ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިފެށޭ އޮގަސްޓް މަހުގެ 2 އިން 4 އަށް ސީޝެލްސްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ ސީޝެލްސްގެ ރައީސް ޑެނީ ފޯރޭގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. ސީޝެލްސްގެ ރައީސް ޑެނީ ފޯރޭ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިދަތުރުފުޅުގެ ދަޢުވަތު ދެއްވައި ފޮނުއްވި ސިޓީފުޅު އެމަނިކުފާނަށް އެރުވީ ސީޝެލްސްގެ ރައީސްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން އެޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ކެބިނެޓް އެފެއާޒް، މުޙައްމަދު އަފީފް ރާއްޖެއަށް ކުރެއްވި ރަސްމީ ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ސީޝެލްސްއަށް ކުރައްވާ މި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި 6 އެއްބަސްވުމެއްގައި ސޮއިކުރައްވައި ދެޤައުމުގެ ދެމެދުގައި އެންމެ މަތީފެންވަރުގެ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ސަބަބުން ސީޝެލްސްއާއި ދިވެހިރާއްޖެއާއި ދެމެދު މިހާރު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.