بســم اللّـه الرّحمـن الرّحيــم.

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى خاتـم الأنبيـاء وسيـد المرسـلين، وعلى آلـه وأصحـابه أجمعـين.

އާދެ! އަޅުގަނޑު ރ.އަތޮޅުގެ މީހުންއުޅޭ ރަށްރަށަށް މިކުރާ ޒިޔާރަތުގައި، މިއަދު އެންމެ ފުރަތަމަ މިއައީ މިރަށަށް. އާދެ! މަޑުއްވަރީއަށް. މަޑުއްވަރީއަށް އައުމާއެކީގައި، މިރަށުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، އެންމެ ފުރަތަމަވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުމެން މިހާރު މިތިބީ، ވަރަށް މާތް މަޤްޞަދެއްގައި ބިނާކުރެވިފައިވާ އިމާރާތެއް ހުޅުވައިދިނުމުގެ އުފަލުގައި ބައިވެރިވުމަށް. އާދެ! މިތަނަކީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މަސްޖިދުލްއަމާނާ. އެއީ މަޑުއްވަރީ، ރައްޔިތުންގެ ވަރަށް ބޮޑު ހިއްސާއަކާ އެކީގައި، މިރަށުގެ އެކުވެރިންގެ ކްލަބުގެ އިސްނެންގެވުމުން ކުރެވިފައިވާ މަސައްކަތެއް.

ޝައްކެއްނެތްގޮތުގައި، އިސްލާމީ ޖަމާޢަތެއްގައި މިސްކިތަކީ، ވަރަށް މުހިންމު ތަނެއް. ވަރަށް މާތް މަޤްޞަދެއްގައި އިމާރާތްކުރެވޭ ތަނެއް. އެއީ اللّـه سبحـانـه وتعـالـى އަށް ނިސްބަތްވާ ގެއެއް.

އާދެ! މިސްކިތުގެ ދައުރަކީ، އިސްލާމީ މުޖްތަމަޢެއްގައި ވަރަށް ބޮޑު ދައުރެއް. އެންމެފުރަތަމަ ދީނުގެ އެންމެ ވަރުގަދަ އެއް ރުކުން ކަމުގައިވާ ފަރްޟު ފަސްނަމާދު ޤާއިމުކުރުމުގެ އެންމެ މުހިންމު ތަނަކީ މިސްކިތް. އެކަމަށްޓަކައި، މިސްކިތަށް ދޭންޖެހޭ ޤަދަރާއި އިޙްތިރާމު ވަރަށްވެސް ބޮޑު. އޭގެއިތުރުން މިސްކިތަކީ އެހެން އަޅުކަންތައްވެސް ކުރެވޭ ތަނެއް. އާދެ! ކީރިތި ޤުރްއާން ކިޔެވުމާއި، މާތް اللّـه ގެ ޙަޟްރަތަށް ދުޢާ ކުރުމާއި، ސުންނަތް ނަމާދުތައް ކުރުމާއި، ޒިކްރުތަސްބީޙަ ކިޔުމާއި، މިހެންގޮސް މުސްލިމުން ކުރާ ހެޔޮ ޢަމަލުތަކުގެ ތެރެއިން ވަރަށްގިނަ ކަންތައްތަކަކީ، މިސްކިތުގައި ކުރެވޭ އަދި ކުރަންޖެހޭ ކަންތައްތަކެއް.

އޭގެއިތުރުންވެސް، މިސްކިތަކީ އިޖްތިމާޢީ ގުޅުންތައް ބަދަހިކުރުމަށް ވަރަށް ބޮޑަށް ބޭނުންކުރެވޭ އަދި ކުރަންޖެހޭ ތަނެއް. ކޮންމެ ދުވަހަކު ފަސްފަހަރު މީހުން މިސްކިތަށް އެއްވެ، ޖަމާޢަތުގައި ނަމާދު ކުރުމަށްފަހު، އެކަކު އަނެކަކާ ސަލާންކޮށް ވާހަކަ ދައްކާލާ ހެދުމަކީ ގުޅުންތައް ބަދަހިކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް. އަދި ޚާއްޞަކޮށް ހުކުރު ދުވަސްދުވަހު ހުކުރު ނަމާދަށް ފަހުގައި، ނުވަތަ ޢީދު ދުވަސްދުވަހު ޢީދު ނަމާދަށްފަހުގައި މި ލިބޭ ފުރުސަތަކީ އަދި އެއަށްވުރެވެސް މާތަނަވަސްކޮށް ލިބޭ ފުރުސަތެއް.

މިގޮތުން، މިސްކިތަކީ އިސްލާމީ މުޖްތަމަޢެއްގައި ވަރަށްގިނަ މުހިންމު ކަންތައްތަކެއް ކުރެވޭ އަދި އެކަންތައްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ހިތްތަކުގައިވާ އީމާންކަން ގަދަވެ، اللّـه އަށް އަޅުގަނޑުމެން ތަބަޢަވާ ތަބަޢަވުން ކުރިއަށްވުރެ ހަރުދަނާވެ، ދީނީ ކަންތައްތަކަށް ހުރުމަތްތެރިކޮށް ހިތުން އިތުރުވެ، މުޖްތަމަޢުގައި ހަމަޖެހުމާއި، އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަން ފެތުރުމަށް ލިބޭ، ވަރަށް މުހިންމު ތަނެއް. އަދި އެ މަޤްޞަދުގައި މިދެންނެވިފަދަ މަސައްކަތްތައް ނުވަތަ ކަންތައްތައް ކުރެވޭ ތަނެއް.

އާދެ! އެހެންވީމާ، މަޑުއްވަރީގައި މި މިސްކިތް ބިނާކުރެއްވި ކަމަށްޓަކައި، މަޑުއްވަރީ އެކުވެރިންގެ ކްލަބުގެ މަސްއޫލުވެރިންނަށާއި، ބާނީންނަށާއި، ހިންގާ ކޮމިޓީގެ މެންބަރުންނަށާއި، ހުރިހާ މެންބަރުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެއާއެކީގައި، މަޑުއްވަރީ ރައްޔިތުން މިކަމަށް މިދެއްވި އަހަންމިއްޔަތަށްޓަކައި، މަޑުއްވަރީ ރައްޔިތުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ސަރުކާރުން މިކަމުގައި ވެދީފައިވާ އެހީއަކީ، ރައްޔިތުން ކުރައްވާ މަސައްކަތްތަކުގައި، ސަރުކާރުން ހުރިހާ ރަށަކަށްވެސް ވަމުންގެންދާ އެހީއެއް. އެކަން އެގޮތަށް ހަމަޖެހުނު ކަމަށްޓަކައި، އަޅުގަނޑު ވަރަށް އުފާކުރަން.

އާދެ! މިއަދު އަދިވެސް މީގެފަހުން ޕްރޮގްރާމުގައި ތަފާތު ކަންތައްތައް ހުރުމާއެކުގައި، އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށް ނެތިން. އެހެންނަމަވެސް، އަދިވެސް އެއްފަހަރު މަޑުއްވަރީ އެކުވެރިންގެ ޖަމްޢިއްޔާއިން މިކުރެއްވި މަސައްކަތް، ވަރަށް އިޚްލާޞްތެރިކަމާއެކު މިރަށުގެ ރައްޔިތުން ބަލައިގަންނަވާނެކަމަށް ދެކެން. އަދި ރައްޔިތުން މިކަމުގައި ހިއްސާކުރެއްވި މިންވަރަށްޓަކައި، ރައްޔިތުންނަށް ޝުކުރު ދަންނަވަން. އަދި މި މިސްކިތަކީ، އަޅުގަނޑުމެން އެންމެން، އަދި މިރަށުގެ ރައްޔިތުން މިތަނަށް އެއްވެ، ފަރްޟު ނަމާދު ޤާއިމުކޮށް، ހެޔޮކަންތައް ކުރުމަށް އަޅުގަނޑުމެން އަބަދުވެސް ޒިޔާރަތްކުރާ، އަޅުގަނޑުމެންނާ ވަރަށް ރަށްޓެހި، ގާތްތަނެއް ކަމުގައި، ތިޔަ ހުރިހާ ބޭފުޅުންވެސް ހައްދަވާނެކަމަށް އުންމީދު ކުރަމުން، އަދި މާތް اللّـه ގެ ހެޔޮ ރަޙްމަތާއި، ސަވާބާއި ދަރުމަ، އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރެއްވުންއެދި ދުޢާކުރަމުން، މާތް اللّـه ގެ އިސްމުފުޅުގެ ބަރަކާތުން، މަސްޖިދުލްއަމާނާ ހުޅުވައިދިނުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް.

والسّـلام عليـكم ورحـمة اللّـه وبـركاتـه.