މޮރިޝަސް ސަރުކާރުގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މޮރިޝަސްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މޮރިޝަސްގެ ސަރ ސީވޫސަގަރު ރަމްގޫލަމް އިންޓަރނޭޝަނަލް އެއަރޕޯޓުން މިއަދު ހަވީރު ފުރާވަޑައިގެންފިއެވެ.

މޮރިޝަސްއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެޤައުމުގެ ވަގުތީ ރައީސް ހިޒް އެކްސެލެންސީ ޕެރަމަސިވަން ޕިއްލޭ ބާރލެން ވިޔަޕޫރޭ އަދި އެޤައުމުގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ޕްރަވިންދް ޖަގްނައުތް އާ ބައްދަލުކުރައްވައި ރާއްޖެއާ މޮރިޝަސްއާ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މޮރިޝަސްގެ ޕޯޓް ލުއީގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 (އައި.އޯ.އައި.ޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އައި.އޯ.އައި.ޖީ.ގައި ދިވެހި ޓީމުތައް ވާދަކުރި ބައެއް ކުޅިވަރުތައް ބައްލަވާލައްވައި ދިވެހި ޓީމުތަކަށް ތަރުހީބު ދެއްވާފައެވެ.

މި މުބާރާތުން ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމު އިއްޔެ ރަންމެޑެލް ހާޞިލްކޮށްފައިވާއިރު ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމު ވަނީ ބްރޮންޒް މެޑަލް ހާޞިލުކޮށްފައެވެ. މީގެ އިތުރުން މި މުބާރާތުގައި ރާއްޖެ ބައިވެރިވާ ކުޅިވަރުތަކުގެ ތެރޭގައި، ވޮލީބޯޅަ، ފުޓްބޯޅަ އަދި، އެތްލެޓިކްސް ހިމެނެއެވެ.