އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ފުރުޞަތު ލިބިއްޖެއެވެ.

އިންޑިޔާ ކަނޑުގެ ޖަޒީރާ ޤައުމުތަކުގެ ކުޅިވަރު މުބާރާތް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ.) 2023، ބާއްވާ ޤައުމުގެ ގޮތުގައި ދިވެހިރާއްޖެ ހަމަޖެހުނީ މިއަދު އޮތް އައި. އޯ. އައި. ޖީ ގެ ކައުންސިލް ބައްދަލުވުމުން އެގޮތަށް ނިންމުމާއި ގުޅިގެންނެވެ.

2023 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ދިވެހިރާއްޖެއިން ކުރި މަސައްކަތް މިއަދު ކާމިޔާބުވެފައިވާއިރު ރާއްޖެއަށް މިޝަރަފު ލިބުނީ މަޑަގަސްކަރަ އަދި ކޮމޮރޯސްއާއި ވާދަކޮށްގެންނެވެ.

އައި.އޯ.އައި.ޖީ 2023 ރާއްޖޭގައި ބާއްވާއިރު ސަރުކާރުން ސީދާ އެ މުބާރާތްތަކަށް އަމާޒުކޮށްގެން، ބޮޑެތި ޚަރަދުތަކެއް ކުރުމުގެ ބަދަލުގައި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅުވައިގެން، އެ މުބާރާތް ރާއްޖޭގައި ބޭއްވުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އައިއޯއައިޖީ 2019 ގައި ބައިވެރިވި ކުޅުންތެރިންނާ ބައްދަލުކުރައްވައި މިމަހުގެ 14 ވަނަ ދުވަހު ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއްކަމުގައެވެ. އަދި އެއީ ކުޅުންތެރިންތަކެއް އުފައްދައި، ހުނަރުވެރި ޤާބިލް، އަދި ހަށިހެޔޮ ޒުވާން ޖީލެއް ބިނާކުރުމުގެ ބޭނުމުގައި ކަނޑައެޅުއްވި ސިޔާސަތެއްކަމުގައި ވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.

ބައިނަލްއަޤްވާމީ މުބާރާތަކުން ރާއްޖެއަށް އެންމެ ފުރަތަމަ މެޑެއްޔެއް ލިބުނީ، މީގެ 40 އަހަރު ކުރިން އެންމެ ފުރަތަމަ ބޭއްވި އައި.އޯ.އައި.ޖީ ގައެވެ. ރާއްޖެއަކީ މި މުބާރާތުގެ ފައުންޑަރ މެންބަރު ޤައުމެއްވެސް މެއެވެ.

މޮރިޝަސްގައި މިއަހަރު ބޭއްވި އައިއޯއައިޖީގައި ބައިވެރިވި ދިވެހި ޓީމުތަކާއި ކުޅުންތެރިންގެ ކުޅިވަރުތައް ކުރިއަށް ދިޔައިރު ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ ކުޅިވަރުތައް ކުރިޔަށްދިޔަ ތަންތަނަށް ވަޑައިގެން ދިވެހި ޓީމުތަކަށް ތަރުޙީބުދެއްވައި ހިތްވަރު ދެއްވައިފައެވެ. އައި.އޯ.އައި.ޖީގައި ރާއްޖޭގެ ފަރާތުން 14 ކުޅިވަރެއްގައި މިއަހަރު ބައިވެރިވެފައިވާއިރު ރާއްޖެއިން ވަނީ ޓޭބަލް ޓެނިސްގެ ޓީމު އިވެންޓުންނާއި ބެޑްމިންޓަން ސިންގަލްސް އިން ރަންމެޑެލް ހާޞިލްކޮށްފައެވެ. އަދި އެހެން ބައެއް ކުޅިވަރުތަކުންވެސް ރިހި މެޑަލްއާއި ބްރޯންޒް މެޑެލް ރާއްޖޭގެ ޓީމުތަކުން ހޯދާފައިވެއެވެ.