ސަރުކާރުގެ އޮފީސްތަކުން ނެރުއްވާ އެކިއެކި އިޢްލާނުތަކާއި ނޫސްބަޔާންތަކާއި ދެންނެވުންތައް، ރާއްޖޭގައި ނުކުންނަ ދުވަހު ނޫސްތަކުގައި ޝާއިޢު ކުރެއްވުމަށް ފޮނުއްވާއިރު، އެ އިޢްލާންތަކާއި ނޫސްބަޔާންތަކާއި، ދެންނެވުންތައް، ހަމަހަމަ އުޞޫލަކުން އެކިފަހަރު އެކި ނޫސްތަކަށް ފޮނުއްވަމުން ގެންދެވުމަށް ސަރުކާރުގެ އޮފީސްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަންގަވައިފިއެވެ. މިކަން އަންގަވައި އެއޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައި، މި ޖަނަވަރީ މަހުގެ 18 ވާ އާދީއްތަ ދުވަހުން ފެށިގެން މިގޮތަށް ޢަމަލުކުރައްވަމުން ގެންދެވުމަށާއި، އިޢްލާންތަކާއި ނޫސްބަޔާންތަކާއި ދެންނެވުންތައް ރާއްޖޭގައި ނުކުންނަ ހުރިހާ ދުވަހު ނޫސްތަކަކަށް، އެއޮފީހަކުން ކަނޑައަޅުއްވާ ތަރުތީބަކުން ފޮނުއްވަމުން ގެންދެވުމަށް ވިދާޅުވެފައިވެއެވެ. އަދި މިތަކެތި ނޫސްތަކުގައި ޝާއިޢު ކުރެއްވުމަށް ފޮނުއްވަމުން ގެންދަވާނީ، އެއްނޫހެއްގައި ތަކުރާރުނުވާ ގޮތެއްގެ މަތިން، ހަފުތާގެ އެކި ދުވަހު އެކި ނޫހަށް ދެއްވަމުން ގެންދަވާ އުސޫލެއްގެ ދަށުން ކަމަށްވެސް ވަނީ އަންގަވާފައެވެ.

މިފަދަ ތާވަލަކަށް ޢަމަލުކުރައްވަމުން ގެންދެވުމުގައި، އެނޫހެއް ވިކޭ އަދަދަށް ބައްލަވައިގެން ޝާއިޢު ކުރައްވަންޖެހޭފަދަ އަހަންމިއްޔަތުކަންބޮޑު އިޢްލާނެއް، ނޫސްބަޔާނެއް ނުވަތަ ދެންނެވުމެއްވާނަމަ، އެފަދަ އެއްޗެއް ޝާއިޢު ކުރެއްވުމަށް ފޮނުއްވަވާ ނޫހުގެ އިތުރުން، ވިކޭ އަދަދު ގިނަ ނޫހެއްގައި އެ އިޢްލާނެއް ނުވަތަ ނޫސްބަޔާނެއް ނުވަތަ ދެންނެވުމެއް ތަކުރާރު ކުރެއްވުން އެންމެ ރަނގަޅު ކަމަށް މިދެންނެވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ ވިދާޅުވެފައެވެ.

މިގޮތަށް މިކަން މިހަމަޖެއްސެވީ، ސަރުކާރުގެ ބައެއް އޮފީސްތަކުން ވަކި ނޫސްތަކަކަށް ގަވާއިދުން އިޢްލާނާއި ނޫސްބަޔާނާއި ދެންނެވުން ފޮނުއްވަމުން ގެންދަވާކަމުގެ މަޢްލޫމާތު ލިބިވަޑައިގެންފައިވާތީއާއި، މިގޮތަށް ފޮނުއްވުމުން، އެހެން ބައެއް ނޫސްތަކުގެ ޝަކުވާ ލިބިވަޑައިގަންނަވަމުންދާތީ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު މިނެރުއްވި ދެންނެވުމުގައި ވިދާޅުވެފައިވެއެވެ.