މިދިޔަ އޮގަސްޓު މަހުގެ 21 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކުރެއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ.

ޤާނޫނު ނަންބަރު 2008/10، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫންށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި އެ ޤާނޫނު ޝާއިޢު ކުރައްވާފައެވެ.

މި ބިލަށް ގެނެސްފައިވާ އިޞްލާޙު ތަކުގެ ތެރޭގައި، ކޮމިޝަންގެ މެންބަރުންގެ ހުރުން ލާޒިމުވާ ސިފަތަކަށާއި، ކޮމިޝަނުގެ ރައީސާއި ނައިބުރައީސް ޢައްޔަންކޮށް ވަކިކުރުމާއި، ކޮމިޝަނުގެ ޖަލްސާތަކާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އުފެއްދުމާއި ބެހޭގޮތުންނާއި، ޖުޑީޝަލް އެކެޑަމީއާއި ބެހޭގޮތުންނާއި، ކޮމިޝަނުގެ ނުވަތަ ތަޙްޤީޤުކުރާ ކޮމިޓީގެ ބާރުތަކުގެ އިތުރުން މައްސަލަ ސާބިތުކުރުމުގައި ބެލޭނެ މިންގަނޑުތަކަށް ގެނެވުނު އިޞްލާޙްތައް ހިމެނެއެވެ.