بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ދައުލަތުގެ ވަޒީރުން، މިދިޔަ އަހަރުގެ ސާނަވީ އިމްތިޙާނުތަކުން އެންމެ މަތީ ވަނަތައް ޙާޞިލުކުރި ދަރިވަރުން، ސްކޫލްތަކުގެ އިސް ވެރިންނާއި، ދަރިވަރުންގެ ލޮބުވެތި ބެލެނިވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިރޭގެ މި ޙަފްލާއަކީ ރާއްޖޭގެ ކުރިމަގާމެދު ވަރަށް ބޮޑު އުންމީދުތަކެއް އާލާވާ ޙަފްލާއެއް. މިދިޔަ އަހަރުގެ ތެރޭގައި 6600 ދަރިވަރުން ސާނަވީ ތަޢުލީމް ނިންމިއިރު، މިރޭ އަޅުގަނޑުމެންގެ ތެރޭގައި މިތިބީ، އޭގެ ތެރެއިން ފުރާނާލައިގެން ނެގުނު އެންމެ އަގުބޮޑު އަރަގުކޮޅު. އާދެ! މިދިޔަ އަހަރުގެ ސާނަވީ އިމްތިޙާނުތަކުން، ގަދަ 10 ވަނައިގައި ހިމެނުނު 407 ދަރިވަރުން.


ވަކިން ޚާއްޞަކޮށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، މިދިޔަ އަހަރުގެ ކޭމްބްރިޖް އިމްތިޙާނުން ހައި އެޗީވްމެންޓް ހޯދި ދަރިވަރުންގެ ކާމިޔާބީ. އެ އިމްތިޙާނަކީ ދުނިޔޭގެ ގާތްގަނޑަކަށް 150 ޤައުމަކުން އެތައް ލައްކަ ކުދިންނެއް ބައިވެރިވާ އިމްތިޙާނެއް. އެފަދަ އިމްތިޙާނަކުން އެންމެ މަތީ ދަރަޖައިގައި ފާސްވުމަކީ، ތިޔަ ކުދިންގެ ޢިލްމީ ޤާބިލުކަން ސާބިތުކޮށްދޭ ހެއްކެއް.


އެހެންކަމުން، މިރޭ ވަނަތައް ޙާޞިލުކުރާ ހުރިހާ ދަރިވަރުންނަށް އަޅުގަނޑުގެ ހިތުގެ ލޯތްބާއި އިޚްލާޞްތެރިކަމާއެކު މަރުޙަބާ ކިޔަން. އަދި ތިޔަ ދަރިވަރުން، މިދިޔަ 10 އަހަރުގެ ތެރޭގައި، ކިޔަވައިގެން މޮޅުވުމަށްޓަކައި ކުރި، ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އައްސަރިބަހާއި ސާބަސް ރައްދުކުރަން.


ތިޔަ ދަރިވަރުން މިރޭ ތިޔަ ޙާޞިލުކުރާ އެވޯޑްތަކާއި އިނާމުތަކަކީ، އެތައް ބައެއްގެ އެހީތެރިކަމާއި އެއްބާރުލުމުގެ ނަތީޖާ. އެއީ ތިޔަ ކުދިންގެ ލޯބިވާ މައިންބަފައިންނާއި ބެލެނިވެރިން. އަދި އެކި މަރުޙަލާތަކުގައި ކިޔަވައިދެއްވި މުދައްރިސުންނާއި، ސްކޫލްތަކުގެ ވެރިން. އެ ހުރިހާ ބޭފުޅުންނަށް ތިޔަ ކުދިންގެ ނަމުގައި ޝުކުރުވެރިކަމާއެކު ތަހުނިޔާ ދަންނަވަން.


މިހާރު ތިޔަ ދަރިވަރުންނަކީ، ތަޢުލީމުގެ މުޅިން އެހެން މަރުޙަލާއަކާ ކުރިމަތިލާން ތިބި ކުދިން. މިދިޔަ އަހަރުތަކުގައި ތިޔަ ކުދިން އުނގެނުނު ޢިލްމަކީ، ތަޢުލީމީ މަރުޙަލާގެ ބިންގާ. ފުރިހަމަ މާނައިގެ ތަޢުލީމީ މަރުޙަލާއަކީ، ދެން އޮތް މަރުޙަލާތައް. އެއީ މަތީ ސާނަވީ އަދި އެއަށްފަހު ޔުނިވަރސިޓީ ތަޢުލީމް.


އެއީ، ތިޔަ ކުދިން ޒިންމާދާރު މީހުންނަށް ހަދައިދޭ މަރުޙަލާތައް. އަދި މަސްއޫލިއްޔަތު އުފުލުމާއި ޙަޔާތުގެ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތްތައް، ޢަމަލީގޮތުން ތަޖުރިބާކޮށް، އެކަންކަން ޙައްލުކުރަން ދަސްކުރާނެ މަރުޙަލާވެސްމެ. އެ ތަޖުރިބާތަކާއެކު ކޮންމެ ކުއްޖެއްގެ ކިބައިގައި ވަކި ޝަޚްޞިއްޔަތެއް އުފެދިގެންދާނެ.


އެމަރުޙަލާގައި ކޮންމެ ކުއްޖަކުވެސް ވިސްނަންވީ، ތިމާގެ ކިބައިގައި ހަރުދަނާ ޝަޚްޞިއްޔަތެއް ބިނާކުރުމަށް. ޤައުމު ތިމާގެ ޚިދުމަތަށް އެދި ގޮވާފަދަ، ބޭނުންތެރި ޝަޚްޞިއްޔަތަކަށް ވުމަށް. މުޖްތަމަޢަށް ފައިދާހުރި، މުޅި މުޖްތަމަޢު ތިމާއަށް ބޭނުންޖެހޭފަދަ ފަރުދަކަށް ވުމަށް. ޤައުމު ތިޔަ ކުދިންނާމެދު މިއަދު ކުރާ އުންމީދަކީ އެއީ.


އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތްކުރަން ނުކުމެ ތިބެގެން މިކުރާ ކަމަކީވެސް އެއީ. ސަރުކާރުގެ މުޅި މިސްރާބު އަމާޒު ކޮށްފައި ހުރީ، ރާއްޖެއަށް ބޭނުންވާ މަތީ ފެންވަރުގެ އިންސާނީ ވަސީލަތްތައް ޤާއިމުކުރުމަށް. ވަކި މަރުޙަލާއެއް ތަފާތުނުކޮށް، ތަޢުލީމުގެ ހުރިހާ ފުރުޞަތުތަކެއް ފަހިކޮށްދެމުން މިއަންނަނީ، އުފެއްދުންތެރި ފަރުދުންތަކެއްގެ މުހިންމުކަން ބޮޑުކަމުން.


މިހެން ދަންނަވާއިރުވެސް އަޅުގަނޑަށް އެނގޭ، ތަޢުލީމީ ދާއިރާ ހަރުދަނާ ކުރުމަށް، ކުރަންޖެހޭ ކިތަންމެ ކަމެއް އެބަހުރިކަން. ވަކިން ޚާއްޞަކޮށް، މި ދާއިރާއިން މީހުން ބިނާކުރުމަށް، ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރަން އެބަޖެހޭ. ޢުމްރާނީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުންވެސް ސްކޫލްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ.


އިމްތިޙާނުތަކުގައި ދަރިވަރުން ހޯދާ މަތީ ވަނަތަކުން ރަމްޒުކޮށްދޭ އެއް ކަމަކީ، އެކުދިންނަށް ކިޔަވައިދޭ އެދުރުންގެ ޢިލްމީ ފެންވަރާއި ބުރަ މަސައްކަތް. އެހެންކަމުން، ފެންވަރު ރަނގަޅު ތަޢުލީމެއްގެ ބިންގަލަކީ ފެންވަރު ރަނގަޅު ޓީޗަރުން. މިއީވެސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހިފައި އޮތް ކަމެއް. ވަކިން ޚާއްޞަކޮށް، ރާއްޖޭން ޕްރައިމަރީ ޓީޗަރުން ނުލިބޭ މައްސަލައަށް، އަވަސް ޙައްލެއް އެބަ ބޭނުންވޭ.


އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަންކަން ފުރިހަމަކޮށް، ތަޢުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނާނަން. އެ ބަދަލުތައް އައުމުން، ދަރިވަރުން ހޯދާ ކާމިޔާބީ އެތައް ގުނައެއް އިތުރުވާނެ. ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހި ދަރިވަރުން ހޯދާ ނަތީޖާވެސް ވަރަށް ބޮޑަށް މަތިވެގެންދާނެ. އެއީ ރާއްޖޭގެ އިންސާނީ ވަސީލަތްތަކަށްވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ.


މިތާ ތިއްބެވި ޓީޗަރުންނާއި ބެލެނިވެރިންނަށްވެސް އެނގިވަޑައިގަންނަވާނެ، މީގެކުރިން ރާއްޖޭގައި ތިބެގެން، ނުހޯދޭ ކިތަންމެ ޢިލްމެއް، ރާއްޖޭގައި ތިބެގެން ހޯދުމުގެ ފުރުޞަތު މިހާރު އެބައޮތް. މިއީ ދަރިވަރުންނެކޭ އެއްފަދައިން ބެލެނިވެރިންނާއި މުދައްރިސުންވެސް ޚާއްޞަ ސަމާލު ކަމެއް ދެއްވަންޖެހޭނެ ކަމެއް.


އަޅުގަނޑު މިދަންނަވަނީ، ދަރިވަރުން ކުރިއަށް ދާން ބޭނުންވާ ދާއިރާއެއް ނުވަތަ ރޮނގެއް އިޚްތިޔާރު ކުރުމުގެ މުހިންމު ކަމުގެ ވާހަކަ. އެކަމުގައި ހަމައެކަނި ބަލަންވީ މަންމަ ނުވަތަ ބައްޕަގެ ހުވަފެން ޙަޤީޤަތަކަށް ހެދޭތޯއެއް ނޫން. ބަލަންވީ، ތިމާގެ ދަރިފުޅު ކުރާ އުންމީދުތަކަކީ ކޮބައިތޯ. އެދަރިފުޅުގެ ޤާބިލުކަން ކުރީ ކޮން ދާއިރާއަކުން ކޮން ކަމަކަށްތޯ.


އެއަށްފަހު، ބެލެނިވެރިންގެ ދައުރަކަށް ވާންވީ، ވަކި ރޮނގަކުން ކުރިއަށް ދާން ދަރިވަރުންނަށް މަޖުބޫރު ނުކޮށް މަގުދައްކައިދިނުން. އަދި ދަރިވަރުންނަށް ހިތްވަރުދީ، މަގުފަހިކޮށްދިނުން. އޭރުން އެ ކުދިންގެ ފަރާތުން ޢާއިލާއަށާއި ޤައުމަށް ލިބޭ ފައިދާ މާ ބޮޑުވާނެ. އެ ކުދިންގެ ކުރިމަގުވެސް މާ އުޖާލާވާނެ.


އަޅުގަނޑު މިއަދު ތިޔަ ދަރިވަރުންގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެއް އެބައޮތް. އެއީ މައިންބަފައިންނާއި ބެލެނިވެރިންގެ ހެޔޮ ނަޞޭޙަތް ޤަބޫލުކޮށް، އިސްލާމީ ރިވެތި އަދަބު އަޚުލާޤުގައި ސާބިތުވެ ތިބުން. ކޮންމެ ކަމެއްގައިވެސް ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކުރުން. އަނެކުންނަށް އިޙްތިރާމް ކުރުމާއެކު، އަނެކުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުން.


އަބަދުވެސް ތިޔަ ކުދިންގެ ޢަޒުމަކަށް ވާންވާނީ، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބުން. ޢިލްމު ހޯދުމަށް ނުވަތަ ދިރިއުޅުމެއް ފެށްޓުމަށްޓަކައި ދުނިޔޭގެ ހަތަރު ބިތަށް ދަތުރުކުރިޔަސް، ތިޔައީ ދިވެހި ފަސްގަނޑުގެ އުފަން ދިވެހި ދަރިންކަން، ހިނދުކޮޅަކަށްވެސް ހަނދާނުން ކައްސާލިޔަދީގެން ނުވާނެ.


މިއީ އެންމެން އަބަދުވެސް ޙައްޤުތަކުގެ ވާހަކަ ދައްކާ ޒަމާން. ޙައްޤުތައް ނުލިބިގެން ނުވަތަ ޙައްޤެއް ގެއްލިގެން އަޑު އުފުލާ ޒަމާން. ތިޔަ ކުދިން ހަނދާން ކުރަންވީ، ތިމާއަށް ލިބެންޖެހޭ ކޮންމެ ޙައްޤަކާ އެކުގައި، ތިމާ އަދާކުރަންޖެހޭ ޒިންމާތަކެއްވެސް ހުންނަކަން. މުޖްތަމަޢުގައި ޢަދުލުވެރިކަމާއި އުފާވެރިކަން ދެމިއޮންނާނީ، ތިޔަ ކުދިންވެސް އެ ޒިންމާތައް އަދާކޮށްގެން.


ތިޔަ ކުދިންނަކީ، ކޮންމެ ކަމެއްގައިވެސް އެންމެ ރަނގަޅު ގޮތް އިޚްތިޔާރުކުރަން ދަންނަ ކުދިން ކަމުގައި ލައްވައި، ޢިލްމު ހޯދުމުގައި އަބަދުވެސް ކާމިޔާބީ މިންވަރު ކުރެއްވުން އެދި، ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. ތިޔަ ކުދިންގެ ކުރިމަގު އުޖާލާ ކުރައްވައި ބަރަކާތް ލައްވާށި. އާމީން!


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.