ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް، މި ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސަރުކާރުން ދެއްވުމަށް ހަމަޖެހިފައިވާ ދެހާސް ރުފިޔާގެ ޢިނާޔަތުގެ ކަންތައްތައް ހިންގަވަން ހަމަޖައްސަވާފައިވާ ގޮތުގެ މަޢްލޫމާތު، ޚަބަރުފަތުރާ ވަސީލަތްތަކަށް ދެއްވައިފިއެވެ. މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސްގައި، މި ޢިނާޔަތުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބައްލަވައި، އެކަމުގައި މިނިސްޓަރ އޮފް ހެލްތަށް އެހީތެރިކަން ދެއްވައި، އަރުވަންޖެހޭ ލަފާއަރުއްވައި، އެކަން ހިނގާ ނުހިނގާގޮތް ބެއްލެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީ ދެއްކެވި ވާހަކަފުޅުގައި، ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް މިޢިނާޔަތް ދެއްވުމަކީ، މިއަދުގެ ސަރުކާރުން ވެވަޑައިގެންފައިވާ އެންމެ މުހިންމު އެއް ވަޢުދު ކަމުގައި ވިދާޅުވިއެވެ. އަދި މިކަމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށްބޮޑު ސަމާލުކަމެއް ދެއްވައިގެން ހިންގަވަމުން ގެންދަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ޢުމުރުން ދުވަސްވީ މީހުންނަކީ، ރާއްޖޭގެ އެންމެ މުހިންމު އެއް ރައުސްމާލު ކަމަށާއި، އެބޭފުޅުންގެ ތަޖުރިބާއާއި، އެބޭފުޅުން ޤައުމަށް ކޮށްދެއްވާ ޚިދްމަތްތަކަކީ، ވަރަށް މުހިންމު ޚިދްމަތްތަކެއް ކަމުގައި އަލްފާޟިލް އިބްރާހީމް ހުސައިން ޒަކީ ވިދާޅުވިއެވެ. އަދި އެބޭފުޅުންނަކީ، ޢިއްޒަތާއ ޤަދަރާއި ޝަރަފުގައި ޤައުމަށް ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންކަން މިއަދުގެ ސަރުކާރުން ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ.
އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީގެ ވާހަކަފުޅުގައި، ރާއްޖޭގައި ޕޯސްޓަލް ބޭންކިންގ ސަރވިސަސްގެ ޚިދްމަތް ފެށްޓެވުމަކީ، ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއްކަން ހާމަކުރެއްވިއެވެ. އަދި މި ޚިދްމަތް، އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުންނަށް ލިބިވަޑައިގަންނަވަމުންދާނެ ކަމަށާއި، އޭރުން މި ފައިސާ ލިބިވަޑައިގަންނަވާ ފަރާތްޕުޅުތަކަށް، މި ފައިސާ ރައްދުކޮށްދެއްވުމަށް އިތުރު ލުއިކަމެއް ލިބިގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު މި ބޭއްވެވި ޕްރެސް ކޮންފަރެންސްގައި، މިކަމާބެހޭ މަޢްލޫމާތު ދެއްވުމަށް ބައިވެރިވެވަޑައިގެންނެވި އެހެން ބޭފުޅުންނަކީ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި އަލްފާޟިލް ޠާރިޤު ޢަލީ ލުޠުފީ އާއި، އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީ އަރިހުގައި މި މަސައްކަތުގައި އެހީތެރިވެވަޑައިގަންނަވާ އަލްފާޟިލް މުޙަންމަދު ރިޔާޒާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނާއިބު އަދި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި އަލްފާޟިލް މުޙަންމަދު ފިރާޤެވެ.
ޢުމުރުން 65 އަހަރު ވެފައިވާ ބޭފުޅުންނަށް، މަހަކު ދެހާސް ރުފިޔާ ދެއްވުމަށް ހަމަޖައްސަވާފައިވަނީ، މި ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.