ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހދ. ނޮޅިވަރަންފަރަށް މިއަދު ޒިޔާރަތްކުރައްވައި އެރަށު ކައުންސިލަރުންނާއި، ނޮޅިވަރަންފަރު ސްކޫލްގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.


މިއަދު ހަވީރު ނޮޅިވަރަންފަރު ކައުންސިލް އިދާރާގައި އޮތް މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުން ހުރި ކަންކަމާއި ރަށުގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. އެގޮތުން، ކައުންސިލުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ނަރުދަމާ ނިޒާމު ޤާއިމުވެފައި ނެތުމުން ކުރިމަތިވާ ދަތިތަކާއި، ކުނި މެނޭޖްކުރުމުގައި ދިމާވާ ދަތިތަކާއި، ކުޅިވަރު ކުޅޭނެ ރަނގަޅު ފެންވަރުގެ ދަނޑެއްގެ މުހިންމުކަމާއި، ރަށަށް ދިމާވެފައިވާ ކަރަންޓުގެ ދަތިކަމުގެ އިތުރުން ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.


ނޮޅިވަރަންފަރު ސްކޫލްގެ އިސް ވެރިން ވެސް ވަނީ ސްކޫލަށް ދިމާވެފައިވާ ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. މިގޮތުން ސްކޫލްގެ އިސްވެރިން އެންމެ ބޮޑަށް ފާހަގަކުރައްވާފައިވަނީ ސްކޫލް ޢިމާރާތުގެ ޖާގައިގެ ދަތިކަމުގެ މައްސަލައެވެ. މީގެ އިތުރުން ސްކޫލްގެ އިސްވެރިން ވަނީ ނޮޅިވަރަމަކީ ތަޢުލީމީ ތާރީޚެއް އޮތް ސްކޫލެއްކަން ފާހަގަކުރައްވައި އަދި އެ ސްކޫލަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ކިޔަވަމުންދާ ސްކޫލެއްކަން ފާހަގަ ކުރައްވައި އެކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ސަމާލުކަމަށް ގެންނަވާފައެވެ. އަދި، މިވަގުތު އެ ސްކޫލްގައި ސެން ކްލާސްރޫމެއް ނެތުމުން އެފަދަ ކުދިންނަށް ކިޔަވައިދިނުމުގައި ދިމާވާ ދަތިތައް ސްކޫލްގެ އިސްވެރިން ވަނީ ހާމަކުރައްވާފައެވެ.


މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ތަޢުލީމީ ދާއިރާ އަކީ މި ސަރުކާރުން އެންމެ އިސްކަންދެއްވާ އެއް ދާއިރާކަމަށާއި، ސަރުކާރުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއްކުރާ އެއް ދާއިރާކަންވެސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު އިތުރަށް ދެއްކެވިވާހަކަފުޅުގައި ސްކޫލާއި ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކަމާގުޅޭ މިނިސްޓްރީތަކާއި ގުޅިގެން ވީހާވެސް އަވަހަކަށް އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.