ފަލަސްޠީނުގައި ފަނޑިޔާރުކަން ކުރެއްވި ފުރަތަމަ އަންހެން ފަނޑިޔާރު، ޚުލޫދު އަލް ފަޤީހާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ފިލްމު "ދި ޖަޖް" ދެއްކުމާއި ޚިޔާލުބަދަލުކުރުމުގެ ގޮތުން ބޭއްވި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގެންފިއެވެ. މިރޭ އޮލިސްޕަހުގައި ބޭއްވި މި ޙަފުލާއަކީ މިނިސްޓްރީ އޮފް އާރޓްސް އެންޑް ހެރިޓޭޖްގެ އެހީތެރިކަމާއެކު އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާއެއް ކަމުގައިވާ އުތެމާއިން އިންތިޒާމުކުރި ޙަފުލާއެކެވެ.

މި ފިލްމުގައި ދައްކުވައިދެނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދެވި ޚުލޫދު އަލް ފަޤީހު މެދުއިރުމަތީގެ ޝަރުޢީ ކޯޓަކަށް އައްޔަންކުރި ފުރަތަމަ އަންހެން ފަނޑިޔާރުކަމުގައި ވެވަޑައިގެންނެވުމަށް ކަޑައްތު ކުރެއްވި ދިގު ރާސްތާއެވެ. އެގޮތުން ވަކީލެއްގެ ގޮތުގައި ޚުލޫދު އަލް ފަޤީހު ކުރެއްވި ބުރަ ދަތުރުފުޅާއި، އަންހެނުންނަށް އިންސާފު ހޯއްދަވައިދެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ އިތުރުން އެކަމަނާގެ ރަސްމީ ބައެއް މަސައްކަތްތަކާއި ޢާއިލީ ދިރިއުޅުއްވުންވެސް މި ފިލްމުގައި ދައްކުވައިދެއެވެ. އަދި މީގެ ކުރިން ހާމަވެފައި ނުވާމިންވަރަށް ހާމަކަމަކާއެކު މެދުއިރުމައްޗާއި، ފަލަސްޠީނުގެ ޝަރުޢީ ކޯޓުތަކުގެ ވާހަކަތައް ގެނެސްދީފައިވާ މި ޑޮކިއުމަންޓްރީގައި ފަލަސްޠީނުގެ އާދަކާދައާއި ޤާނޫނީ ދާއިރާވެސް ވަރަށް ފުރިހަމައަށް ގެނެސްދީފައިވެއެވެ.

މި ޙަފުލާގައި މި ފިލްމު ދެއްކުމުގެ އިތުރުން “އަންހެނުންނާ ފަނޑިޔާރުކަން" މި މައުޟޫޢުގެ މައްޗަށް ޕެނަލް އަކާއެކު ޚިޔާލު ބަދަލުކުރެވިފައި ވެއެވެ.