ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލަރުންނާއި މިއަދު ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާބެހޭ މަޢުލޫމާތު ހޯއްދަވައި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުވުމުގައި މިލަދޫ ކައުންސިލަރުން ވަނީ އެރަށަށް މިހާރު އެންމެ މުހިންމު މަޝްރޫޢުތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން އެރަށުގެ ބަނދަރުގެ މަޝްރޫޢާ، ކައުންސިލު އިދާރާ ހިންގާނެ އިމާރާތެއް ނެތުމުގެ މައްސަލައާއި، ރަށްގިރުމުގެ މައްސަލައާ އަދި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއްގެ މުހިންމުކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މިލަދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ޙިއްޞާކުރެއްވިއެވެ. އަދި ކައުންސިލުން ހުށަހެޅުއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.