ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް، މި ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސަރުކާރުން ދެއްވުމަށް ހަމަޖެހިފައިވާ ދެހާސް ރުފިޔާގެ ޢިނާޔަތުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބައްލަވައި، އެކަމުގައި މިނިސްޓަރ އޮފް ހެލްތް ޑޮކްޓަރ އާމިނަތު ޖަމީލަށް އެހީތެރިކަން ދެއްވައި، އަރުވަންޖެހޭ ލަފާ އަރުއްވައި، އެކަން ހިނގާ ނުހިނގާގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ. މިކަމަށް ޢައްޔަން ކުރެއްވީ، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީއެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ޢުމުރުން 65 އަހަރު ފުރިފައިވާ މީހުންނަށް ސަރުކާރުން މަހަކު ދެހާސް ރުފިޔާގެ ޢިނާޔަތެއް ދެއްވުމަށް ނިންމެވުމާ ގުޅިގެން، އެކަން ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ގެންދަވަނީ ބައްލަވަމުންނެވެ. އަދި އެމަނިކުފާނުގެ ތަޤްރީރުތަކުގައި މިވާހަކަ ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.

ޢުމުރުން 65 އަހަރު ވެފައިވާ މީހުންނަށް ސަރުކާރުން މި ޢިނާޔަތް ދެއްވުމަށްޓަކައި، ކަމާބެހޭ މަޢްލޫމާތު ސާފުކުރެއްވުމުގެ ޢަމަލީ މަސައްކަތް، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު ވަނީ ފަށްޓަވާފައެވެ. މި މަސައްކަތް ކުރިއަށްގެންދަވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ ބެއްލެވުމުގެ ދަށުންނެވެ.