ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމެވި ދެ ބޭފުޅުންގެ ނަންފުޅާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ ބޭފުޅުންގެ ނަންފުޅުތައް މިއަދު ރައްޔިތުންގެ މަޖުލީހަށް ފޮނުއްވައިފިއެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި މާފަންނު ސީނާ ޑޮކްޓަރ އަޒްމިރާލްދާ ޒާހިރާއި، މާފަންނު ކޮކާހަނދުވަރުގެ އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދުގެ ނަންފުޅާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ 3 ބޭފުޅުންގެ ނަންފުޅުވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ދެ ބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ އެބޭފުޅުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާއާ އެކު ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

މި ދެބޭފުޅުންގެ ނަންފުޅުގެ އިތުރުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ގެ 17 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ ބޭފުޅުންގެ ނަންފުޅުތައް ވެސް މި މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ. މިގޮތުން ޖުޑިޝަލް ސަރވިސަސް ކޮމިޝަނުން ފޮނުއްވާފައިވާ 3 ނަންފުޅަކީ ދަފްތަރު ނަންބަރު 6993 ޝުއައިބް ޙުސައިން ޒަކަރިއްޔާ، ހދ.ވައިކަރަދޫ ގްރީންވިލާ، މުޙައްމަދު ނިޔާޒުގެ އިތުރުން މއ.ވޭސައިޑް 610 ޢަލީ ސަމީރުގެ ނަންފުޅެވެ.

ސްޕްރީމު ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 5 އިން 7 އަށް ބަދަލުކުރުމަށް ދިވެހިރާއްޖޭގެ ކޯޓްތަކުގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެންނެވި އިސްލާޙް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާފައި ވަނީ މިދިޔަ ޖުލައިމަހުގެ 23 ވަނަ ދުވަހުއެވެ.