بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين.

އާދެ! މިއަދު އަޅުގަނޑު އައްޑުއަތޮޅަށް އައިސް، އައްޑުއަތޮޅުގެ ރައްޔިތުންނާ މިގޮތަށް ބައްދަލުކުރެވޭ ފުރަތަމަފަހަރަކީ މިއީ ކަމަށްވާތީ، އައްޑުއަތޮޅުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ތިޔަވިދާޅުވި ވަރަށްވެސް ހޫނު އަދި އިޚްލާޞްތެރި މަރްޙަބާއަށްޓަކައި، އައްޑުއަތޮޅުގެ ހުރިހާ ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ! މީގެތެރޭގައި، އައްޑުއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް ޙުސައިން ސަޢީދާއި، އަދި އަތޮޅުއޮފީހުގެ އިސްވެރިންނާއި، ރަށްރަށުގެ ވެރިންނާއި، ރަށްރަށުގެ ކޮމިޓީތަކާއި، ޢާންމު ރައްޔިތުންގެ ވަރަށްގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންދެއްވައި، އަޅުގަނޑަށް މަރްޙަބާ ވިދާޅުވުމުގެ ކަންތައްތައް، މިހާ ފުރިހަމަގޮތެއްގައި ގެންގޮސްދެއްވީތީ، ތިޔަ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ޝުކުރު ފަށްފަށްކުރަން.

އާދެ! އިރާދަކުރެއްވިއްޔާ މިދަތުރުގައި އަޅުގަނޑަށް އައްޑުއަތޮޅުގެ ހުރިހާ ރަށްރަށެއްގެ ރައްޔިތުންނާ ވަކިވަކިން ބައްދަލުކޮށްލުމުގެ ފުރްޞަތު އަޅުގަނޑަށް ލިބޭނެ. އެހެންވީމާ، ކޮންމެހެން އެކަމާ ބެހޭގޮތުން މިވަގުތު މާ ދިގު ވާހަކައެއް ދަންނަވާކަށެއް ނޫން. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑަށް މިލިބުނީ ވަރަށްބޮޑު އުފަލެކޭ. އައްޑުއަތޮޅަށް އައުމަކީ، އަޅުގަނޑު އަބަދުވެސް ވަރަށް ޚާއްޞަ ގޮތެއްގައި ދެކޭ ކަމެކޭ. އެއީ، އައްޑުއަތޮޅަކީ ރާއްޖޭގައި އޮތް އެންމެބޮޑު އެއްއަތޮޅު ކަމަށްވެފައި، އާބާދީވެސް އެންމެބޮޑު އަތޮޅު ކަމަށްވާތީ، އަދި އައްޑުއަތޮޅުގެ ތަރައްޤީއަކީ، ރާއްޖޭގެ ތަރައްޤީއަށް މަގުފަހިކޮށްދޭ ވަރަށް މުހިންމު ކަމަކަށްވާތީ. އަޅުގަނޑަށް މިއަތޮޅަށް އާދެވޭ ކޮންމެ ފަހަރަކީ، އަޅުގަނޑުގެ ހިތަށް ވަރަށް ފުން އިޙްސާސްތަކެއް، އުފަލުގެ އިޙްސާސްތަކެއް ކުރެވޭ ފަހަރެއް.

އާދެ! މިއަދަކީ، އަނެއްކާވެސް އައްޑުއަތޮޅުގެ ތަރައްޤީގެ ތާރީޚުގައި، ވަރަށް މުހިންމު ދުވަހެއް. އެއީ، އައްޑުއަތޮޅަށާއި ރާއްޖޭގެ އިޤްތިޞާދަށް އިރާދަކުރެއްވިއްޔާ ވަރަށް ފައިދާކުރާނެ މަޝްރޫޢެއް ފެށޭ ދުވަސް. މިގޮތުން، އައްޑޫ މަސްވެރިކަމުގެ އެކުވެނި، މާތްﷲގެ އިސްމުފުޅުގެ ބަރަކާތުން މިއަދު އަޅުގަނޑު އިފްތިތާޙުކޮށްދީ، އަދި އިރާދަކުރެއްވިއްޔާ ކުޑައިރުކޮޅެއްފަހުން، މިފްކޯގެ މަސްވެރިކަމުގެ ޞިނާޢީ މަރްކަޒުގެ ބިންގާ އަޅައިދިނުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. މިމުނާސަބަތުގައި، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީނަށާއި، އެމިނިސްޓްރީގެ ހީވާގި ވެރިންނަށާއި މުވައްޒަފުންނަށާއި، ފިޝަރީޒް އެޑްވައިޒަރީ ބޯޑުގެ މެންބަރުންނަށާއި، މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށާއި، މިފްކޯގެ އެހެން ވެރިންނަށާއި މުވައްޒަފުންނަށްވެސް، އަޅުގަނޑު ތަހުނިޔާ ދަންނަވައި ޝުކުރު އަދާކުރަން. 

އައްޑުއަތޮޅަކީ، ވޭތުވެދިޔަ ދިހަވަރަކަށް އަހަރުގެ ތެރޭގައި، މަސްވެރިކަން އެންމެ ބާރަށް ކުރިއަރަމުން އައިސްފައިވާ އެއްއަތޮޅު. އަދި މިއަތޮޅުގެ މަސްވެރިންގެ އިތުރުން، އެހެން އަތޮޅުތަކުގެ މަސްވެރިންވެސް، އަތޮޅުގެ ވަށައިގެންވާ މަސްކަނޑުތަކުން ދަނީ މަސްވެރިކަން ކުރަމުން. އެހެންކަމުން، މިއަތޮޅަކީ ހަމައެކަނި އައްޑުއަތޮޅުގެ މަސްވެރިންނަށާއި އޮޑިވެރިންނަށް ކުރިއެރުމާއި ތަރައްޤީ ލިބެން އޮތް އަތޮޅެއް ނޫން. މަސްވެރިކަން ކުރަން މިއަތޮޅަށް އަންނަ ދިވެހި އެހެން ހުރިހާ މަސްވެރިންނަށާއި، އެކަމުގައި ބައިވެރިވާ އެންމެންނަށްވެސް މިއަތޮޅުގައި މިހެދޭ މަރްކަޒުގެ ސަބަބުން ވަރަށް ބޮޑެތި ފައިދާތަކެއް ކުރަމުންދާނެކަން ޔަޤީން. އެހެންކަމުން، އައްޑުއަތޮޅުގައި ރޯމަސް ފިނިކޮށް ބަހައްޓާ ގުދަނަކާއި، މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ކާރުޚާނާއެއް ހެދުމަށް، ސަރުކާރުން ނިންމީ، މިސަރަޙައްދުގެ މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި. މިސަރަޙައްދުގައި މަސްވެރިން ބާނާ މަސް ގަނެ ރައްކާކުރުމާއި، އެއިން މަހުގެ އުފެއްދުންތައް އުފެއްދުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށްވާތީ.

އާދެ! ދިވެހި މަސްވެރިކަމުގެ ޞިނާޢަތަކީ، އިރާދަކުރެއްވިއްޔާ ވަރަށްފަހި މުސްތަޤްބަލެއް އޮތް ޞިނާޢަތެއް. 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހުންވެސް އަޅުގަނޑުމެންގެ މަސްވެރިކަން ދަނީ އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީވަމުން. އެއީ، މާތްﷲގެ ހެޔޮ ރަޙްމަތްފުޅު. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެވިދާޅުވި ފަދައިން، މިހާރު ރާއްޖެއަށް ބާނާ މަހުގެ ޢަދަދާއި، އަދި ސަރުކާރާއި އެކި ކުންފުނިތަކުން މަސްވެރިންގެ އަތުން ގަންނަ މަހުގެ ޢަދަދާއި، ރާއްޖެއިން އެކްސްޕޯޓް ކުރެވޭ މަހުގެ ޢަދަދު ދަނީ ވަރަށްބޮޑުތަން އިތުރުވެގެން. އެއީ، ޝައްކެއްނެތްގޮތުގައި، މާތްﷲގެ ރަޙްމަތްފުޅުން ދިވެހި ރައްޔިތުންނަށް ލިބެމުންދާ ވަރަށްބޮޑު ތަނަވަސްކަމެއް. ވަރަށްބޮޑު ކުރިއެރުމެއް. އޭގެއިތުރުން، ކަނޑުމަހުގެ ތަފާތު މަސްވެރިކަމާއި، އެ މަސްވެރިކަމުން ބާނާ މަހުގެ އުފެއްދުންތެރިކަން ޞިނާޢީ ފެންވަރުގައި، އާ ހަރުފަތްތަކަކަށް ގެންދިޔުމުގެ ފުރްޞަތުވެސް ރާއްޖެއަށް އެބައޮތް.

އާދެ! ދެންމެ މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން، އޭނާ ދެކެވަޑައިގަންނަވާ ތަޞައްވުރެއްގެ ވާހަކަ ވިދާޅުވި. ވަރަށް އުފާވެރި ތަޞައްވުރެއް. މިސަރަޙައްދަކީ، ރައްޔިތުން މަސްވެރިން ބާނާ މަސް ގަނެ، ފިނިކޮށް ބަހައްޓާ ގުދަނެއް ހުރި ތަނަކަށްވެފައި، އަދި މަހުގެ ތަފާތު އުފެއްދުންތައް އުފައްދާ މަރްކަޒަކަށްވެފައި، މިތަނުން ވަރަށް ފަސޭހައިން މަސް ބޭރުކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެހިފައި އޮންނާނެ ތަރައްޤީގެ މަރްކަޒަކަށް ވާނެކަމުގެ ތަޞައްވުރު، އޭނާ ދެންމެ އަޅުގަނޑުމެންނަށް މިތާނގައި ވަރަށް ރީތިކޮށް ހާމަކޮށްދެއްވައިފި. އެއީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންވެސް ވަރަށްބޮޑު އުފަލެއް އިޙްސާސް ކުރާނެ ކަމެއް.

އާދެ! މީގެއިތުރުން ދަންނަވާލަން އޮތީ، ރާއްޖޭގެ މަސްވެރިކަން ތަފާތު އުދަރެސްތަކަށް ފޯރަމުންދާތީ، ތަފާތު ގޮތްތައް އަޅުގަނޑުމެންނަށް ފެންނަމުންދާތީ، އެއީވެސް އަޅުގަނޑުމެންގެ ރާއްޖޭގެ އިޤްތިޞާދަށާއި އަދި މުސްތަޤްބަލަށް ވަރަށްބޮޑެތި ފައިދާކުރާނެ ކަމެކޭ. އެގޮތުން މިއަދު ބޮޑުކަންނެލީގެ މަސްވެރިކަން ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. މިދެންނެވި މަސްވެރިކަމުގައި އަމިއްލަ ފަރާތްތަކުންނާއި މިފްކޯއިން ކުރައްވަމުން ގެންދަވާ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ކާމިޔާބީއަށްޓަކައި، އެޞިނާޢަތް ކުރިއެރުވުމަށް، އެފަރާތްތަކުން އެކުރައްވާ މަސައްކަތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށް ސާބަސް ދަންނަވަން.

އާދެ! މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ ވަރަށް މުހިންމު އެއްބިންގާ. މިއަތޮޅުގައި މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މަސްވެރިކަން މިވަނީ ވަރަށް ބޮޑަށް ތަރައްޤީވެފައި. އަދި މިހާރު އިތުރަށް މިޤާއިމުކުރެވޭ ވަސީލަތްތަކުގެ ސަބަބުން ކުރިއަށް އޮތް ތާނގައި އެއަށްވުރެވެސް ބޮޑަށް ތަރައްޤީވެ ފުޅާވެގެންދާނެކަމާމެދަކު ޝައްކެއްނެތް. އޭގެއިތުރުން، މިއަތޮޅުގައި ފަތުރުވެރިކަމުގެ މަސައްކަތްތަކެއްވެސް މިހާރު އެދަނީ ކުރެވެމުން.

އާދެ! ފަތުރުވެރިކަމަކީ އަޅުގަނޑުމެންގެ ރާއްޖޭގެ ކުރިއެރުމުގައި ވަރަށްބޮޑު ޙިއްޞާއެއް އަދާކުރާ ކަމެއް. އެގޮތުން، މިއަތޮޅުގައި މިހާރު ޤާއިމުވެފައިވާ އަދި ޤާއިމު ކުރެވެމުންދާ ފަތުރުވެރިކަމުގެ އެކިއެކި މަރްކަޒުތައް ހިމެނިގެންދާނީ، މިއަތޮޅަށް ލިބޭ ވަރަށްބޮޑު ތަރައްޤީއެއްގެ ގޮތުގައި. މިއަތޮޅުގެ ރައްޔިތުންނަށް، ވަޒީފާ ލިބި، މިއަތޮޅުގެ ރައްޔިތުންގެ ދިރިއުޅުން ތަނަވަސްވެ، އޭގެއިތުރުން އަތޮޅާއި އަދި ރާއްޖޭގެ އިޤްތިޞާދަށް ތަފާތު ކުރިއެރުންތައް ލިބިގެންދާނެ ކަމަކަށް އިރާދަކުރެއްވިއްޔާ އެކަން ވެގެންދާނެ.

އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިކުރިމަތިލަނީ، ވަރަށް އުފާވެރި ފަހި މުސްތަޤްބަލަކަށޭ ދަންނަވަންޖެހޭ. މާތްﷲގެ ރަޙްމަތްފުޅާއި، އެކަލާނގެ ތައުފީޤާއި މަދަދުން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ކުރިއަށް ދިޔުމުގެ މަގުތައް ތަނަވަސްވެގެންދާނެ. ސުނާމީ ކާރިސާއިން އަޅުގަނޑުމެންނަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށްވެސް ވަރަށްބޮޑެތި މަސައްކަތްތަކެއް މިދަނީ ކުރެވެމުން. އޭގެތެރެއިން އެއްބައި މިހާރުވަނީ ހަމަޖެހިފައި. އަދި ކުރިއަށް އޮތް ތާނގައި އިރާދަކުރެއްވިއްޔާ ހަމަ ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ، އެދުވަހު ލިބުނު ގެއްލުންތައް ފޫބައްދައި، އަދި ކުރިން ރާއްޖެ އޮތް ޙާލަތަށްވުރެ ރަނގަޅު ޙާލަތަކަށް ރާއްޖެ ގެންދެވޭތޯ. އެފަދަ ބޮޑު ކާރިސާއެއް އަޅުގަނޑުމެންނަށް ދިމާވި ނަމަވެސް، މާތްﷲގެ ހެޔޮ ރަޙްމަތްފުޅު އަޅުގަނޑުމެންގެ މައްޗަށް އޮތީ ވަރަށް ބޮޑަށް ތަނަވަސްވެފައި. އޭގެ ސަބަބުން، އަޅުގަނޑުމެންގެ ފަތުރުވެރިކަންވެސް ދިޔައީ މިދިޔަ ދެއަހަރުގެ ތެރޭގައި ކުރިއަށް. 2005 ގައި ވަރަށް ބޮޑަށް ދަށަށް ގޮއްސަ، އެހެން ނަމަވެސް، 2006 ގައި އިރާދަކުރެއްވިއްޔާ ވަނީ ވަރަށް ބޮޑުތަން ކުރިއަށް ގޮސްފައި. އަދި މިއަހަރުވެސް ޢަދަދުތައް ދައްކަނީ ހަމަ އެހެން. މަސްވެރިކަންވެސް ހަމަ އެގޮތަށް މިވަނީ.

އެހެންވީމާ، ރާއްޖޭގެ އިޤްތިޞާދީ ހުރިހާ މަސައްކަތެއްވެސް 2004ގެ ސުނާމީ ކާރިސާއަށްފަހުގައި މިދަނީ މާތްﷲގެ ވާގިފުޅުން ވަރަށްބޮޑަށް ކުރިއަށް. މިއީ އަޅުގަނޑުމެން އަބަދުވެސް އެކަމުގެ މަތިން ހަނދާންކޮށް، اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ކުރަން ޖެހޭނެ ކަމެއް. އަޅުގަނޑުމެން އެކަލާނގެ އަންގަވާ ގޮތުގައި ފައިތިލަ ސާބިތުކޮށްގެން ތިބެ، އަޅުގަނޑުމެންގެ ތަރައްޤީއަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ކަމަށްވަންޏާ، ރާއްޖެއަކީ އިރާދަކުރެއްވިއްޔާ ވަރަށް ކުރިއަރާފައިވާ ޤައުމަކަށް، މާލަހެއްނުވެ ވެގެންދާނެ. މިހާރުވެސް މިވޭތުވެދިޔަ ގާތްގަނޑަކަށް ފަންސަވީސް ނުވަތަ ތިރީސް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެވަނީ ތަރައްޤީގެ މަގުގައި ވަރަށް ބޮޑެތި، ވަރަށް ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅާފައި. މިކަމަކީ އަޅުގަނޑުމެން އަމިއްލައަށް ބުނާ ވާހަކައެއް ނޫން. މިކަމަކީ ރާއްޖެއަށް ޒިޔާރަތްކުރާ ހަމަ ކޮންމެ މީހަކުވެސް ފާހަގަކުރާ ކަމެއް. ދެކޭ ކަމެއް. ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން، އެޖަމާޢަތްތަކުން ނެރޭ އިޤްތިޞާދީ ރިޕޯޓުތަކުގައި، ރާއްޖެ މިހޯދާ ކުރިއެރުމުގެ ވާހަކަ ވަރަށް ރަނގަޅަށް ލިޔެފައި އެބަހުރި. މިއީ، އަޅުގަނޑުމެން ފަޚުރުވެރިވުން އެންމެ ރަނގަޅު ކަމެއް. އެހެން ނަމަވެސް، އެކަމަށްޓަކައި ފަޚުރުވެރިވެފައި، ދެން މަސައްކަތް ހުއްޓާލަންވީކީނޫން. އިތުރަށް މަސައްކަތައިގެން ކުރިއަށް ދާންވީ. އަދި މަސައްކަތައިގެން ކުރިއަށްދާއިރު، އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހުން ވަރަށްބޮޑަށް އޮންނަންޖެހޭނެކަން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ. އެއީ ކިތަންމެކުޑަނަމަވެސް ހަމަނުޖެހުމެއް އަޅުގަނޑުމެންގެ ތެރޭގައި ހިނގާ ކަމަށްވަންޏާ، އޭގެ އަސަރު އަޅުގަނޑުމެންގެ އިޤްތިޞާދަށް ކުރާނެ. އަޅުގަނޑުމެންގެ ދަރިންގެ ތަޢްލީމަށް އެކަމުގެ އަސަރު ކުރާނެ. އަޅުގަނޑުމެންގެ ޞިއްޙީ ޚިދްމަތްތަކަށް އެކަމުގެ އަސަރު ކުރާނެ. އަޅުގަނޑުމެންގެ ފަތުރުވެރިކަމަށް އެކަމުގެ އަސަރު ކުރާނެ. އަޅުގަނޑުމެންގެ ތަޞައްވުރަށް އެކަމުގެ އަސަރު ކުރާނެ. މިކަން އަޅުގަނޑުމެން އެންމެން ޖެހޭނެ ޤަބޫލުކުރަން. އެހެންވީމާ، ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ހަމަޖެހުމާއި އޮމާންކަމާ އެކީގައި އަޅުގަނޑުމެންގެ ޤައުމަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަކީ، ހަމަ ކޮންމެހެންވެސް އަޅުގަނޑުމެން ވަރަށްބޮޑު އިސްކަމެއް ދޭންޖެހޭނެ ކަމެއް.

އާދެ! މިއަދު އަދިވެސް ޕްރޮގްރާމްގައި ބައެއް ކަންތައްތައް ހުރުމާއެކީގައި، އަޅުގަނޑުގެ ވާހަކަ ދެން މާދިގެއް ނުކުރާނަން. ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑުގެ ވާހަކަ އައްސަވަން ތިއްބެވި ކަމަށްޓަކައި، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ތިޔަބޭފުޅުން އަޅުގަނޑަށް ތިޔަ ވިދާޅުވި މަރްޙަބާއަށްޓަކައި އަދިވެސް އެއްފަހަރު ޝުކުރު ދަންނަވައި، މާތްﷲގެ ތަނަވަސް ރަޙްމަތުން އައްޑުއަތޮޅުގެ ރައްޔިތުންނަށާއި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް، އަދަށްވުރެ ހުރިހާ ގޮތަކުންވެސް އުފާވެރި އަދި ތަރައްޤީވެފައިވާ މުސްތަޤްބަލެއް ދެއްކެވުން އެދި އެކަލާނގެ ޙަޟުރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.