"އުކުޅަހު ޓެކް ފެއާރ 2019" އަދި "ސްކީމާ 2019" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ޚާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދު ބައިވެރިވެ ވަޑައިގެން ފެއާ ހުޅުއްވައި ދެއްވައިފިއެވެ.

އުކުޅަހުގައި ހުންނަ އިންޓަރނޭޝަނަލް ކޮންވެންޝަން ސެންޓަރު ހުޅުވުމުގެ ގޮތުންނާއި "އުކުޅަހު ޓެކް ފެއާރ 2019" އަދި "ސްކީމާ 2019" ހުޅުވުމުގެ ގޮތުން އުކުޅަހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދު ވަނީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ އެންމެ މުހިންމު އަމާޒުކަން ފާހަގަކުރައްވާފައެވެ. އަދި އުކުޅަހުގައި ހުޅުވިގެން ދިޔަ މި ކޮންފަރެންސް ސެންޓަރާއެކު އެ އަމާޒަށް ކުރާ ދަތުރުގެ ސްޕީޑް އަވަސް ވެގެންދާނެކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގެ ބައިނަލްއަޤްވާމީ ތަޞައްވަރު ވަރަށް ބޮޑަށް ބަލިކަށިވެފައިވާކަމުގައި ވިދާޅުވިއެވެ. އަދި ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވުމަށްފަހު ރައީސް ޞާލިޙުގެ ޚާރިޖީ ސިޔާސަތު އަމާޒުކުރެއްވީ ބަލިކަށިވެފައިވާ ގުޅުންތައް ގާއިމުކުރައްވައި، އާލާކުރެއްވުމުގެ މައްޗަށްކަން ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި އުކުޅަހުގައި ހުޅުވި ކޮންވެންޝަން ސެންޓަރު އިމާރާތްކުރުމަށާއި ކޮންފަރެންސްގެ އިންތިޒާމްތައް ހަމަޖެއްސުމަށް ޚަރަދުކުރި ޖުމްލަ ފައިސާގެ ތެރެއިން ބައެއް ހަމަޖައްސާފައިވަނީ އިންޑިއާގެ އެއިރުގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ތަރައްޤީއަށް އަމާޒުކޮށްދެއްވި ހިލޭ އެހީއެއްގެ ތެރެއިންކަންވެސް ފާހަގަކުރެއްވިއެވެ. އެގޮތުން މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 8 މިލިއަން ރުފިޔާ ކަނޑައެޅިގެން ދިޔަކަމުގައިވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

އުކުޅަހުގައި މިއަދު ހުޅުވި އިންޓަނޭޝަނަލް ކޮންފަރެންސް ސެންޓަރަކީ މާލެއާއި އައްޑުއަތޮޅު ފިޔަވައި، ރާއްޖޭގެ ރަށެއްގައި ހުޅުވުނު މިފަދަ ފުރަތަމަ ސެންޓަރެވެ.