕާޓީން އެކިކަންކަމުގައި ރާއްޖެއަށް އެއްބާރުލެއްވުން ދެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު މަގާމާ ޙަވާލުވެވަޑައިގަތުމަށްފަހު މިހާތަނަށް ކުރައްވާފައިވާ މަސައްކަތްޕުޅުތަކާއި، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް އަޅުއްވާފައިވާ އަދި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މަޢްލޫމާތު ދެއްވިއެވެ. އަދި އިނގިރޭސި ސަރުކާރުން ރާއްޖެއާމެދު ބަހައްޓަވާ ގާތްކަމާއި ދެއްވާ އެއްބާރުލެއްވުމަށްޓަކައި އިނގިރޭސި ސަރުކާރަށާއި، އިނގިރޭސިވިލާތުގެ ރައްޔިތުންނަށާއި ކޮންޒަރވެޓިވް ޕާޓީއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މިސްޓަރ ސްޕްރިންގގެ ވާހަކަފުޅުގައި، އިނގިރޭސިވިލާތުގެ ކޮންޒަރވެޓިވް ޕާޓީން ދިވެހި ސަރުކާރަށް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.