2019 ވަނަ އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ސަރުކާރުގެ ގިނައަދަދެއްގެ މުވައްޒަފުންނާއި ސްކޫލުތަކުގެ ދަރިވަރުން ބައިވެރިވާތީ، 28 ޖުލައި 2019 ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ހަމަޖައްސަވައިފިއެވެ.

މީގެއިތުރުން އަޟުޙާ ޢީދާ ގުޅިގެން ޗުއްޓީއަށާއި، އެނޫންވެސް އެހެނިހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދެއްވުމުގެ ގޮތުންނާއި، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭނޭގޮތް ހަމަޖައްސަވައި ދެއްވުމަށްޓަކައި، 15 އޮގަސްޓު 2019 ވާ ބުރާސްފަތި ދުވަހަކީ ވެސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވައިދެއްވާފައެވެ.

މިހިނގާ ޖުލައި މަހުގެ 28 ވަނަ ދުވަހާއި އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދެދުވަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވިކަން އިޢުލާން ކުރައްވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.