ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕްރޮފެސަރ ސެލީނާ މުޙްސިން އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުން، އެމަނިކުފާނުގެ ޒަޢާމަތުގައިވެސް އެގޮތަށް ދަމަހައްޓަވަން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. އަދި ބަންގްލަދޭޝްގައި ޑިމޮކްރެޓިކް އިންތިޚާބެއް ބާއްވަވައި، ޑިމޮކްރެޓިކް ސަރުކާރެއް ކާމިޔާބު ކުރެއްވި ކަމަށްޓަކައި ބަންގްލަދޭޝްގެ ރައީސާ ޝައިޚު ޙަސީނާއަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، އެކަމަނާއަށް ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ޝައިޚު ޙަސީނާއަށް ތަހުނިޔާ ވިދާޅުވެ ސިޓީފުޅެއްވެސް ފޮނުއްވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބަންގްލަދޭޝް ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ރާއްޖެއަށް މިގެންނަވާ އިޞްލާޙީ ބަދަލުތަކަށް މަރްޙަބާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީ ބައިވެރިވެވަޑައިގެންނެވިއެވެ.