ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު، ރާއްޖޭގައި މަސައްކަތް ކުރައްވާ އ.ދ.ގެ އެކި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިސް މަންދޫބުންނާ ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރޭ އޮތް މިބައްދަލުކުރެއްވުމުގައި ރާއްޖޭގައި ހުންނަވާ އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ އަދި ޔޫ.އެން.ޑީ.ޕީ.ގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް ޕެޓްރިސް ކާރބިޒޯ ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އ.ދ.ގެ އެކިއެކި ޖަމްޢިއްޔާ ޖަމާޢަތްތަކުން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވާ ޙިއްޞާ ފާހަގަކުރައްވައި، އެ ޖަމާޢަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް އެ އެހީތެރިކަމާއި އެއްބާރުލެއްވުން އ.ދ.ގެ ފަރާތުން ލިބިވަޑައިގަންނަވަމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އ.ދ.ގެ ޖަމްޢިއްޔާ ޖަމާޢަތްތަކުން ރާއްޖޭގައި ހިންގަމުން ގެންދާ އެކިއެކި ޕްރޮގްރާމްތަކާ ބެހޭގޮތުންނާއި، ކުރިއަށް ރާއްވަވާފައިވާ ކަންތައްތަކާ ބެހޭގޮތުން އ.ދ.ގެ މަންދޫބުން މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދެއްކެވިއެވެ.
މިބައްދަލުކުރެއްވުމަށްފަހު، އ.ދ. އިން ރާއްޖޭގައި ކުރިއަށް މިގެންދަވާ އެކި ޕްރޮގްރާމްތަކާބެހޭ މަޢްލޫމާތު، އ.ދ.ގެ މަންދޫބުން، ވަޒީރުންނަށާއި، ސްޓޭޓް މިނިސްޓަރުންނަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްބޭފުޅުންނަށް އެރުވުންވެސް އޮތެވެ.

މިބައްދަލުކުރެއްވުމުގައިވެސް ރައީސުލްޖުމްހޫރިއްޔާއާއި ނާއިބު ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.