1. ސުވާލު: އިބްރާހީމް އިޤްބާލް:

ރައީސް އިންޑިޔާއަށް މި ކުރެއްވި ދަތުރުފުޅުގައި، މި ބައިވެރިވި ކޮންފަރެންސުން ރާއްޖެއަށް ކުރާނީ ކޮންކަހަލަ ފައިދާތަކެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

މި ކޮންފަރެންސަކީ މަހާތުމާގާނދީ، މީގެ 100 އަހަރު ކުރިން އޭނާ އިޢުލާނު ކުރެއްވި ސަތުޔަގުރަހާ ކިޔާ ޙަރަކާތެއްގެ 100 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި، އިންޑިއަން ނޭޝަނަލް ކޮންގްރެސްގެ ފަރާތުން ބޭއްވި ޖަލްސާއެއް. އެހެންވީމާ، އެއީ ވަރަށް މުހިންމު ޙަރަކާތެއް. މިތަނަށް ވަރަށްގިނަ ބޭފުޅުން، ބައެއް ޤައުމުތަކުގެ ވެރިން ނުވަތަ މަތީ ފެންވަރުގެ ބޭފުޅުން ވަޑައިގެންނެވި. އަދި ދުނިޔޭގެ އެކިއެކި މުފައްކިރުންނާއި، ވަރަށްގިނަ ފަންނުތަކުގެ އިސްބޭފުޅުން މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި. މި ހުރިހާ ބޭފުޅުންގެ ވާހަކަފުޅުން އެނގޭގޮތުގައި، އެ ޙަރަކާތަކީ ވަރަށް މުހިންމު ޙަރަކާތެއް. އަދި ޚާއްޞަކޮށް، މިއަދުގެ ދުނިޔެއަށް ވަރަށް ބޭނުންވެފައިވާ ޙަރަކާތެއް. އެއީ، މައްސަލަތައް ޙައްލު ކުރުމުގައި ބާރުގެ ބޭނުންނުކޮށް، ޞުލްޙަވެރިކަމާ އެކީގައި ވާހަކަ ދައްކައިގެން، އެންމެން ޞުލްޙަވެރިވެގެން، އެކުގައި މަސައްކަތް ކޮށްގެން މައްސަލަތައް ޙައްލުކުރުން. އެއީ އަޞްލު މި ޙަރަކާތުގެ ބޭނުމަކީ.

ސަތުޔަގުރަހާގެ މާނައަކީ، ޙަޤީޤަތް ޤަބޫލުކުރާ މީހާ. ތެދު ޤަބޫލުކުރާ މީހާ. ގާނދީ ވިދާޅުވެފައި އޮތް ގޮތުގައި، ތެދަކީ ޢަދުލު އިންޞާފު. ތެދަކީ ޞުލްޙަވެރިކަން. ތެދަކީ އެކުވެރިކަން. ތެދަކީ ރައްޔިތުންގެ ތަރައްޤީ.

އެހެންވީމާ، މިކަންކަން ޤަބޫލުކުރާ ބަޔަކު، އެގޮތަށް މަސައްކަތް ކުރަންވާނީ، ޞުލްޙަވެރިކަމާ އެކީގައިކަން. އެއްވެސް ކަހަލަ ހަރުކަށި ޢަމަލެއް، އެއްވެސްކަހަލަ ވަޔަލެންސެއް. ހަނގުރާމައެއް ކޮށްގެން ނުވާނެކަން. ހަނގުރާމަ ކުރުމުން، އޭގެ ނަތީޖާ ވަރަށް ނުރައްކާވެގެންދާނެ ކަމާއި، އަދި އެކަން އިންސާނީ ތާރީޚުންވެސް އެނގޭކަން. މިއީ މި ޖަލްސާގެ ބޭނުމަކީ. މިކަން އިތުރަށް ދުނިޔެއަށް ފެތުރުން. އަޅުގަނޑުމެންގެ ރާއްޖެއަށްވެސް މީގެ ބޭނުންކުރެވޭނެ. އެއީ ރާއްޖޭގައިވެސް އަޅުގަނޑުމެން މި ގެންނަ ބަދަލުތައްވެސް ގެންނަން ޖެހޭނީ، ޞުލްޙަވެރިކަމާ އެކީގައި. އެންމެން ވާހަކަ ދައްކައިގެންކަން އިތުރަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭނެ. އެއްވެސް ކަހަލަ ހަރުކަށި ޢަމަލެއް، ޤާނޫނާ ޚިލާފު ޢަމަލެއް ކޮށްގެން ރަނގަޅު ބަދަލެއް ނުގެނެވޭނެކަން.

އެހެންވީމާ، އަޅުގަނޑުމެންނަށް އެބަ ފެނޭ، ދުނިޔޭގެ މިހާ ބޮޑެތި ޒަޢީމުން، އެކި ފަންނުތަކުގެ ޒަޢީމުން ވަޑައިގެން އަދި ޚާއްޞަކޮށް ނޯބެލް އިނާމު ލިބިވަޑައިގެން ތިއްބެވި ތިން ބޭފުޅަކުވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި. އެ ހުރިހާ ބޭފުޅުންގެ ވާހަކަފުޅުތަކުން އެނގޭ އެންމެމޮޅު ގޮތަކީ، މައްސަލަތައް ޙައްލު ކުރުމުގައި، ޞުލްޙަވެރިގޮތްކަން. ބާރުގެ ބޭނުންނުކުރުންކަން. ވާހަކަ ދައްކައިގެން ކަންތައްތައް ޙައްލުކުރުންކަން.


2. ސުވާލު: އިބްރާހީމް އިޤްބާލް:

ޒުވާނުންނަށް ދެއްވަން އެއްވެސް ކަހަލަ މެސެޖެއް އެއްޗެއް އެބައޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ޒުވާނުންނަށް އަޅުގަނޑު ބުނަން ބޭނުންވާ ވާހަކައަކީ، ޒުވާނުންވެސް ދުނިޔޭގެ ކަންތައްތައް ހިނގަމުންދާގޮތާ ދޭތެރޭގައި، ވަރަށް ވިސްނަންޖެހޭނެއޭ. ތަޖުރިބާ ޙާޞިލުކުރަންޖެހޭނެއޭ. ޢިބްރަތްވެސް ލިބިގަންނަންޖެހޭނެއޭ. ޒުވާނުން ބޭނުންވާ ކަންތައްތަކެއް އެބަހުރި. ޒުވާނުންގެ ޙައްޤުތަކެއް އެބަހުރި. އެ ޙައްޤުތައް ސަރުކާރުންވެސް ހޯދައިދޭން މަސައްކަތް މި ކުރަނީ. ޒުވާނުންނަށް އެކަށީގެންވާ ފުރުޞަތުތައް ހޯދައިދޭން، ތަޢުލީމާއި، ވަޒީފާއާއި، ކުރިއެރުމުގެ ހުރިހާ ފުރުޞަތެއް ރާއްޖޭގައި ޒުވާނުންނަށް ހޯދައިދެވޭތޯ ސަރުކާރުން މި މަސައްކަތް ކުރަނީ. އެހެންވީމާ، ޒުވާނުންވެސް ސަރުކާރާ އެއްބާރުލައިގެން، މި ކަންތައްތައް ކުރިއަށް ގެންދިޔުމަށް، މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް. އެއީ އަޅުގަނޑު ބުނަން ބޭނުންވާ ވާހަކައަކީ. ކޮންމެ ޒުވާނަކީވެސް ޤައުމަށް އިޚްލާޞްތެރި މީހަކަށްވާށޭ. ދީނަށް ތެދުވެރި މީހަކަށްވާށޭ. ޤައުމުގެ ތަރައްޤީގައި ބައިވެރިވާ، ޙިއްޞާކުރާ މީހަކަށްވާށޭ.


3. ސުވާލު: އިބްރާހީމް އިޤްބާލް:

މި ދަތުރުފުޅުގައި އިންޑިޔާގެ ރައީސާއި އިންޑިޔާގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުންވެސް އެބައޮތް. ދެން މިބައްދަލުކުރެއްވުންތަކުގެ އެއްވެސް ތަފްޞީލެއް އަދި ދެއްވެން އޮތްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑު މިހާތަނަށް މި ބައްދަލުކުރީ، އިންޑިޔާގެ އިންޑިޔަން ނޭޝަނަލް ކޮންގްރެސްގެ ޕްރެޒިޑެންޓް. އެއީ ސޯނިޔާ ގާނދީ. ސޯނިޔާ ގާނދީއާ އިއްޔެ ބައްދަލުކުރިން. ދެން މިތާނގެ ބައެއް މިނިސްޓަރުންނާވެސް ބައްދަލުކުރިން. އިރާދަކުރެއްވިއްޔާ މާދަމާ އޮތީ، އިންޑިޔާގެ ބޮޑުވަޒީރާއި އަދި ރައީސާ ބައްދަލުކުރުން. އެހެންވީމާ، އެ ބައްދަލުކުރުމުގެ ވާހަކައެއް އަދި ދެންނެވޭކަށް ނޯންނާނެ. އެހެން ނަމަވެސް، ސޯނިޔާ ގާނދީއާ ބައްދަލުކޮށް ދެއްކި ވާހަކައިގައި، އަޅުގަނޑުމެން ދެ މީހުންވެސް ފާހަގަކުރީ، ދިވެހިރާއްޖެއާއި އިންޑިޔާއާ ދޭތެރޭގައި އޮންނަ ރަނގަޅު ގުޅުން. އަނެއްކާ މި ގުޅުން އިތުރަށް ބަދަހިކޮށް ކުރިއަށް ގެންދިޔުމަކީ، ދެ ޤައުމުގެ ފައިދާއާއި، ދެ ޤައުމުގެ ރައްޔިތުންގެ މަޞްލަޙަތާއި މަންފާއަށް ވަރަށްބޮޑަށް ބޭނުންވެފައިވާ ކަމެއް ކަމަށް. ދެން ޝްރީމަތީ ސޯނިޔާ ގާނދީއަކީ، ޕާޓީގެ ޒަޢީމާ ކަމަށްވީމާ، ޙަޤީޤަތުގައި، ހިންގުމުގެ ބާރުގެ ވަރަށްބޮޑު ބައެއް އަދާކުރައްވާ ބޭފުޅެއް އެއީ. އެހެންވީމާ، އަޅުގަނޑު، ސަރުކާރުގެ ނަމުގައި އިންޑިޔާއަށް ޝުކުރު އަދާކުރިން. ސުނާމީ ކާރިސާގެ ފަހުން ދެއްވި އެހީއާއި، އަދި އެނޫން ކަންތައްތަކުގައިވެސް އިންޑިޔާ ސަރުކާރުން ރާއްޖެއަށް ބަހައްޓަވާ ގާތްގޮތާއި، އަދި ހުރިހާ ދާއިރާއެއްގައިވެސް ރާއްޖެއާ އެއްބާރުލައްވަމުން ގެންދަވާތީ، އެކަމަށްޓަކައި އަޅުގަނޑު ޝުކުރު އަދާކުރިން.


4. ސުވާލު: އިބްރާހީމް އިޤްބާލް:

އިތުރަށް އެއްވެސް ވާހަކައެއް ވިދާޅުވަން ބޭނުންތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އިތުރަށް އަޅުގަނޑު ބުނަން ބޭނުން ވާހަކައަކީ، އަޅުގަނޑުމެން މިހާރު ރާއްޖޭގައި މި ހިންގާ އިޞްލާޙީ ޕްރޮގްރާމަކީ، ވަރަށް މުހިންމު ޕްރޮގްރާމެކޭ. އެ ޕްރޮގްރާމް ވަރަށް އަވަހަށް ކާމިޔާބު ކުރަން ބޭނުންވެޔޭ. އަދި މިތާނގައި އަޅުގަނޑު ބައްދަލުކުރި ހަމަ ހުރިހާ ބޭފުޅުންވެސް، ރާއްޖޭގެ އިޞްލާޙީ ޕްރޮގްރާމް ރަނގަޅުކަމުގެ ވާހަކަ ވިދާޅުވި. އެކަމަށް ތަޢުރީފު ކުރެއްވި. އެކަމަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ. އެހެންވީމާ، އަޅުގަނޑުމެން ރާއްޖޭގެ އެންމެންވެސް އަތުގުޅާލައިގެން މަސައްކަތް ކޮށްގެން، މިޕްރޮގްރާމް އެއީ ޢަމަލީ ޕްރޮގްރާމެއްގެ ގޮތުގައި ހަދަމާތޯއޭ. އެންމެން އެއްބާރުލައިގެން އަވަހަށް ނިންމާ، އޭރުން މި އަހަރު ޤާނޫނުއަސާސީ ނިންމައި، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ތަފާތު ޕާޓީތައް ބައިވެރިވާ އިންތިޚާބެއް ބާއްވާ، މިކަންތައްތައް ވެގެން ދިޔައީމާ، ދުނިޔޭގެ އެންމެންނަށްވެސް އެނގޭނެ، ދިވެހި ރައްޔިތުންނަށްވެސް އިޙްސާސްވާނެ، ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީއެއް ޤާއިމުވެއްޖެކަން. އެއީ، ވަރަށް މުހިންމު ކަމެއް. އެ ވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ. މިއަދު އަޅުގަނޑު ބައްދަލުކުރި ވަރަށްގިނަ ބޭފުޅުންވެސް އަޅުގަނޑުމެންގެ އިޞްލާޙީ ޕްރޮގްރާމްގެ ފޮތް ބައްލަވާލައްވާފައި، އެކަމުގެ ރަނގަޅުކަން، އެކަން ފާހަގަކުރައްވައި، އެ ހުރިހާ ބޭފުޅުންވެސް އަޅުގަނޑުމެންނަށް ޝުކުރުވެސް އަދާކުރެއްވި. އެހެންވީމާ، މިކަމަކީ މުޅި ދުނިޔެ މިހާރު ޤަބޫލުކުރާ ކަމެއް. ސަރުކާރުން ވަރަށް އިޚްލާޞްތެރިކަމާއެކު ޕްރޮގްރާމް ހިންގާކަން، ދުނިޔޭގެ އެންމެންވެސް ޤަބޫލުކުރޭ. ހުރިހާ ޤައުމުތަކުގެ، އަޅުގަނޑު ބައްދަލުކުރި ހުރިހާ ހުރިހާ ވެރިން، ހުރިހާ ވަޒީރުން މިކަން ޤަބޫލު ކުރައްވާ. އެހެންވީމާ، ދިވެހި ރައްޔިތުން މިކަމަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވައިގެން، ސަރުކާރާ އެކީގައި، ހަމައެކަނި ރައްޔިތުންނެއް ނޫން. ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތައްވެސް މިކަން ރަނގަޅަށް ޤަބޫލުކުރައްވައި، ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވައިގެން، މި އިޞްލާޙީ ޕްރޮގްރާމް، ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށްވާތީ، އެކަމުގައި ހުރިހާ ބޭފުޅުންގެ، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުމަށް، އަޅުގަނޑު އެދެން. އެއީ، އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ.

___________________