ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ހދ. ކުޅުދުއްފުށީ ރަށު ކައުންސިލަރުންނާއި، އެރަށުގެ އޮޑިވެރިންނާ މިއަދު ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ޙައްލު ހޯއްދެވުމަށް މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ރަށު ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރަށުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. އެގޮތުން، ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ސްކޫލްތަކަށް ދިމާވެގެން އުޅޭ ޖާގައިގެ ދަތިކަމާއި، ބަނދަރު ތަރައްޤީ ކުރުމުގައި ހުރި އޮޑިވެރިންގެ ކަންބޮޑުވުންތަކާއި، ކުނިކޮށީގެ މައްސަލައިގެ އިތުރުން ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމާ ބެހޭގޮތުން މިބައްދަލުކޮށްލެއްވުމުގައި ވާހަކަދެއްކެވިއެވެ.

މި ބައްދަލުވުމުގައި ކުޅުދުއްފުށީގެ އޮޑިވެރިން ވަނީ ބަނދަރު ތަރައްޤީކުރުމަށް މިހާރު ފަށާފައިވާ މަޝްރޫޢަކީ ބަނދަރުގެ ބޭނުން އެންމެ ގިނައިން ކުރަންޖެހޭ މީހުންކަމުގައިވާ އޮޑިދޯނި ފަހަރު ގެންގުޅޭ އޮޑިވެރިން އެންމެ ބޭނުންވާގޮތަށް ރޭވިފައިވާ މަޝްރޫޢެއް ނޫން ކަން ފާހަގަކުރައްވާފައެވެ. އަދި، މިކަމުގައި ވީ އެންމެ އަވަހަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ކަންކަން ކުރިޔަށްގެންދިޔުން ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ކައުންސިލަރުންނާއި އޮޑިވެރިން ފާހަގަކުރެއްވި ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކަމާގުޅޭ މިނިސްޓްރީތަކާއި ގުޅިގެން ވީހާވެސް އަވަހަކަށް އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ވަޑައިގެން އެތަނުގެ ޙާލަތު ބައްލަވައިލައްވައި، ހޮސްޕިޓަލުގައި އެވަގުތު ތިބި ބަލިމީހުންނާއި ބައްދަލު ކުރައްވައި އެމީހުންގެ ޙާލުއަހުވާލު ބައްލަވައިލައްވައިފައެވެ.