ހަތަރުވަނަ އިންޑިއަން އޯޝަން ކޮންފަރެންސް (އައި. އޯ. ސީ.)ގައި ބައިވެރިވެ ވަޑައިގެންނެވި ބޭރުގެ ޢިއްޒަތްތެރިންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރޭގަނޑުގެ ފަރިއްކޮޅެއް މިރޭ ދެއްވަފިއެވެ. މި ފަރިއްކޮޅު އޮތީ ޕެރަޑައިސް އައިލެންޑް ރިޒޯޓްގައެވެ.

އިންޑިޔާ ކަނޑުގެ އެކި ޤައުމުތަކުން ގިނަ ޢަދަދެއްގެ ޢިއްޒަތްތެރިން ބައިވެރިވެ ވަޑައިގަންނަވާ މި ކޮންފަރެންސްގެ ރިޔާސަތު ބަލަހައްޓަވަނީ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހައެވެ. މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ބޭރުގެ ޢިއްޒަތްތެރިންގެ ތެރޭގައި އިންޑިޔާގެ ފޮރިން ސެކްރެޓަރީއާއި ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ހިމެނިވަޑައިގަންނަވައެވެ. މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެ ވަޑައިގަންނަވާ ޢިއްޒަތްތެރިންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ފޮރިންމިނިސްޓަރ ޢަބުދުﷲ ޝާހިދު ހިމެނިވަޑައިގަންނަވައެވެ.

ހަތަރުވަނަ އިންޑިއަން އޯޝަން ކޮންފަރެންސް (އައި.އޯ.ސީ.) އަކީ އިންޑިޔާ ފައުންޑޭޝަނުން އިސްނަގައިގެން ދިވެހި ސަރުކާރާއި، ސިންގަޕޫރުގެ ރަޖަރަތްނަމް ސްކޫލް އޮފް އިންޓަރނޭޝަނަލް ސްޓަޑީޒްއާއި ގުޅިގެން އިންތިޒާމްކުރި ކޮންފަރެންސެކެވެ.