މިއަދު މެންދުރެއްހާއިރު ހދ. ހަނިމާދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި 5 ބޭފުޅުންގެ ޢާއިލާތަކަށް ހިތުގެ އަޑިން ތަޢުޒިޔާ ދަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބުރުނީ ސްކޫލަށް 50 އަހަރު ފުރުމުގެ ގޮތުން މިރޭ އެ ސްކޫލްގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި މި ހިތާމަވެރި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމުގައި ވިދާޅުވިއެވެ. އަދި، އެ ހާދިސާގައި އެއް ޢާއިލާއެއްގެ ތިން ބޭފުޅަކާއި އެންމެ 3 އަހަރުގެ ތުއްތުކުއްޖަކު ވެސް ހިމެނޭކަމަމުގައި ވަނީ ވިދާޅުވެފައެވެ. އަދި، އެބޭފުޅުންގެ ފާފަތައް ފުއްސަވައިދެއްވައި، ޝަހީދުންގެ ދަރަޖައިގައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާކަމަށާއި، އެބޭފުޅުންގެ ޢާއިލާތަކަށް ކެތްތެރިކަން ދެއްވައި، ދަރުމައާއި ސަވާބު އިތުރުކޮށްދެއްވުންއެދި ދުޢާ ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ހާދިސާގައި ދުނިޔެ ދޫކުރެއްވި އެއް ބޭފުޅަކީ ނޮޅިވަރަންފަރު އަހިމާގޭ ޙުސައިން ޢަބްދުﷲ ކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށު މަދަރުސާގެ އިސްލާމް ޓީޗަރުގެ މަޤާމުގައި ހުންނެވިއަސް ޙަޤީޤަތުގައި އޭނާއަކީ އެ މަދަރުސާގެ ބައްޕަކަމުގައި ސިފަކުރައްވާފައެވެ. އަދި ނޮޅިވަރަންފަރުގައި ފުރަތަމަ ކިޔަވައިދޭން ފެށިއިރު މުޅި މަދަރުސާއަކީ ޙުސައިން ޢަބްދުﷲ ކަމަށާއި އޭނާއަކީ ރާއްޖޭގެ މުދައްރިސުންގެ ޢާއިލާގެވެސް ވަރަށް އަގުހުރި މެންބަރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަކުރައްވާފައެވެ.

ޙުސައިން ޢަބްދުﷲ ޚިދުމަތުގައި މެދުނުކެނޑި 35 އަހަރު ހޭދަކުރައްވާފައި ވާއިރު އޭނާގެ ވަކިވެދިޔުމަކީ އެރަށަށް އަދި އެރަށު މަދަރުސާއަށް ލިބުނު ފޫ ނުބެއްދޭނެ ގެއްލުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިހާދިސާގައި އެ މަދަރުސާގެ އެހެން ޓީޗަރެއްކަމަށްވާ ޢަބްދުއްޝުކޫރުގެ އަނބިކަނބަލުންވެސް ވަނީ މި ދުނިޔެ ދޫކުރައްވާފައެވެ.