އަޙްމަދު ރިޟުވާން ޢަބުދުﷲ ގެއްލުވާލާފައިވާ މައްސަލައިގެ ތަޙްޤީޤުގެ ބައެއް މަޢުލޫމާތުތައް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން މިއަދު ހާމަކުރައްވައިފިއެވެ. އެ ކޮމިޝަނުން މި މަޢުލޫމާތުތައް ހާމަކުރައްވާފައި ވަނީ އެކޮމިޝަނުން މީޑިޔާއަށް މަޢުލޫމާތު ހާމަކުރެއްވުމަށް މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްކޮންފަރެންސްގައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޙުސްނުއް ސުޢޫދު ވިދާޅުވީ މި މައްސަލައިގެ ތަހުޤީޤުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށެވެ.

މައްސަލައިގައި ހޯއްދެވިފައިވާ ކުރިއެރުންތައް ހާމަކުރައްވަމުން ސުޢޫދު ވަނީ ރިޟުވާނު ގެއްލުވާލުމުގައި ކުރިން ފުލުހުން ހާމަކޮށްފައިވާ މަޢުލޫމާތުތަކާއި މީޑިޔާތަކުން ހާމަކޮށްފައިވާ މަޢުލޫމާތުތަކުގެ އިތުރުން ހުޅުމާލެއަށް ރިޟުވާނު ދަތުރުކުރުމަށްފަހު ހިނގާފައިވާ ކަންކަމަށް ކޮމިޝަނުގެ ތަޙްޤީޤަށް ފާހަގަކުރެއްވުނު ކަންތައްތައް މީޑިޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ލިބިފައިވާ ހެކިތަކަށް ބަލައި ކޮމިޝަނުން ވިދާޅުވެފައި ވަނީ ރިޟުވާނު މަރާލާފައިވާކަމަށާއި އެކަން ހިނގާފައި ވަނީ ކަނޑުއުޅަނދަކަށް ގެންގޮސް އެ އުޅަނދުގައިކަމަށް ތަހުޤީޤަށް ހެކިބަސްދީފައިވާ ފަރާތްތަކުގެ ހެކިބަހުން އެނގިވަޑައިގަންވާކަމަށެވެ.

މަރުތައް ބަލާ ތަޙްޤީޤުކުރާ ކޮމިޝަނުން ވަނީ މިކަމުގެ މޯޓިވްއާ އަދި މިކަން ރާވައި ހިންގުމުގައި ހަރަކާތްތެރިވާ ފަރާތްތަކާ ބެހޭގޮތުން ވެސް ވަރަށް ތަފްޞީލީ މައުލޫމާތުތަކެއް ހާމަކުރައްވާފައެވެ. އެގޮތުން މިކަން ފެށިފައި ވަނީ ޖިހާދީ ފިކުރެއްގެ ބަޔަކާއި މިނިވަންކަމަށް ވަކާލާތުކުރާ ފިކުރެއްގެ ބައެއްގެ މެދުގައި ސޯޝަލް މީޑިޔާގައި ފެށުނު ދެކޮޅުވެރިކަމަކާ ހަމައިންކަން އެ ކޮމިޝަނުން ފާހަގަކުރައްވާފައިވެއެވެ.

މީގެއިތުރުން ރިޟުވާނު މަރާލުމުގެ ކަންކަން ހިންގާފައި ވަނީ ދުރާލާ ރޭވިގެން ޖިހާދީ ފިކުރެއްގެ ބައެއްކަން އެ ކޮމިޝަނުން ފާހަގަކުރައްވާފައިވެއެވެ. އަދި އެމީހުން އެފިކުރަށް މީހުން ރެކްރޫޓް ކުރަމުންދާކަމާއި އެކަންކަން ހިންގަމުންދާ ގޮތާއި އެކަންކަމުގެ ފަހަތުގައި ތިބިކަމަށް ކޮމިޝަނުގެ ތަޙްޤީޤަށް ފާހަގަކުރެއްވޭ ބައެއް ފަރާތްތަކުގެ މަޢުލޫމާތުވެސް މިއަދުގެ ޕްރެސްކޮންފަރެންސްގައި އެ ކޮމިޝަނުން މީޑިޔާއާ ޙިއްޞާކުރައްވާފައި ވެއެވެ. މީގެ އިތުރުން މަރާލާފައިވާ ޔާމީން ރަޝީދުގެ މައްސަލައާ މި މައްސަލައިގައި ހިމެނޭ މީހުންނާ ހުރި ގުޅުން ކޮމިޝަނުން ފާހަގަކުރައްވާފައިވެއެވެ.

ކޮމިޝަނުން ވިދާޅުވީ އެކޮމިޝަން އުފެދުމަށްފަހު މިވީ ދުވަސްތަކުގެ ތެރޭގައި ކޮމިޝަނުން ބަލަންފެށި 27 މައްސަލައިގެ ތެރެއިން މިހާރު ނުނިމި ވަނީ 4 ނުވަތަ 5 މައްސަލަ ކަމުގައެވެ. އަދި މިއީ ކޮމިޝަން އުފެދުމަށްފަހު ވީ މަދު މަސްތަކެއްގެ ތެރޭގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއްކަމުގައި އެ ކޮމިޝަނުން ފާހަގަކުރެއްވިއެވެ.