އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނަށް ރައްޔިތުންގެ މަޖުލީހުން ގެންނެވި ފުރަތަމަ އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި މި ބިލަކީ މި ހިނގާ އޯގަސްޓުމަހުގެ 21 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުން އިޞްލާހު ހުށަހަޅާފައި ވަނީ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުގެ 42 ވަނަ މާއްދާގެ (ހ) އަށެވެ. މި އިސްލާހުގައި ބުނެފައިވަނީ، މިމާއްދާގައި "މިނިސްޓަރު" ކަމުގައި ބުނެފައި ވަނީ ރައްޔިތުންނަށް އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށް ކަމުގައެވެ.

އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނަށް، ސަރުކާރުން މި އިސްލާހު ގެނައުމުގެ ބޭނުމަކީ، އެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ކަންކަން، ޞިއްޙަތާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ވުޒާރާއާ ޙަވާލުކޮށްފައި އޮތުމުގެ ބަދަލުގައި، ރައްޔިތުންނަށް އިޖްތިމާޢީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާކަމަށްވާ "މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް" އަށް ބަދަލުކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙު ޤާނޫނަށް ގެނައުމެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފައެވެ.