"ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ސެޓްލްމަންޓް އެގްރީމަންޓްސް ރިސަލްޓިންގ ފްރޮމް މީޑިއޭޝަން" މުޢާހަދާގައި ސޮއިކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ އެކަމާމެދު މަޖިލީހުގެ ލަފާފުޅަކަށް ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް މި ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
"ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ސެޓްލްމަންޓް އެގްރީމަންޓްސް ރިސަލްޓިންގ ފްރޮމް މީޑިއޭޝަން" މުޢާހަދާ އަކީ މީޑިއޭޝަން މެދުވެރިކޮށް ނިންމާ މައްސަލަތަކުން އުފެދޭ ބައިނަލްއަޤްވާމީ ސެޓްލްމަންޓް އެގްރީމަންޓްތައް، މި މުޢާޙަދާގައި ބައިވެރިވާ ޤައުމުތަކުން ބަލައިގަނެ އެޤައުމުތަކުގައި އެ އެއްބަސްވުންތައް ތަންފީޒުކުރުމުގައި ޤައުމުތަކުގެ މެދުގައި އެއް އުޞޫލުތަކަކާއި އިންތިޒާމުތައް ޤާއިމުކުރުމަށް މަގުފަހިކުރުމަށް އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ ޤާނޫނީ އޮނިގަނޑެކެވެ.

މި މުޢާޙަދާއަކީ 20 ޑިސެންބަރު 2018ގައި އ.ދ ގެ އާންމު މަޖިލީހުން ބަލައިގެންފައިވާ މުޢާހަދާއެކެވެ. މި މުޢާހަދާގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ 7 އޯގަސްޓް 2019 ވަނަ ދުވަހު ސިންގަޕޫރުގައެވެ.