ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އިނގިރޭސި ވިލާތުގެ އެމެޖެންސީ ޕްލޭނިންގ ކޮލެޖާ އަދި ރާއްޖެއާއި ބޭރުގެ ކަމާބެހޭ ބައެއް ފަރާތްތައް ގުޅިގެން އެމެޖެންސީ ހާލަތްތަކަށް ތައްޔާރުވުމާބެހޭ މަސައްކަތު ބައްދަލުވުމެއް ރާއްޖޭގައި ފަށައިފިއެވެ.

މިއަދުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެމްއެންޑީއެފާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ޞިއްޙީ ދާއިރާއާއި ސަރުކާރުގެ އެކި މިނިސްޓްރީތަކާއި މަދަނީ ޖަމުޢިއްޔާ ޖަމާޢަތްތަކުން މަންދޫބުން ބައިވެރިވެއެވެ.

މި މަސައްކަތު ބައްދަލުވުމުގެ އެންމެ ބޮޑު ބޭނުމަކީ އެމެޖެންސީ ޙާލަތެއް ކުރިމަތިވެއްޖެ ނަމަ އަމަލުކުރާނެ މިހާރަށްވުރެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމާ އަދި އެފަދަ ކަންކަމަށް ތައްޔާރުވުމުގައި އަމަލުކުރާ ގޮތްތައް މިހާރަށްވުރެ ހަރުދަނާކުރުމެވެ.

އެމެޖެންސީ ޕްލޭނިންގ ކޮލެޖްގެ ފަރާތުން ސެޝަންތައް ކުރިޔަށްގެންދާ މި މަސައްކަތު ބައްދަލުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އިނގިރޭސި ވިލާތުގެ ކައުންޓަރ ޓެރަރިޒަމް ޕޮލިސިންގއާއި ޖަކާޓާ ސެންޓަރ ފޯ ލޯ އެންފޯސްމަންޓް ކޯޕަރޭޝަން ( ޖޭސީއެލްއީސީ) ގުޅިގެން ކުރިޔަށްގެންދާ މަސައްކަތު ބައްދަލުވުމެކެވެ.