ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޓީޗަރސް އެސޯސިއޭޝަންގެ އިސްބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި ޓީޗަރުންގެ މުސާރައިގެ އޮނިގަނޑާއި ޓީޗަރުންގެ ޢިނާޔަތްތަކާ ބެހޭގޮތުން ވާހަކަދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޕްރޮފެޝަނަލް ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އެއް މިންގަނޑަކުން ހެޔޮ ބަދަލު ގެންނެވުމަށް ވިސްނާވަޑައިގަންނަވާ ކަމަށާއި، އޭގެތެރޭގައި، ޑޮކްޓަރުންނާއި، ޓީޗަރުންނާއި، ނަރުހުންނާއި، ސިފައިންނާއި ފުލުހުންފަދަ ދާއިރާތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިފަދަ ގިންތީތަކުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް ސަރުކާރަށް ދެއްވެންހުރި ޢިނާޔަތްތައް ހަމަޖެއްސެވުމުގެ މަސައްކަތްޕުޅެއް މިހާރުން މިހާރަށްވެސް ކުރައްވަމުން އެބަގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވާހަކަ ދެކެވިގެން މަޝްވަރާ ކުރެވިގެން ކަންކަން ޙައްލު ކުރުމުގެ ފުރުސަތު އަބަދުވެސް ހުޅުވިފައި އޮންނާނެ ކަމަށް ވިދާޅުވިއެވެ.

ޓީޗަރސް އެސޯސިއޭޝަންގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރަށް މިގެނެވޭ ބަދަލުތަކަށް އެއްބާރުލެއްވުން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.