ޤާނޫނުއަސާސީން ލިބިދޭ މަޢްލޫމާތު ހޯދުމާއި، މަޢްލޫމާތު ލިބިގަތުމުގެ ޙައްޤު ފުރިހަމައަށް ލިބިދިނުމަށް ދެއްވެން އޮތް އެއްބާރުލެއްވުމެއް ދެއްވުމަށް، ސަރުކާރުގެ ދާއިރާތަކުން މަޢްލޫމާތު ހާމަކުރައްވަން ތިއްބެވި ބޭފުޅުންނަށް ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ، ސަރުކާރުގެ އޮފީސްތަކުން މަޢްލޫމާތު ހާމަކުރާ މުވައްޒަފުން ތަމްރީނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ފެށްޓެވި ދެދުވަހުގެ މަސައްކަތު ބައްދަލުވުން އިފްތިތާޙު ކުރެއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރަކީ ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތް ދިނުމަށް އުފެދިފައިވާ ތަނަކަށްވާއިރު، އެޚިދްމަތް ދިނުމުގައި ކަންކަން ރޭވިފައިވާގޮތާއި، އެކަންކަމުން ރައްޔިތުންނަށް ލިބިދޭ މަންފާއާއި ފައިދާ ސާފުކޮށް އެނގޭ ގޮތަކަށް ކަންތައްތައް އިންތިޒާމު ކުރެއްވުމަކީ، ކޮންމެ ދާއިރާއަކުންވެސް ވަރަށްބޮޑު ސަމާލުކަމެއް ދެއްވަން ޖެހޭނެ ކަމެއް ކަމުގައި ނާއިބު ރައީސް ވިދާޅުވިއެވެ. އަދި މިއަދުގެ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އޮޅުންފިލުއްވައިދެއްވުމުގެ މުހިންމު ކަމުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ. މިއީ، މަޢްލޫމާތު ހާމަކުރުމުގެ ވިއުގައެއްގެ ފެށުންކަން ބަޔާން ކުރައްވަމުން، މިކަން ކުރެވޭނީ ތަމްރީނު ވެފައިވާ ޤާބިލު ބަޔަކު އުފައްދައިގެން ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކުގެ ވާހަކަފުޅުގައި، އެއްކަމަކާ ބެހޭގޮތުން ރައްޔިތުންނަށް މަޢްލޫމާތު ދެއްވާއިރު، އެއް މެސެޖެއް ދެއްވުމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންނަށް ކަންކަން ސިއްރު ކުރައްވަން ނުޖެހޭނެ ކަމުގައި ވިދާޅުވިއެވެ. އަދި އެ ދާއިރާއަކުން ކުރައްވާ ކަމެއް ފުރިހަމައަށް ނުރޭއްވެވެނީސް މަޢްލޫމާތު ދެއްވަން ފެށްޓެވުމުން، ނުކުންނަ މައްސަލަތަކެއްވެސް އެބަހުރި ކަމަށް ވިދާޅުވެ، އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ކުރިއަށްވުރެ ބޮޑަށް އޮޅުންއަރާގޮތް މެދުވެރިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަސައްކަތު ބައްދަލުވުން ތަޢާރުފު ކުރެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ޙިލްމީ ދެއްކެވި ވާހަކަފުޅުގައި، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށާއި، ކުރިއަށް އޮތް ތާނގައި މިފަދަ ސިލްސިލާ ބައްދަލުވުންތަކެއްވެސް ހިންގަވާނެ ކަމަށް ވިދާޅުވިއެވެ.