بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލުކުރަން.


ސްޕޯޓްސް ކޮމިޝަނަރ އަޙްމަދު ސަލީމް، ދިވެހި ކޮންޓިންޖެންޓްގެ ހެޑް އޮފް ޑެލިގޭޝަން މައިޒާން ޢަލިމަނިކު، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހިރާއްޖެ ތަމްސީލުކުރާ ހުރިހާ ކުޅުންތެރިން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ އިސްވެރިން، އެސޯސިއޭޝަންތަކުގެ އިސްބޭފުޅުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސްވެރިން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛


السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه


މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި، ދިވެހިރާއްޖެ ތަމްސީލު ކުރުމުގެ ނަސީބު ލިބިފައިވާ ތިޔަ ކުޅުންތެރިންނަށް، ދިވެހި ސަރުކާރުގެ ނަމުގަޔާއި، އެންމެހައި ދިވެހި ރައްޔިތުންގެ ނަމުގައި މަރުޙަބާ ދަންނަވަން. އަދި ތިޔަ ކުޅުންތެރިން، ދިވެހި ދިދައިގެ ދަށުގައި، ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ތިޔަ ފަށާ ދަތުރުގައި ކާމިޔާބީއަށް އެދެން.


އައި.އޯ.އައި.ޖީ. އަކީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚާ ވަރަށް ބޮޑަށް ގުޅިފައިވާ މުބާރާތެއް. ދިވެހިރާއްޖެ އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތެއްގައި ބައިވެރިވީ، 1973 ވަނަ އަހަރު ބޭއްވި ތްރީ އޭ ގޭމްސްގެ ޓީ.ޓީ އިވެންޓެއްގައި އެކަނި. ނަމަވެސް، ބައިނަލްއަޤްވާމީ މުބާރާތަކުން ރާއްޖެއަށް އެންމެ ފުރަތަމަ މެޑެއްޔެއް ލިބުނީ، އެންމެ ފުރަތަމަ ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި.


އެއީ 1979 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި މުބާރާތް. އާދެ، މީގެ 40 އަހަރު ކުރި. އޭރު ރާއްޖޭގެ ކުޅިވަރު އޮތް ޙާލަތު. ތީގެތެރެއިން ގިނަ ކުޅުންތެރިންނަށް ޚިޔާލަށްވެސް ނުގެނެވޭނެ. އެ އަހަރު ރާއްޖެ ބައިވެރިވީ ޖުމްލަ ފަސް ކުޅިވަރެއްގައި. އެއީ ފުޓްބޯޅަ، ޓީ.ޓީ، ބެޑްމިންޓަން، އަދި ބާސްކެޓް ބޯޅައާއި ވޮލީ. އެއީ ރާއްޖޭގެ ކުޅުންތެރިންނަށްވެސް މުޅިން އައު ތަޖުރިބާއެއް. ވަރަށްގިނަ އައު ކަންތައްތައް ދަސްކުރަން ޖެހުނު. މިހާރުގެ ޒުވާނުން ހިނި އަންނަ ޒާތުގެ އެތައް ކަމެއްވެސް ދަސްކުރަންޖެހުނު. އެ ކުޅުންތެރިން، އަލިބެ ވިދާޅުވިފަދައިން، އުލާއި ސަމުސަލުން ކާނެގޮތުގެ ތަމްރީނުތައްވެސް އޭރު ބާއްވަން ޖެހުނު.


އެ ހުރިހާ ކަމެއްގައި އިސްކޮށް ހުންނެވީ، ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އަލްމަރްޙޫމް މުޙައްމަދު ޒާހިރު ނަޞީރު. އެމަނިކުފާނަކީ ދިވެހި ކުޅުންތެރިން އުފެއްދުމުގައި، ރާއްޖޭގެ ތާރީޚުގައި އެންމެ އަގުހުރި ޚިދުމަތްތަކެއް ކުރެއްވި، ގިނަ ބަޔަކު ސިފަކުރާ ގޮތުންނަމަ، ދިވެހި ކުޅިވަރުގެ ބައްޕަ. އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާކުރަން.


ރާއްޖޭގެ ކުޅިވަރުގެ ޙާލަތު އޭރު ކިތަންމެ ދަށުގައި އޮތަސް، އައި.އޯ.އައި.ޖީ.ގެ ފުރަތަމަ މުބާރާތަކީ، ރާއްޖެއަށް މުޅިން ބަދުނަސީބު ފެށުމެއް ކަމުގައި އަޅުގަނޑު ނުދެކެން. ބެޑްމިންޓަންގެ އޯޕަން ޑަބަލްސް ކެޓަގަރީން ރާއްޖެ ރިހި މެޑެލް ހޯދި. ޓީ.ޓީ.ގައިވެސް ޑަބަލްސް އިވެންޓުން ބްރޯންޒް މެޑެލް ހޯދި.


ފުޓްބޯޅައިގައި ކުޅުނު ދެ މެޗުން ބަލިވިޔަސް، ޤައުމީ ޓީމުގެ ފުރަތަމަ ބައިނަލްއަޤްވާމީ ގޯލުޖެހީ އެ މުބާރާތުގައި. އެއީ މިހާރު އަޅުގަނޑުމެންނާ ވަކިވެފައިވާ އޭރުގެ ފުޓްބޯޅަ ތަރި ޢަބްދުﷲ ރަޝީދު. ކުޅިވަރުގެ ދަނޑުގައިނަމަ ޖޫލޭ. ކޮމޮރޯސް ކޮޅަށް ޖެހި ގޯލް. އައު ފެށުމަކަށް ބަލާއިރު މިއީ ރަނގަޅު ކާމިޔާބެއް.


އެ މުބާރާތުގެ ހުރިހާ ތަޖުރިބާތަކެއް ކުރެއްވި ބައެއް ބޭފުޅުން، މި ޙަފްލާގައިވެސް އެބަ ތިއްބެވި. އެއް ބޭފުޅަކީ އެ އަހަރު ދިވެހި ކޮންޓިންޖެންޓްގެ ދިދަ އުފުލުމުގެ ޝަރަފު ލިބިވަޑައިގެންނެވި، އޭރުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އިބްރާހީމް އިސްމާޢީލް. އަދި އޭރުގެ ކޮންޓިންޖެންޓްގެ އެންމެ ޒުވާން ކުޅުންތެރިޔާ، މިހާރުގެ ސްޕޯޓްސް ކޮމިޝަނަރ ހީނާ އަޙްމަދު ސަލީމުވެސް ވަރަށް ރަނގަޅަށް އެ ހަނދާންތައް ހުންނާނެ.


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކީ ރާއްޖެއަށް ވަރަށް މުހިންމު މުބާރާތެއް. ރާއްޖެއަކީ އެ މުބާރާތުގެ ފައުންޑަރ މެންބަރު ޤައުމަކަށްވާތީ، އަޅުގަނޑުމެން މި މުބާރާތަށް ދާންވާނީ ވަރަށް ވަރުގަދަ ޢަޒުމަކާއި، ވަރަށް މަތިވެރި ރޫޙެއްގައި. މިހާރު ތިޔަ ކުޅުންތެރިންނަކީ، މި ސަރަޙައްދުގެ ޤައުމުތަކަށްވެސް ދޫނުކުރާ ހުނަރުވެރި މޮޅު ކުޅުންތެރިން.


މި އަހަރުގެ މުބާރާތަށް ރާއްޖޭގެ ކުޅުންތެރިން ފުރާއިރު، އަޅުގަނޑުމެން އުންމީދުކުރާ އެހެން ކަމެއްވެސް އަދި އެބައޮތް. އެއީ، ދެން އޮންނަ މުބާރާތް، އެއީ 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުން. އެކަމަށް އަޅުގަނޑުމެން ކުރިމަތިލައިގެން، ވަރަށްގިނަ ޤައުމުތަކުގެ ރުހުމާއި ތާއީދު މިހާރުވެސް ވަނީ ކަށަވަރުވެފައި.


މިފަދަ ބޮޑު މުބާރާތެއްގެ ވާހަކަ ދައްކާއިރު، ބައެއް ބޭފުޅުންގެ ކަންބޮޑުވުންތަކެއް ހުރެދާނެ. އެކަމަށް ބޭނުންވާ ކުޅިވަރު ސްޓޭޑިއަމްތަކާއި، ދަނޑުތަކާއި، ކުޅިވަރު ކޯޓުތައް ހަދާނީ ކިހިނެއްތޯ ސުވާލު އުފެދިދާނެ. އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ މާލީ ތަނަވަސްކަން، ރާއްޖޭގައި އެބަހުރިތޯވެސް ސުވާލުކުރުން އެކަށީގެންވޭ.


އަޅުގަނޑުމެން ސީދާ އެ މުބާރާތަށް އަމާޒުކޮށްގެން، ބޮޑެތި ޚަރަދުތަކެއް ކުރާކަށް ގަސްދެއްނުކުރަން. އަޅުގަނޑުގެ ވިސްނުންހުރީ ރާއްޖޭގެ ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅުވައިގެން، އެ މުބާރާތް ރާއްޖޭގައި ބޭއްވުން. އަޅުގަނޑުމެންގެ ވަޢުދުތައް ފުދިގެންދާއިރު، ޤައުމަށް އެ އަންނަ ކުރިއެރުމަކީ، މި މުބާރާތަށް މަގު ކޮށައިދޭނެ ކަމެއް.


އެ މުބާރާތް ބޭއްވުމަށްޓަކައި، ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުތަކެއް ނުކުރި ކަމުގައިވިޔަސް، އެ މުބާރާތްތަކަށް ކުޅުންތެރިން ތައްޔާރުކުރުމަށް، ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ. އެންމެ ފުރިހަމައަށް ކުޅުންތެރިން ތަމްރީނު ކުރުމުގައި އެއްވެސް ދަތިކަމެއް އިރާދަކުރެއްވިއްޔާ ނާންނާނެ.


ސަރުކާރުން މިހާރު ގަސްދުކޮށްފައި އޮތީ، 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން އުންމީދުކުރާ ގޭމްސްއަށް، ދިވެހި ކުޅުންތެރިން ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް ދުރާލައި ފަށަން. މި އަހަރުގެ މުބާރާތް ނިމުމާއެކު، މާތްﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން އެ މަސައްކަތް ފަށާނަން. އިރާދަކުރެއްވިއްޔާ، އެއީ ހަތަރު އަހަރުގެ މުއްދަތަށް ހިންގާ ޕްރޮގްރާމަކަށްވާނެ.


ކުޅިވަރަކީ ދިވެހީންގެ ހިތުގެ ވިންދާ ގުޅިފައިވާ ކަމެއް. ދިވެހި ސަޕޯޓަރުންގެ އުންމީދުތައް މިހާރު ހުރީ ވަރަށް މަތީގައި. މިއީ މެޗަކުން އެއްވަރުވެގެން ނުވަތަ މެޗަކުން މޮޅުވެގެން އެކަނި، ހިތްހަމަޖައްސާލައިގެން ތިބެވޭ ޒަމާނެއް ނޫން. މިހާރު ދިވެހި ސަޕޯޓަރުންގެ އަމާޒަކީ މެޑެލް. އަޅުގަނޑަށް ޔަޤީން، ތިޔަ ކުޅުންތެރިންވެސް މެޑެއްޔެއް ނޫން އެހެން އެއްޗެއް މިހާރު ބޭނުމެއްނުވާނެ.


މި އަހަރުގެ ގޭމްސްއަށް ރާއްޖެ މިދަނީ، ވަރަށް ޒުވާން، ވަރަށް އުންމީދީ ކުޅުންތެރިންތަކަކާ އެކީގައި. މި އަހަރު މުޅިން އަލަށް، ދެ ކުޅިވަރެއްގައި ރާއްޖެ އެބަ ބައިވެރިވޭ. އެއީ ކައިޓް ސަރފިންގ އާއި އަދި ޕެރަ-އިވެންޓް. ޢުމުރުން އެންމެ 12 އަހަރުގެ ކުޅުންތެރިންވެސް މިފަހަރު ބައިވެރިވާކަމީ، ރާއްޖޭގައި ބާއްވަން އުންމީދުކުރާ ގޭމްސްއަށް ލިބޭ ވަރަށްބޮޑު ހިތްވަރެއް.


ތިޔަ ކުޅުންތެރިންނަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ ތަމްސީލު ކުރާނެ ސަފީރުން. ތިޔަ ކުޅުންތެރިން ހޯދާ ކޮންމެ ކާމިޔާބަކީ، އަދި ހޯދާ ކޮންމެ ރީތި ނަމަކީ، މުޅި ޤައުމަށް ލިބޭނެ ވަރަށް މަތިވެރި ފަޚުރަކާއި ޝަރަފަކަށްވާނެ. އެހެންވީމާ، ތިޔަ ކުޅުންތެރިން މުބާރާތަށް ގޮސް އުޅޭއިރު، ރީތި އަޚްލާޤުގެ އެންމެ މަތީ މިންގަނޑުގައި ހިފެހެއްޓުމަކީ، އަޅުގަނޑުގެ ވަރަށްބޮޑު އެދުމެއް.


ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް. އެއީ ހަމައެކަނި ކުޅުންތެރިންތަކެއް އުފެއްދުމުގެ ބޭނުމަކު ނޫން. އެއީ ހުނަރުވެރި ޤާބިލް، އަދި ހަށިހެޔޮ ޒުވާން ޖީލެއް ބިނާކުރުމުގެވެސް ބޭނުމުގައި އަޅުގަނޑުމެން ކަނޑައެޅި ސިޔާސަތެއް.


ކުޅިވަރު ތަރައްޤީކޮށް ކުރިއެރުވުމުގެ މަސައްކަތްތައް، މި ސަރުކާރުން ކުރިއަށް މިގެންދަނީ، ވަރަށް ޚާއްޞަ އިސްކަމެއްދީގެން. ކުޅުންތެރިން ތަމްރީނު ކުރުމަށް ބޭނުންވާ ބަޖެޓް، މިހާރު ވާނީ އެސޯސިއޭޝަންތަކަށް ހަމަޖައްސައިދީފައި. ވަކިން ޚާއްޞަކޮށް، އަޅުގަނޑު ފާހަގަކޮށްލަން، ފިރިހެން ވޮލީ ޓީމު މިހާރުވެސްވީ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް ސަރބިއާގައި.


މިއީ ވިލާތުގެ ޤައުމެއްގައި ރާއްޖޭގެ ވޮލީ ޓީމެއް ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރާ ފުރަތަމަ ފަހަރު. އެއީ ސަރބިއާ ސަރުކާރުގެ ވަރަށް ދީލަތި އެހީއެއްގެ ދަށުން ލިބުނު ފުރުޞަތަކަށްވާތީ، ދިވެހި ދައުލަތުގެ ނަމުގައި ސަރބިއާ ސަރުކާރަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އެހެން ކުޅިވަރު ޓީމުތަކަށްވެސް، އެފަދަ ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި އުންމީދުކުރާ ކާމިޔާބީ އަޅުގަނޑުމެންނަށް ހާސިލުކުރެވޭނެ.


އަޅުގަނޑުގެ ދުޢާއަކީ، މި އަހަރުގެ އައި.އޯ.އައި.ޖީ.ގައި ރާއްޖެ ވާދަކުރާ ހުރިހާ ކުޅިވަރުތަކަކުންވެސް، ތިޔަ ކުޅުންތެރިންނަށް ފުރިހަމަ ކާމިޔާބީ، މާތް ﷲ މިންވަރު ކުރެއްވުން. ތިޔަ ކުޅުންތެރިންނަށް ވަރަށް އުފާވެރި ކާމިޔާބު ދަތުރަކަށް އެދެން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.